ހިޔާ ފްލެޓްތަކަށް ބޭނުންވާ ތަކެތީގެ ކެޓަލޮގު ހިޔާ ޔޫނިއަންގެ ފަރާތުން ލޯންޗްކޮށްފިއެވެ.

މިކެޓަލޮގު ލޯންޗް ކޮށްފައިވަނީ އެކަމަށްޓަކައި ފުޑްކޯޓުގައި ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ދިވެހި ގަޢުމީ ފުޓުބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗް އަލީ ޝުޒައިންއެވެ.

މި ކެޓަލޮގަކީ ހިޔާ ފްލެޓްތައް ލިބިފައިވާ ފަރާތްތަކަަށް މަސައްކަތްތަށް ކުރުމަށް ބޭނުންވާ މަައުލޫމާތު އެއްތަނަކުން ފަސޭހަކަމާއެކު ލިބިގަތުމުގެ ފަސޭހަކަން ހޯދައިދިނުމަށް ހިޔާ ޔޫނިއަނުން ކުރެވުނު މަސައްކަތެއް ކަމަށާއި މި ކެޓަލޮގުގައި ހިމެނިފައިވާ ފަރާތްތަކާއި ޔޫނިއަނުން ވާނީ ބައްދަލުކުރެވި އެފަރާތްތަކުގެ މަައުލޫމާތު އެއްކޮށް އެ ފަރާތްތަކުގެ ގާބިލިއްޔަތުކަން ވަޒަންކޮށްފައި ކަމަށް އެ ޔޫނިއަނުން ބުނެއެވެ.

ޖުމްލަ 8 ކެޓްގެރީގެ މައްޗަށް އެކުލެވިގެންވާ މި ކެޓަލޮގަކީ ހިޔާ ފްލެޓް ލިބުނު ކޮންމެ މީހަކަށްވެސް ބޭނުންތެރި މުހިންމު ވަސީލަތެއް ކަމުގައި އެ ޔޫނިއަނުން ދެކެއެވެ.

ހިޔާ ޔޫނިއަނުން ބުނީ، ހިޔާ ފްލެޓް ލިބުނު ފަރާތްތަކަށް ހިޔާ ޔޫނިއަންގެ ފެންވަރުގައި އެހީތެރިވެދިނުމަކީ އެ ޔޫނިއަންއަށް ލިބޭ ހިތްހަމަޖެހުމެއް ކަމަށާއި މިކެޓަލޮގު ޑިޖިޓަލްކޮށް ނެރެވުނު ކަމުގައި ވީނަމަވެސް މި ކެޓަލޮގު ޕްރިންޓްކޮށް ނެރުމަށްވެސް ވިސްނަމުންދާ ކަމަށެވެ.

އެގޮތުން އޮގަސްޓުމަހުގެ 2 ވަނަ ހަފްތާގައި ކެޓަލޮގުގެ ޕްރިންޓް ކޮޕީތަށް ހިޔާ ފްލެޓްތަކުގެ ވަޒަންވެރީންނަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކޮށް ޔޫނިއަނުން ބުނީ، ލިޓަސް ކޮންސްޓްރަކްޝަން ކުންފުނިން މެއިން ސްޕޮންސް ކޮށްފައިވާ މި ކެޓަލޮގަކީ މިމަސައްކަތް ކުރުމުގެ ދާއިރާގައި ތަޖުރިބާއާއި ހުނަރާއި ގާބިލްކަމަަށް ބަލާއިރު ހިޔާ ފްލެޓްތަކުގެ ކުރަންހުރި މަސައްކަތް ތަކަށް ކުރުމަށް ބޭނުންވާ ތަފާތު ޚިދުމަތާއި ވަސީލަތް އެކުލެވިގެންވާ ކެޓަލޮގެއް ކަމަށެވެ.

އަޅުގަނޑުމެންގެ އެދުމަކީ މި ކެޓަލޮގުގެ ބޭނުން ހެޔޮގޮތުގައި ހިފައި ފްލެޓް ލިބުނު ފަރާތްތަކާއި މަސައްކަތް ކުރާ ފަރާތްތަކާއި ގުޅުވައި ދިނުމަށް ޔޫނިއަންއިން މި ފޯރުކޮށްދިން ޚިދުމަތް އޭގެ އެއްމެ ފުރިހަމަ ގޮތުގައި ބޭނުންކޮށް އިންތިޒާމްތަށް ފަހިކުރުން."
ހިޔާ ޔޫނިއަން