މި ހިނގާ 2021 ވަނަ އަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ހަ ލައްކައިން މައްޗަށް އަރައިފިއެވެ.

ޓުއަރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، މިއަހަރުގެ އެއް ވަނަ ދުވަހުން ފެށިގެން، މި ހިނގާ ޖުލައި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 600،252 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 384،190 ފަތުރުވެރިންނެވެ. އަދި 2019 ވަނަ އަހަރު ޒިޔާރަތްކުރީ 982،335 ފަތުރުވެރިންނެވެ.

މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިއާއިންނެވެ. އެގައުމުން 140،824 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި އިންޑިއާއިން 99،643 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

ލިސްޓުގައި ދެން ހިމެނެނީ ޖަރުމަނުވިލާތް، ޔޫކްރެެއިން، އިނގިރޭސިވިލާތް، ސައުދީ އަރަބިއްޔާ، ކަޒަކިސްތާން އަދި ސްޕެއިންގެ އިތުރުން ރޮމޭނިއާ އެވެ.

މިހާތަނަށް ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތްދޭ 742 ތަނެއް ވަނީ ހުޅުވާލާފައެވެ. މީގެތެރޭގައި ހިމެނެނީ 154 ރިސޯޓާއި، 448 ގެސްޓްހައުސްގެ އިތުރުން 140 ސަފާރީއެވެ. މިއީ 48،420 ބެޑް ކެޕޭސިޓީއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ގެނެސްފައިވަނީ އެމިރޭޓްސްއިންނެވެ. ދެން އެންމެ ގިނަ ފަތުރުވެރިން ގެނެސްފައިވާ ލިސްޓުގައި، ގަތަރު އެއާވޭސް، އޭރޯފްލޮޓް، އިންޑިގޯ، ގޯ އެއާ، ޓާކިޝް އެއާލައިންސް، މޯލްޑިވިއަން، ފްލައި ދުބާއީ، އަޒުރު އެއާ ރަޝިއާ، އޮސްޓްރިއަން އެއާލައިންސްގެ އިތުރުން އިއްތިހާދް އެއާވޭސް ހިމެނެއެވެ.

މިއަހަރު ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު، 1.5 މިލިއަނަށް އަރާނެކަމަށް ސަރުކާރުން އަންދާޒާކުރެއެވެ.