އަލަށް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް އިންޑިއާގައި އަނެއްކާވެސް މައްޗަށްދާން ފަށައިފިއެވެ.

އެގޮތުން، ވޭތުވެދިޔަ 24 ގަޑިއިރަކީ މިދިޔަ ތިންހަފްތާ ތެރޭގައި އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވްވި ދުވަސްކަމަށް އިންޑިއާ ސަރުކާރުގެ ހެލްތު މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައެވެ.

ވޭތުވެދިޔަ 24 ގަޑިއިރު 44،230 މީހުން އަލަށް ޕޮޒިޓިވްވެފައި ވެއެވެ.

ކޮވިޑްބަލީގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމާ ގުޅިގެން އިންޑިއާގެ ދެކުނުގެ ކެރަލާ ސްޓޭޓް މިހާރުވަލީ އަލުން ލޮކްޑައުން ކޮށްފައެވެ.

އިންޑިއާގައި ކޮވިޑްބަލި އެންމެ ބާރަށް ފެތުރެމުންދަނީ ޑެލްޓާ ވޭރިއެންޓުގެ ސަބަބުންނެވެ. އޭޕްރީލްމަހާއި މެއިމަހުގެ ތެރޭގައި އިންޑިއާގައި ކޮވިޑްބަލީގެ ހާލަތު ބޮއްސުންލައިގެން ދިޔައީވެސް ޑެލްޓާ ވޭރިއެންޓުގެ ސަބަބުންނެވެ.

ނަމަވެސް، ފަހުން އަލަށް ބަލިޖެހޭ މީހުންގެ ރޭޓު ދަށްވުމާ ގުޅިގެން، ގިނަ ސްޓޭޓްތަކުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދީފައި ވެއެވެ.

ވެރިރަށް ނިއުދިއްލީވެސް އަލުން ހުޅުވާލައި އިގްތިސާދީ ހަރަކާތްތައް ފަށާފައި ވެއެވެ.

އެހެން ނަމަވެސް، ބައެއް ސަރަހައްދުތަކުން އަލަށް ބަލިޖެހޭ މީހުންގެ އަދަދުތައް އަނެއްކާވެސް މައްޗަށްދާން ފަށާފައި ވެއެވެ.

މުޅި އިންޑިއާއަށް ބަލާއިރު، އެގައުމުން މިހާތަނަށް 31.57 މިލިއަން މީހުންނަށް ކޮވިޑްޖެހިފައި ވާއިރު، ބަލީގައި މަރުވި މީހުންގެ އަދަދުވަނީ 423،217 އަށް އަރާފައެވެ.

ކޮވިޑްބަލީގެ ތިންވަނަ ރާޅަކާ އިންޑިއާ ކުރިމަތިލާން ޖެހިދާނެކަމަށް މެޑިކަލް އެކްސްޕާޓުން ގަބޫލުކުރާއިރު، ސާރޖަކުން ސަލާމަތްވުމަށް ވެކްސިންޖެހުން އަވަސްކުރުމަށް ސިއްހީ އެކްސްޕާޓުން ގެންދަނީ ގޮވާލަމުންނެވެ.