އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި، އިންތިޚާބު ނުކުރެވޭ އެއް ދާއިރާއާއި، އިންތިޚާބުވި ފަހުން މަގާމުން އިސްތިއުފާދެއްވި 2 ދާއިރާއެއްގެ ބައި އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

މި ތިން ދާއިރާގައި ބައި އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި އިންތިޚާބުނުކުރެވޭ ދާއިރާތަކުގެ ތެރެއިން 5 ދާއިރާއެއްގައި އަންނަ މަހުގެ 7 ވަނަ ދުވަހުވެސް އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.

އެގޮތުން އަންނަ މަހުގެ 7 ވަނަ ދުވަހު އިންތިޚާބު ބާއްވާ ރަށްތަކަކީ ހދ. ނޭކުރެންދޫ، ރ. މަޑުއްވަރީ އަދި ނ. ކެނދިކުޅުދޫގައި ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

ނޭކުރެންދޫގައި އިތުރު ގޮޑިއެއް ހުސްވެފައިވަނީ، އަންހެނުންގެ ކޮމެޓީއަށް އިންތިޚާބުވި މެމްބަރަކު މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

ކެނދިކުޅުދޫ އަދި މަޑުއްވަރީގައިވެސް އިންތިޚާބު ބޭއްވުމަށް ނިންމާފައިވަނީ، އެ ދެރަށުގެ އަންހެނުންގެ ކޮމެޓީތަކަށް އިންތިޚާބުވި މެމްބަރުންގެ ތެރެއިން މެމްބަރަކު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ކަމަށް ކޮމިޝަނުން ބުނެއެވެ.