އިންސާނީ ވަގުފާރީގެ ޝިކާރަޔަކަށްވާ މީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާކަމަށް މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޒާ މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މާރިޔާ މިހެން ވިދާޅުވީ، އިންސާނީ ވަގުފާރިއާ ދެކޮޅަށް ބައިނަލްއަގްވާމީގޮތުން ފާހަގަކުރާ "ވަރލްޑް ޑޭ އެގެއިންސްޓް ޓްރެފިކިންގ އިން ޕަރސަންސް 2021" ގެ މުނާސަބަތުގައި މިނިސްޓްރީ އޮފް ޑިފެންސުން ނެރުއްވި ބަޔާނުގައެވެ.

މިބަޔާނުގައި މިނިސްޓަރ މާރިޔާ ވަނީ، އިންސާނީ ވަގުފާރިއަކީ އިންސާނީ ހައްގުތަކާ ދެކޮޅަށް ހިންގޭ ބޮޑު ޖަރީމާއެއްކަން ފާހަގަ ކުރައްވާފައެވެ.

އަދި އިންސާނީ ވަގުފާރީގެ ޝިކާރަޔަކަށްވާ މީހުންގެ ނިކަމެތި ހާލު ފާހަގަކުރައްވައި އެކަމަނާ ވަނީ، އެފަދަ ފަރާތްތަކުގެ ހައްގުތައް ހިމާޔަކޮށްދީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ރައީސް ސާލިހްގެ ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާކަމަށް ވިދާޅުވެފައެވެ.

"ވަރލްޑް ޑޭ އެގެއިންސްޓް ޓްރެފިކިންގ އިން ޕަރސަންސް" ފާހަގަކުރުމަށް އދ.އިން މިއަހަރު ކަނޑައަޅާފައިވާ ޝިޢާރަކީ "ވިކްޓިމްސް ވޮއިސަސް ލީޑް ދަ ވޭ" އެވެ.

މިޝިޢާރު ބިނާވެފައިވަނީ އިންސާނީ ވަގުފާރީގެ ޝިކާރަޔަކަށްވާ ފަރާތްތަކުގެ އަޑު އަހައި، އެފަދަ ފަރާތްތަކުގެ އިހްސާސްތައް އިތުރަށް ދެނެގަނެ އެކަންކަމަށް ބިނާކޮށް ސިޔާސަތުތައް ބައްޓަންކުރަން ހިތްވަރުދިނުމުގެ މައްޗަށެވެ.

އެހެންކަމުން، މިޝިޢާރަކީ އިންސާނީ ވަގުފާރީގެ ޝިކާރަޔަކަށްވާ ފަރާތްތަކަށް ގާނޫނީގޮތުން ދޭންޖެހޭ ހިމާޔަތާއި ރައްކާތެރިކަން ދިނުމަށް، މަސްއޫލުވެރި ވުޒާރައިގެ ހައިސިއްޔަތުން މިނިސްޓްރީ އޮފް ޑިފެންސުން ކުރަމުންގެންދާ މަސައްކަތުގެ ރޫހާ ގުޅޭ ޝިޢާރެއްކަން ބަޔާނުގައިވަނީ ފާހަގަކޮށްފައެވެ.

އެރޮނގުން މިނިސްޓްރީން މިހާރު ކުރިއަށް ގެންދަނީ، ވިކްޓިމް އެސިސްޓަންސް އަދި ޝެލްޓަރ ސަރވިސް ރެގިއުލޭޝަން އެކުލަވައިލުމާއި ވަގުފާރިއާ ދެކޮޅަށް ކޮމިއުނިކޭޝަން ސްޓްރެޓެޖީއެއް އެކުލަވައިލުމުގެ މަސައްކަތް ކަމަށް ބަޔާނުގައި ވެއެވެ.

ހިއުމަން ޓްރެފިކިންގާ ދެކޮޅަށް ގައުމުތަކުން ކުރާ މަސައްކަތްތައް ދިރާސާކޮށް، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ކޮންމެ އަހަރަކު ނެރޭ ޓްރެފިކިންގ އިން ޕަރސަންސް (ޓިޕް) ރިޕޯޓުގައި، 2017 ވަނަ އަހަރު ރާއްޖޭގެ ޕަރފޯމަންސާ ގުޅިގެން ވޮޗްލިސްޓަށް އެރުމަށްފަހު، މިމަހުގެ 1 ވަނަ ދުވަހު ވޮޗްލިސްޓުން އުނިވެ ޓިއަރ 2 އަށް ރާއްޖެވަނީ ޕްރޮމޯޓްވެފައެވެ.

އިންސާނީ ވަގުފާރިއާ ދެކޮޅަށް ސަރުކާރުން އެކުލަވާލައްވާފައިވާ އެކްޝަން ޕްލޭންގެ ދަށުން، ހާސިލްކޮށްފައިވާ މުހިންމު ކުރިއެރުންތަކުގެ ތެރޭގައި، އިންސާނީ ވަގުފާރީގެ ޝިކާރައަކަށްވާ ފަރާތްތަކަށް ޚާއްސަ ޝެލްޓަރެއް ގުޅީފަޅުގައި ގާއިމްކުރުމާއި، މިނިސްޓްރީ އޮފް ޑިފެންސްގެ ދަށުން ހިންގާގޮތަށް އެންޓި-ޓްރެފިކިންގ އިން ޕަރސަންސް (އެންޓި-ޓިޕް) އޮފީސް ގާއިމްކުރުމަށާއި އެކްޝަން ޕްލޭން ތަންފީޛުކުރުމަށް ދައުލަތުގެ ބަޖެޓުން ފައިސާ ހަމަޖެއްސުމާއި، މީހުން ޓްރެފިކްކުރުން ހުއްޓުވުމާބެހޭ ގާނޫނު، އ.ދގެ ޓިޕް ޕްރޮޓޮކޯލްއާ އެއްގޮތްކުރަން ގާނޫނަށް ބަދަލުގެނައުން ހިމެނެއެވެ.