ރ. ދުވާފަރުން ކޮވިޑް ބަލީގައި މީހަކު މަރުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނީ، ދުވާފަރު ހެލްތް ސެންޓަރުން ފަރުވާ ހޯދަމުންދިޔަ 52 އަހަރުގެ ދިވެހި އަންހެނެއް މިރޭ 07:30 ގައި މަރުވެފައިވާކަމަށެވެ.

މިއީ ކޮވިޑް ބަލީގައި ރާއްޖޭން މަރުވި 221 ވަނަ މީހާއެވެ.

މި ބަލީގައި އެންމެ ފަހުން މީހަކު މަރުވެފައިވަނީ މިމަހުގެ 27 ވަނަ ދުވަހުގައެވެ. އެދުވަހުވެސް މަރުވެފައިވަނީ ދުވާފަރު ހެލްތް ސެންޓަރުން ބައްޔަށް ފަރުވާހޯދަމުންދިޔަ މީހެކެވެ. އެއީ 66 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ދުވާފަރުގައި ކޮވިޑް-19 ބަލި ފެތުރޭތީ މެއި މަހުގެ 25 ވަނަ ދުވަހު އެރަށް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ. އެހެންކަމުން އެރަށް މޮނިޓަރިންގައި އޮންނަތާ މިވަނީ ދެމަހަށްވުރެ ގިނަ ދުވަސް ވެފައެވެ.

ކޮވިޑް ބަލީގައި މިއަދުވެސް ރާއްޖޭން 108 މީހަކު އަލަށް ޕޮޒިޓިވްވެފައިވާއިރު 14 މީހަކަށް ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ.