ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާއަށް ތައާވަލްކޮށްފިއެވެ.

މާދަމާއަށް ތާވަލްކޮށްފައިވަނީ، މަނީލޯންޑަރިންއާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާގެ އަޑުއެހުމެވެ. މި އަޑުއެހުން އޮންނާނީ މާދަމާ ހެނދުނު 9 ޖަހާއިރު ކްރިމިނަލް ކޯޓުގައެވެ.

މަނީލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ، ރ. ފުއްގިރި ތަރައްގީކުރަން ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް އެ ފައިސާ ލޯންޑަކޮށްފައިވާ ކަމަށް ތުހުމަތު ކުރާ މައްސަލައެއްގައެވެ.

ޖެނުއަރީ މަހުގެ 7 ވަނަ ދުވަހު އޮތް ޝަރީއަތުގައި ރިޝްވަތުގެ ދައުވާ ފުރަތަމަ އިއްވުމުން ރައީސް ޔާމީން ވިދާޅުވީ އެ ދައުވާ ސާފުނުވާ ކަމަށާ ދައުވާއާ ގުޅިގެން ހޯދަން އެދިވަޑައިގަތް ލިޔުންތައް ލިބިފައި ނުވާ ކަމަށެވެ.

މައްސަލަ ބައްލަވާ އިސް ގާޒީ އަހުމަދު ޝަކީލް ނިންމެވީ މިހާރު ހުރި ލިޔުންތަކަށް ބަލާއިރު ދައުވާއަށް ޖަވާބުދާރީވުމުގެ މަރުުހަލާ މިވަގުތު ކުރިއަށް ގެންދެވޭނެ ކަމަށެވެ.

އެކަމަކު ޝަރީއަތް ކުރިއަށްދާ މިންވަރަކުން ލިޔު އިތުރުންތައް ހޯދަންޖެހޭނަމަ، އެކަމަށް ނެރެންޖެހޭ އަމުރެއް ނެރުއްވާނެ ކަމަށެވެ.

ކްރިމިނަލް ކޯޓުގައި ޖެނުއަރީމަހުގެ 7 ވަނަ ދުވަހު ކުރިއަށްދިޔަ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވަނީ، ރިޝްވަތު ޤަބޫލު ކުރުމުގެ ދައުވާ ރައީސް ޔާމީންގެ މައްޗަށް އިއްވާފައެވެ.

ދައުލަތުގެ ދައުވާގައި ބުނެފައިވަނީ ފުށްގިރި ކުށްޔަށްދީގެން ރައީސް ޔާމީން ރިޝްވަތުގެ ގޮތުގައި ނެގި 1 މިލިއަން 1 ލައްކަ 18 ހާސް ޑޮލަރާއި ޔާމީންގެ މިލްކިއްޔާތުގައި ހުރި އާމްދަނީއާއި ނުބައްދަލު މުދާ ދައުލަތަށް ނެގުމުގެ އަމުރަކަށް އެދޭ ކަމަށެވެ.

ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ރައީސް ޔާމީން މިވަގުތު ހުންނެވީ ގޭގެބަންދަށް ބަދަލުކޮށްފައެވެ.