ރާއްޖެއިން 107 މީހުން ކޮވިޑް ބައްޔަށް އަލަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނީ، އިއްޔެގެ ހަވީރު 6:00 އިން ފެށިގެން މިއަދުގެ ހަވީރު 6:00 ގެ ނިޔަލަށް، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޓެސްޓު ކުރެވުނީ 5،156 ސާމްޕަލް ކަމަށާއި، އޭގެތެރެއިން ޕޮޒިޓިވްވީ 107 ސާމްޕަލް ކަމަށެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 30 މީހަކު ނިސްބަތްވަނީ ގްރޭޓަރ މާލެ ސަރަހައްދަށެވެ. 56 މީހަކު ނިސްބަތްވަނީ އަތޮޅުތެރޭގެ ރަށްތަކަށެވެ. 14 މީހުން ނިސްބަތްވަނީ ރިސޯޓްތަކަށެވެ. ހަ މީހުން ނިސްބަތްވަނީ ސިނާއީ މަސައްކަތްކުރާ ރަށަކަށެވެ.

އަލަށް ޕޮޒިޓިވްވި 107 މީހުންނާއެކު، މިހާތަނަށް ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި ކަމަށް ރެކޯޑު ކުރެވުނު މީހުންގެ ޖުމްލަ އަދަދުވަނީ 77،309 އަށް އަރާފައެވެ.

އެޗްޕީއޭއިން ބުނެފައިވަނީ، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން 54 މީހުން ބަލިން ފަސޭހަވެފައިވާ ކަމަށެވެ. މިއާއެކު، ރާއްޖެއިން މިހާތަނަށް ބަލިން ފަސޭހަވި މީހުންގެ އަދަދުވަނީ 74،481 އަށް އަރާފައެވެ.

އެކްޓިވް ކޭސަސްގެ އަދަދު މިހާރުވަނީ 2،595 ގައެވެ. މީގެތެރެއިން 13 މީހަކަށް ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދާ ކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ.