ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އަށް، މިއަހަރުގެ ދެވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 110 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

އެސްޓީއޯއިން އާންމުކޮށްފައިވާ އެކުންފުނީގެ ދެވަނަ ކުއާޓަރުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ ކުއާޓަރުގައި ޖުމްލަ އާމްދަނީގެ ގޮތުގައި އެކުންފުންޏަށް ލިބިފައިވަނީ 2.2 ބިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ ކުއާޓަރާއި އަޅާބަލާ އިރު 3 އިންސައްތަ އިތުރު އަދަދެކެވެ.

މިދިޔަ ކުއާޓަރުގައި އެސްޓީއޯއަށް ފައިދާގެ ގޮތުގައި ލިބިފައިވަނީ 383 މިލިއަން ރުފިޔާ އެވެ. މިއީ އޭގެ ކުރީ ކުއާޓަރާއި އަޅާބަލާއިރު 4 އިންސައްތައިގެ އިތުރުވުމެކެވެ.

ހިންގުމުގެ ހަރަދު ކެނޑުމަށްފަހު އަދި ޓެކުހަށް ކެނޑުމުގެ ކުރިން، ފައިދާއަކީ 133 މިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ ކުއާޓަރާއި އަޅާބަލާއިރު 2 އިންސައްތައިގެ އިތިރުވުމެކެވެ.

ޓެކުހަށް ކެނޑުމަށްފަހު ދެވަނަ ކުއާޓަރުގެ ސާފު ފައިދާގެ ގޮތުގައި އެސްޓީއޯއަށް ލިބިފައިވަނީ 110 މިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ ކުއާޓަރާއި އަޅާބަލާއިރު އެއް އިންސައްތައިގެ ކުރިއެރުމެކެވެ.

ކޮވިޑް-19ގެ ހާލަތު ގޯސްވެ މެއި މަހުން ފެށިގެން ސަރުކާރުން ކޮވިޑް ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކާއި ގުޅިގެން އެސްޓީއޯގެ ބައެއް ވިޔަފާރިތަކަށް އަސަރުކޮށްފައިވީނަމަވެސް، ކުންފުނިން ކުރަމުންދާ މައިގަނޑު ވިޔަފާރިތައް ރަނގަޅު ކުރެވި އެވިޔަފާރީތަކުގެ އާމްދަނީ އިތުރުކުރެވިފައިކަމަށް އެސްޓީއޯއިން ބުނެއެވެ.

މިދަޔަ އަހަރު ތެލުގެ ވިޔަފާރި އަށް އައިސްފައިވާ ހީނަރުކަމުން އަރައިގަނެވި 2021 ވަނައަހަރުގެ ފުރަތަމަ ކުއާޓަރުގައި ތެޔޮ ވިކިފައިވާ އަދަދު އިތުރުވެ، މިކުއާޓަރުގައިވެސް ވަނީ މިދިޔަ ކުއާޓަރާއި ގާތްގަނޑަކަށް އެއްވަރެއްގައި ހިފެހެއްޓިފައެވެ.

އަދީ މީގެ އިތުރުން ސިއްހީ ދާއިރާއަށް ބޭނުންވާ ބޭސް، މެޑިކަލް ކޮންސިއުމަބަލްއާއި އިކުއިޕްމަންޓްސް ވަނީ މެދުނުކެނޑި ފޯރުކޮށްދީފައެވެ.