ޚިދުމަތްދޭން ފެށިތާ އަހަރަކަށްވުރެ ގިނަ ދުވަސްފަހުން، ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދޭ އެއްވެސް މީހަކު މިވަގުތު ނެތްކަމަށް އެފެސިލިޓީ ހިންގާ ހުޅުމާލޭ ހޮސްޕިޓަލުން ބުނެފިއެވެ.

ހުޅުމާލެ މެޑިކަލް ފެސިލިޓީއާކީ ރާއްޖެއިން ކޮވިޑް-19 ބަލި ފެނުމާއި ގުޅިގެން، އެބައްޔަށް ފަރުވާ ދިނުމަށް ޚާއްސަކޮށްގެން މާލެ ސަރަޙައްދުގައި ޤާއިމްކުރި ފުރަތަމަ ފެސިލިޓީއެވެ. މިއީ ހޮސްޕިޓަލެއްގެ ފެންވަރަށް ތަރައްގީކޮށްފައިވާ ފެސިލިޓީއެކެވެ.

ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފުރަތަމަ ފަހަރަށް މީހަކު އެޑްމިޓްކޮށްގެން ފަރުވާދޭން ފަށާފައިވަނީ މިދިޔަ އަހަރުގެ ޖޫންމަހުގެ 7 ވަނަ ދުވަހުއެވެ.

އެ ފެސިލިޓީން ފަރުވާދެމުންދިޔަ އެންމެ ފަހުމީހާ ރޭގެ ވަގުތެއްގައި ދޫކޮށްލާފައި ވާއިރު، މިއީ އެ ފެސިލިޓީ ހުސްވި ފުރަތަމަ ފަހަރެވެ.

ހުޅުމާލޭ މެޑިކަލް ފެސިލިޓީއަކީ 270 މީހުންނަށް ފަރުވާ ދެވޭ ކެޕޭސިޓީގައި ތައްޔާރުކޮށްފައިވާ ފެސިލިޓީއެކެވެ.

އެހެންނަމަވެސް ރާއްޖެއަށް މިފަހުން އައި ކޮވިޑްގެ ހަތަރުވަނަ ރާޅުގައި، ބަލީގައި ބޮޑުވަރުވާ މީހުންގެ އަދަދުތައް އިތުރުވެ އެތަނުގައި 300 އެއްހާ މީހުނަށް އެއްފަހަރާ ފަރުވާދީފައި ވެއެވެ.

ހަތަރުވަނަ ރާޅަކީ ރާއްޖޭން ކޮވިޑްބަލީގައި އެންމެ ގިނަމީހުން މަރުވި ރާޅެވެ. އެގޮތުން މަރުވި ގިނަމީހުން މަރުވެފައިވަނީވެސް، ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދަނިކޮށެވެ.