ވިލިމާލޭގެ ރައްޔިތުންނަށް ޚާއްސަ ޕާކިންގ ޒޯނެއް މާލޭގައި ހަދައިފިއެވެ.

މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ތަރައްގީކުރި މި ޕާކިންގ ޒޯން ހަދާފައިވަނީ މާލޭގެ ހުޅަނގު ފަރާތުން ސުނާމީ ބިނާ މައިޒާން ކުރިމަތިން ބޮޑުތަކުރުފާނު މަގުގައެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ އަލަށް ތަރައްގީކުރި މި ޕާކިންގ ޒޯނުގައި ހަތަރު ފުރޮޅުލީ އުޅަނދުފަހަރަށް 20 ޖާގަ ހަދާފައިވާނެ ކަމަށާއި މިތަނުން ޖާގަ ދޫކުރާނީ ވިލިމާލޭގެ ރައްޔިތުންނަށް އެކަނި ކަމަށެވެ.

އެގޮތުން ވިލިމާލޭގެ ރަށްވެހިންގެ ގޮތުގައި ރަށްވެހިވެފައިވާ ފަރާތްތަކުގެތެރެއިން ހަތަރު ފުރޮޅުލީ އުޅަނދުފަހަރު ގެންގުޅޭ ފަރާތްތަކަށް 15 ޖާގަ ދޫކުރެވޭނެ ކަމަށާއި ބާކީ 5 ޖާގަ ދޫކުރެވޭނީ ވިލިމާލޭގައި ދިރިއުޅޭ ފަރާތްތަކުގެތެރެއިން ހަތަރު ފުރޮޅުލީ އުޅަނދުފަހަރު ދުއްވާ ފަރާތްތަކަށް ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

މިތަނުން ޖާގަ ދޫކުރުމަށް އިޢުލާން ކުރާނެކަން ފާހަގަކޮށް ކައުންސިލުން ބުނީ ޖާގަ ދޫކުރުމުގައި އަމަލުކުރާނީ ސިޓީ ކައުންސިލްގެ ޕާކިންގ ޒޯންތަކުން ޖާގަ ދޫކުރާ އުސޫލަށް ކަމަށެވެ.

އެގޮތުން މި ޒޯންވެސް ޚާއްސަ ކުރެވިފައިވަނީ 350 ކިލޯއިން ދަށުގެ ޕިކަޕާއި ކާރާއި ވޭނަށް ކަމަށާއި ސިޓީ ކައުންސިލުން މިހާރު ޖާގަ ދޫކުރާއިރު އެކަމަށް އެދި ހުށަހަޅާ ފަރާތްތަކުން ސިޓީއަކުން ހުށަހަޅާނީ ސިޓީ ކައުންސިލްގެ އާނމު ޚިދުމަތްތަކާބެހޭ ބަޔަށް ކަމަށްވެސް ކައުންސިލުން ބުނެއެވެ.

މިކަމަށް އެދި ހުށަހަޅާއިރު އައިޑީކާޑް ކޮޕީއާއި އުޅަނދުގެ ރަޖިސްޓްރީ ކޮޕީއެއްވެސް ހުށަހަޅަންޖެހޭ އިރު ރޯޑް ވާދިނަސް ހެއްދި ލިޔުމާއި އަހަރީ ފީ ލިޔުމުގެ ކޮޕީވެސް ހުށަހަޅަން ޖެހޭނެ ކަމަށް ކައުންސިލުން ބުންޏެވެ.

މާލޭ ސިޓީ ކައުންސިލްގެ ޕާކިންގް ޒޯންތަކުން މިހާރު ޖާގަ ދޫކުރުމުގައި ކައުންސިލުން ނިންމާފައިވަނީ ޓެކްސީ ބޯޑްޖެހި ކާރަށާއި ޕިކަޕަށް މަހަކު 750.00 ރުފިޔާ ނެގުމަށެވެ.

އެހެނިހެން އުޅަނދުތަކަށް މަހަކު 1500.00 ރުފިޔާ ނެގުމަށެވެ. މިދުވަސްވަރަކީ ކޮވިޑް-19 ގެ ހާލަތުގެ ދުވަސްވަރުކަމުން މިހާލަތު ބަދަލުވެއްޖެކަމަށް ކައުންސިލުން ކަނޑައަޅަންދެން މިފަދަ އުޅަނދުފަހަރަށް ނަގާނީ މަހަކު 1000.00 ރުފިޔާއެވެ.