އިންޓަނެޓްގެ ހިދުމަތާމެދު ޝަކުވާ ހުށަހަޅަން، މިނިސްޓްރީ އޮފް އެންވަޔަރަންމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީން ހާއްސަ ހޮޓްލައިނެއް ތައާރަފްކޮށްފިއެވެ.

އެމިނިސްޓްރީން ގާއިމުކުރި ހޮޓްލައިން ނަންބަރަކީ 1515 އެވެ. މިނަންބަރަށް ގުޅައިގެން، ޝަކުވާތައް މިނިސްޓްރީގެ ސަމާލުކަމަށް ގެނައުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

ހަލުވި ސްޕީޓްތަކާއެކު އިންޓަނެޓްގެ އަގު ހެޔޮކޮށްފައިވަނީ ޖުލައިމަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. އެހެންނަަމަވެސް މޯބައިލްތަކަށް އިންޓަނެޓްގެ އަގު ހެޔޮވާނީ އޮގަސްޓުމަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.

އިންޓަނެޓްގެ އަގުތަކަށާއި، ސްޕީޑަށް ސަރުކާރުން ކަނޑައެޅި ބަދަލުތައް:

  • 5 އެމްބީޕީއެސް ސްޕީޑްގައި 250 ރުފިޔާއަށް 30 ޖީބީ
  • 15 އެމްބީޕީއެސް ސްޕީޑްގައި 500 ރުފިޔާއަށް 100 ޖީބީ
  • 25 އެމްބީޕީއެސް ސްޕީޑްގައި 700 ރުފިޔާއަށް 200 ޖީބީ.

މިބަދަލުތަކުގެ ސަބަބުން ބްރޯޑްބޭންޑް އިންޓަނެޓް ޚިދުމަތްތައް ބޭނުންކުރާ 75 ނުވަތަ 60 އިންސައްތަ މީހުންނަށް ސީދާކޮށް މަހު ފީ އަގުހެޔޮ ވެގެންދާނެއެވެ. އަދި އިންޓަރނެޓް ޕެކެޖްތަކުގެ ތްރޮޓްލް ސްޕީޑް ދެގުނަ އަދި ފަސްގުނަ މަތިވެގެންދާނެއެވެ.

މީގެއިތުރުން މޯބައިލް ބްރޯޑްބޭންޑް ޕެކޭޖްތަކުން މިހާރު ލިބޭ ޑޭޓާ އެލަވަންސް 20 އިންސައްތައާއި، 100 އިންސައްތައަށް އިތުރު ވެގެންދާނެކަމަށް ޓެކްނޮލިޖީ މިނިސްޓްރީން ބުނެއެވެ.