ރައީސް އަބްދުﷲ ޔާމީން އަލުން ވެރިކަމާ ހަވާލުވެވަޑައިގެންފިނަމަ ރައްޔިތުންނަށް އިތުރު ސަޕްރައިޒްތަކެއް ގެނެސްދެއްވާނެ ކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރ މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

މަލީހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީމ ޕީޕީއެމްގެ ސަރުކާރެއް އަލުން އެކުލަވާލެވި ރައީސް ޔާމީންގެ ދެވަނަ ދައުރު ވެގެންދާނީ ރައްޔިތުންނަށް އިތުރު ސަޕްރައިޒްތަކެއް ގެނެސްދޭނެ އުއްމީދީ ވެރިކަމަކަށް ކަމަށެވެ.

އަދި ޕީޕީއެމްއަށް ގިނަ ބޭފުޅުން ގުޅުމަކީ މިވަގުތު ކޮށްދެވޭނެ އެންމެ ބޮޑު ހެޔޮކަން ކަމަށްވެސް މަލީހު ވީދާޅުވެފައި ވެއެވެ.

ދާދިފަހުން ޕީޕީއެމުން ބޭއްވި އިވެންޓެއްގައި ވާހަކަދައްކަމުން އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ޕީޕީއެމުން 100،000 މެމްބަރުން ހަމަކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ.

މަލީހުގެ އިތުރުން ގިނަ މެމްބަރުންތަކެއް ވަނީ ޕީޕީއެމާއި އަލުން ގުޅިވަޑައިގެންފައެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަބްދުﷲގެ އިތުރުން ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް އާއި ތުލުސްދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް ހިމެނިވަޑައިގަންނަވައެވެ.

ޕީޕިއެމްއިން ދަނީ މެންބަރުން އިތުރު ކުރުމަށް ހަރަކާތެއް ކުރިޔަށް ގެންދަމުންނެވެ.

ޕީޕީއެމްގެ އިތުރުން، ކުރިއަށްއޮތް ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ސިޔާސީ އެހެން ޕާޓީތަކުންވެސް ގެންދަނީ މެމްބަރުން އިތުރުކުރުމުގެ ހަރަކާތްތައް ހިންގަމުންނެވެ.