ނަފްރަތު އުފެއްދުން ހުއްޓަންޖެހޭ ކަމަށާއި، އެކަން ހިތުގެއަޑިން ގަބޫލުކުރައްވާ ކަމަށާއި، ނަމަވެސް ނަފްރަތުގެ އަމަލުތައް ހުއްޓުވުމަށް، ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލުން ނަފްރަތު ހުއްޓުވުމުގެ އަސްލު މަގްސަދު ފުރިހަމަ ވާނެކަމަށް ގަބޫލު ނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހީމް ނަސީމް ވިދާޅުވެއްޖެއެވެ.

ވިޓީވީގެ "ގޮނޑިކޮޅު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މެމްބަރު އިބްރާހިމް ނަސީމް ވިދާޅުވީ، ނަފްރަތު އުފެއްދުމަކީ ހުއްޓަންޖެހޭ ކަމެއް ކަމަށާއި، ނަމަވެސް ހުއްޓަންޖެހޭނީ ވަކި ދާއިރާއަކުން އުފެދޭ ނަފްރަތު އެކަނި ނޫންކަމަށެވެ.

މިކަމާ ގުޅޭގޮތުން ދިރާސާކުރެވި، ގިނަ އަދަދެއްގެ އިލްމުވެރިންނާއި ބައްދަލުކުރެވިފައިވާނެ ކަމަށާއި، ނަފްރަތު އުފެއްދުން ހުއްޓުވަން ޖެހޭކަމަށް ހުރިހާ އިލްމުވެރިންވެސް އިއްތިފާގުވެވަޑައި ގަންނަވާކަމަށް މެމްބަރ ނަސީމް ވިދާޅުވިއެވެ.

ނަމަވެސް ބިލް ޑްރަފްޓް ކުރެވިފައި އޮތްގޮތުން މިބިލުން އެހެންކަމެއް ނުކުމެ މަގްސަދު ހާސިލްނުވެ، ގައުމު ބޮޑު ދާހިލީ ހަމަނުޖެހުމަކަށް ގޮސްދާނެކަމަށް ބަލައި، ބިލާއި ބެހޭގޮތުން ބަޔާން ނެރެފައިވާނީ ގައުމީ ވިސްނުން ކުރިއަށްނެރެ، މިކަމަކީ ގައުމީ ކަމެއް ގޮތުގައި ދެކިގެން ކަމަށް ނަސީމް ވިދާޅުވިއެވެ.

ނަސީމް ވިދާޅުވީ، ބިލް މިހާރު ޑްރާފްޓް ކުރެވިފައިވާ ގޮތުން، ބިލް ފާސްވާނެކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ.

ގިނަ ކައުންސިލްތަކުން ނަފްރަތުގެ ބިލް މިހާރު އޮތްގޮތަށް ފާސްވާން ނޭދޭކަމަށް ބުނެ ބަޔާން ނެރެފައިވާއިރު، އެއީ ރައްޔިތުންގެ ވިސްނުން ކަމަށާއި، ބިލް ފާސްވާން ޖެހޭނީ މަޖިލީހުގެ މެމްބަރަކު ބޭނުންވެގެން ނުވަތަ ނުވެގެން ނޫންކަމަށް މެމްބަރު ނަސީމް ވިދާޅުވިއެވެ.

މިހާރު އެ ޑްރާފްޓް އޮތްގޮތުން އެ ފާސް ވާނެ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ. އެއީ ކޮންމެހެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެގޮތަށް ބޭނުންފުޅު ވާތީ ނުވަތަ ބޭނުންފުޅު ނުވާތީ އެއް ނޫން. ކޮންމެ ކަމެއްގަވެސް ބަލަން ޖެހޭނެ ރައްޔިތުންގެ ވިސްނުން ހުރި ގޮތް.
ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް

ސިޔާސީ މަސްރަހް ހޫނުވެގެން ދާއިރު ވަކި ޕާޓީއަކަށް ނިސްބަތްނުވެ އަމިއްލަ މެމްބަރެއް ގޮތުގައި ހުރުމަކީ ފަސޭހަކަމެއް ނޫން ކަމަށްވެސް މެމްބަރ ވިދާޅުވިއެވެ. ވަކި ޕާޓީއަކަށް ނިސްބަތްނުވި ކަމުގައިވިޔަސް، ކޮންމެ ދިވެއްސަކީވެސް ކޮންމެސް ޕާޓީއެއްގެ ފިކުރެއް ހުންނަ މީހެއްކަމަށް ތުލުސްދޫ ދާއިރާގެ މަޖިލިސް މެމްބަރު ވިދާޅުވިއެވެ.