ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ކޮއްކޯފުޅު ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމާ ދެކޮޅުވީ މައުމޫންގެ "ލެގަސީ" ގެއްލޭތީކަމަށް ދެއްކި ވާހަކަތައް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން ދޮގުކުރައްވައިފިއެވެ.

ފީފީއެމްއިން ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަަމުން އިދިކޮޅު ކޯލިޝަންގެ ލީޑަރު އަބްދުﷲ އަބްދުއްރަހީމް ވަނީ ރައީސް މައުމޫނަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ.

އެގޮތުން ރައީސް މައުމޫން، ރައީސް ޔާމީންގެ ސަރުކާރަށް ކުރަމުން ގެންދެވި ތާއީދު ގެންދެވީ ރަައީސް ޔާމީން ގެންނަވަމުން ގެންދެވި ތަރައްގީއަކީ އެމަނިކުފާނުގެ "ލެގަސީ" ދުއްވާލަން ކުރެއްވި ކަމެއްކަމަށް ވިދާޅުވުމަށް ފަހު ކަމަށް އަބްދުއްރަހީމް ވިދާޅުވިއެެވެ.

އަދި ވިދާޅުވީ، ބްރިޖު އެޅުމާއި ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހިއްކުމާއި، ސަލްމާން މިސްކިތް އެޅުންފަދަ ކަންކަމަކީ ރައީސް މައުމޫން، ރައީސް ޔާމީންއަށް ތާއީދު ނުކުރެއްވި ސަބަބުތައް ކަމަށެވެ.

އަބްދުއްރަހީމްގެ މިވާހަކަތަކަށް ރައްދުދެއްވާ ރައީސް މައުމޫންގެ ދަރިކަނބަލުން އަދި މިސަރުކާރުގެ ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވީ، އަބްދުއްރަހީމްގެ މި ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.

ފޭސް ދޭކާއި ބްރިޖަކީވެސް ރައީސް މައުމޫންގެ ތަސައްވުރެއްކަމަށް ޔުމްނާ ވިދާޅުވިއެވެ.

ޔުމްނާ ވިދާޅުވީ ރައީސް މައުމޫން، ރައީސް ޔާމީނަށް ކުރެއްވި ތާއީދު އަނބުރާ ގެންދެވީ ޕީޕީއެމްގެ ސަރުކާރު ޕީޕީއެމްގެ އުސޫލުތަކާއި ދުރަށްގޮސް ކޮރަޕްޝަނާ އަނިޔާވެރިކަމުގެ ތެރެއަށް ދިޔުމުން ކަމަށެވެ.

އޭރު ކަން ހިނގާދިޔަ ގޮތް ހަނދާން ނެތޭހާ ދުވަހެއް ނުވާކަމަށްވެސް ޔުމްނާ ވިދާޅުވެފައި ވެއެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ގައުމުގެ ހައްގުގައި މަސައްކަތް ކުރައްވާކަަމަށް ވިދާޅުވާ ލީޑަރުންގެ ހަގީގަތް ރައްޔިތުންނަށް ސާފުވާންޖެހޭ ކަަމަށެވެ.

މައުމޫން ވިދާޅުވި ވާހަކަފުޅު އާންމުންނާއި ހަމައަށް ގެންނަން ޖެހުނީ އެސަބަބާއި ގުޅިގެން ކަމަށްވެސް ވިދާޅުވިއެވެ.