މައްކާގައި ހުންނަ މުސްލިމުންގެ އެންމެ މުޤައްދަސް ބިނާކަމުގައިވާ މަސްޖިދުލް ޙަރަމް ބޮޑުކުރުމުގެ މަޝްރޫއުރުގެ މަސައްކަތް، ހައްޖުގެ އަޅުކަމަށްފަހު އަލުން ފަށައިފިއެވެ.

މި މަޝްރޫއުގައި ހިމެނެނީ، ކޮންސްޓްރަކްޝަން މަސައްކަތާއި، އިލެކްޓްރޯމެކޭނިކަލް މަސައްކަތާއި، އާކިޓެކްޗުރަލް މަސައްކަތްތަކެވެ.

އެކި ކުންފުނިތަކަށް އެކި މަސައްކަތްތައް ދީގެން ޙަރަމްފުޅު ބޮޑުކުރުމުގެ މަސައްކަތް ކުރަމުން ގެންދާއިރު، އެތަނުގައި މަސައްކަތް ކުރުމުގެ ހުއްދަ 60 އަށްވުރެ ގިނަ ކުންފުނިތަކަށް ދީފައި ވެއެވެ.

ހައްޖުގެ މަތިވެރި އަޅުކަމަށާއި، އުމުރާއަށް އަންނަ މުސްލިމުންނަށް އެއްވެސް ދަތިއުނދަގޫކަމެއް ނެތި، ހައްޖުގެ އަޅުކަމާއި އުމްރާގެ އަޅުކަން ފުރިހަމަ ކުރުމަށް މަގުފަހި ކުރުމުގެ ގޮތުން ހިންގާ މަޝްރޫއުތަކުގެ ތެރޭގައި ކިންގް އބްދުﷲ އެކްސްޕެންޝަން ޕްރޮޖެކްޓް ހިމެނެއެވެ. މިއީ، މަސްޖިދުލް ޙަރަމްގައި ޠަވާފްކުރުމަށް ކަނޑައަޅާފައިވާ މަތާފް އިމާރާތް އިތުރަށް ފުޅާކުރުމުގެ މަޝްރޫއެވެ.

މީގެއިތުރުން، މަސްޖިދުލް ޙަރަމަށް އަންނަ މައި ދޮރާށިތައް ކަމަށްވާ ކިންގް އަބްދުލްއަޒީޒް ގޭޓް، އުމްރާ ގޭޓް އަދި އަލްފާތިހް ގޭޓްގެ މަސައްކަތްތަކުގެ އިތުރުން، މަސްޖިދުލް ޙަރަމްގެ މުންނާރުތަކުގެ މަސައްކަތްތައްވެސް ހިމެނެއެވެ.

މިއަހަރުގެ ހައްޖުގެ އަޅުކަމަށް ފެށުމުގެކުރިންވެސް، މަސްޖިދުލް ޙަރަމުގެ މުހިންމު މަސައްކަތްތަކެއް ވަނީ ކޮށް ނިންމާފައެވެ.

އޭގެ ތެރޭގައި، ޠަވާފްކުރާ މަތާފްގެ ސީލިންގ އެލުވުމާއި، ކޮންސްޓްރަކްޝަން މަސައްކަތްތަކާއި، ސަޕޯޓް ސަރވިސްއާއި، އިންފްރާސްޓްރަކްޗަރ ބޮޑެތި މަސައްކަތްތައް ހިމެނެއެވެ.

މަސްޖިދުލް ޙަރަމްގައި ކޮންސްޓްރަކްޝަން މަސައްކަތްތަކާއި، އެނޫންވެސް ތަނުގެ ޖާގަ ފުޅާކުރުމުގެ މަޝްރޫއުތަކުގެ މަސައްކަތްތައް ކުރިއަށް ދިއުމާއެކުވެސް، ކުރިއަށްއޮތް އުމްރާ ސީޒަންގައި އުމްރާގެ އަޅުކަން ފުރިހަމަ ކުރުމަށް އަންނަ މީހުންނަށް ޖާގަތަކާއި، ސަރަހައްދުތައް ޚާއްސަކުރުމުގެ މަޝްވަރާތައްވެސް ދެޙަރަމްގެ އޮފީހުން ކުރަމުން އެބަގެންދެއެވެ.

މިހާރަށް ހިންގުނު މަޝްރޫއުތަކުގެ ދަށުން ނިމިފައިވާ ތަންތަނުގެ ބޭނުން އުމްރާގެ އަޅުކަމަށް އަންނަ މީހުންނަށް ބޭނުން ކުރެވޭނޭ ކަމަށް ސައުދީ އަރަބިއްޔާއިން ބުނެއެވެ.

ޙަރަމްފުޅު ބޮޑުކޮށް ޖާގަ ތަނަވަސް ކުރުމުގެ މައި ފަސް މަޝްރޫއެއް ސައުދީ ރަސްގެފާނު އިފްތިތާހް ކޮށްދެއްވީ 2015 އަހަރުއެވެ. އެ މަޝްރޫއުތަކުގެ ތެރޭގައި މަސްޖިދުލް ޙަރަމްގެ މައި އިމާރާތް ބޮޑުކުރުމުގެ މަޝްރޫއާއި، ޙަރަމްފުޅު ވަށައިގެން ފުރަތަމަ ފަހަރަށް ހެދުނު މައި މަގުގެ މަޝްރޫއުވެސް ހިމެނެއެވެ.

ޙަރަމްފުޅާއި، ޙަރަމްފުޅުގައި ހައްޖުވެރިންނަށް ދޭ ޚިދުމަތްތައް ތަރައްގީކުރުމަށް ހިންގި މަޝްރޫއުތައް ނިމުނުއިރު، ޙަރަމްފުޅުގެ އެކި ފަންގިފިލާތަކާއެކު އެއްފަހަރާ 1،000،850 މީހުންނަށް ނަމާދު ކުރެވެއެވެ. އަދި ޙަރަމްފުޅުގެ މެދުގައި ހުންނަ ކަޢުބަތުﷲ ގެފުޅު ވަށައި، އެއްފަހަރާ ގަޑިއަކު 107،000 މީހުންނަށް ތަވާފުކުރެވެއެވެ.

ސައުދީ ސަރުކާރުން މިހާރު ކުރިއަށްގެންދާ މަޝްރޫއުތަކަކީވެސް މަސްޖިދުލް ޙަރަމް އަދިވެސް ފުޅާކުރުމުގެ މަޝްރޫއުތަކެވެ. އެގޮތުން ޙަރަމްފުޅު ހިމެނޭ ސަރަހައްދަށް 400،000 ސްކޮޔާ މީޓަރުގެ ސަރަހައްދެއް އިތުރުކުރުމަށް ރޭވިފައި ވެއެވެ. އެއީ، ގާތްގަނޑަކަށް 50 ފުޓްބޯޅަ ދަނޑުގެ ބޮޑު ސަރަހައްދެކެވެ. މިމަސައްކަތް ނިމުމުން، ޙަރަމްފުޅުގައި އެއްފަހަރާ 2.2 މިލިއަން މީހުންނަށް ނަމާދު ކުރެވޭނެއެވެ.