ކުޑަކުދިންގެ ހިޔާގެ 4 ވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގިއިރު އެތަނުގައި ހުރި މުހިންމު ލިޔެކިއުންތައް ހުރީ ރައްކާތެރިކުރެވިފައި ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.

ކުޑަކުދިންގެ ހިޔާގެ 4 ވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާތީ އެކަމާ ގުޅިގެން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، 2011 މެއި 6 ވަނަ ދުވަހުގައި އަލިފާނުގެ ހާދިސާއެއް ހިނގުމާއި ގުޅިގެން، މިފަހަރު އަލިފާނުގެ ހާދިސާ ހިނގާދިޔަ އިމާރާތްވަނީ ކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހުސްކުރެވިފައި ކަމަށާއި އެތަނުގައި ކުދިން ބެލެހެއްޓުން ހުއްޓާލުމަށް 2021 މޭ 24 ވަނަ ދުވަހުން ފެށިގެން ނިންމާފައިވާ ކަމަށެވެ.

އެގޮތުން، އިއްޔެ ހާދިސާ ހިނގާދިޔަ އިމާރާތުގައި އެއްވެސް ކުއްޖަކު ދިރިއުޅެމުން ނުދާއިރު ތަނުގައި ހުރި މުހިންމު ލިޔެކިއުންތައް ވަނީ ރައްކާތެރިކުރެވިފައި ކަމަށާއި، ކުޑަކުދިންގެ ހިޔާގައި ދިރިއުޅެމުންދިޔަ 54 ކުދިން ރައްކާތެރި މާހައުލުތަކަށް ބަދަލުކުރުމުގެ މަސައްކަތުގެ ތެރެއިން މިހާރު ތަނުގައި ހުރީ އެންމެ ކުއްޖެއް ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

އެގޮތުން. އެކުއްޖާވެސް ދިރިއުޅެމުންދަނީ ކުޑަކުދިންގެ ހިޔާގެ ގޯތިތެރޭގައި އަމާން ހިޔާގެ ގޮތުގައި ކަނޑައަޅާފައިހުރި ވަކި އިމާރާތެއްގައި ކަމަށާއި އަދި އެތަނުގައި ވަގުތީގޮތުން އެކި އިޖުރާޢަތްތަށް ފުރިހަމަ ކުރުމަށްޓަކައި އިތުރު ދެ އަންހެންކުއްޖަކު ހުރިކަމަަށް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރަށް މިވަގުތު 18 އަހަރުން މަތީގެ ދެމީހަކަށް ދައުލަތުން ރައްކާތެރިކަން ފޯރުކޮށްދެމުންދާކަން ފާހަގަކޮށް މިނިސްޓްރީންގެ ބަޔާނުގައި ބުނެފައިވަނީ، މިފަދަ ހާދިސާތައް ހިނގުމުން، އާންމު އުސޫލެއްގެ މަތިން ހާދިސާ ތަހުގީގު ކުރުމަށް ތަހުގީގީ އިދާރާތަކައެކު އަންނަނީ މަސައްކަތް ކުރެވެމުން ކަމަށެވެ.

މިހާދިސާއިން ތަނުގައި ބަލަހައްޓަމުންދާ އެއްވެސް ކުއްޖަކަށް ގެއްލުމެއް ލިބިފައިނުވޭ. ކުޑަކުދިންގެހިޔާގެ ހާލަތު ހުރި ގޮތުން ކުޑަކުދިންގެ ހިޔާގައި ކުދިން ގިނަވެ ތޮއްޖެހުމުގެ މައްސަލައާއި ކުޑަކުދިންގެ ހިޔާގެ މާހައުލަކީ ތަނުގައި ދިރިއުޅޭކުދިންނަށް އެންމެ އެދެވޭ ހެޔޮ ބަދަލުތަކެއް ގެނުވާ ތަނެއްކަމަށް މި ސަރވިސްއަށް އަދި ކުޑަކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށް މަސައްކަތްކުރާ ދައުލަތުގެ އިދާރާތަކަށް ނުފެންނާތީ ކުދިންނަށް އެންމެ އެދެވޭ ރަނގަޅު މާހައުލެއް ހޯދައިދިނުމަށް މި ސަރވިސްއިން ކެނޑި ނޭޅި ކުރަމުންދާ މަސައްކަތުން މިހާރު މިވަނީ ކުޑަކުދިންގެ ހިޔާގައި ދިރިއުޅެމުންދިޔަ 54 ކުދިންގެ ތެރެއިން 53 ކުދިން އަތޮޅު ތެރޭގައިގާއިމްކުރެވިފައިވާ އަމާންވެށިތަކަށް އަދި ވަޒީފާގެ ފުރުސަތު ހޯދައިދީ އަނބުރާ އާއިލާތަކަށް ބަދަލުކުރެވިފަ."
ޖެންޑާ މިނިސްޓްރީ

މިވަގުތު ކުޑަކުދިންގެ ހިޔާގެ ގޯތިތެރޭގައި ހުންނަ އަމާން ހިޔާގައި ރައްކާތެރިކަން ފޯރުކޮށްދެމުންދާ ފަރާތްތަށް ތަނުގައި ތިބީ ވަގުތީ ގޮތުން ކަމަށާއި މިވަގުތު އަމާން ހިޔާގައި ތިބި ކުދިންނަކީ އެކުދިންނާއި ގުޅުންހުރި ހާއްސަ މަސައްކަތްތަކެއް ކުރެވެމުންދާ ކުދިންތަކަކަށް ވުމުން އިތުރު ތަނަކަށް ބަދަލުނުކޮށް އެތަނުގައި ބައިތިއްބާފައިވާ ކުދިން ކަމަށް ޖެންޑާ މިނިސްޓްރީން ބުނެއެވެ.

އަދި ކަމުގެ ހަގީގަތް އޮޅޭގޮތަށް އެއްވެސް ފަރާތަކުން މަޢުލޫމާތު ފެތުރުމަކީ ޖެންޑާ މިނިސްޓްރީން ކަންބޮޑުވާ ކަމެއް ކަމަށްވެސް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.