"މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ގެ ނަމުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކެމްޕެއިނެއް އިފްތިތާހު ކޮށްފިއެވެ.

މި ކެމްޕެއިން އިފްތިތާހު ކޮށްދެއްވީ، ޕީޕީއެމްގެ އޮފީހުގައި ރޭ ބޭއްވި ހަފްލާގައި، އެ ކޯލިޝަނުގެ އެކްޓިން ލީޑަރު އަބްދުއްރަހީމް އަބްދުﷲ އެވެ.

މިހާރު ޤައުމު ގޮސްފައިވާ ހާލަތުން ޤައުމު ސަލާމަތްކުރުމުގެ ގޮތުން އިދިކޮޅު ކޯލިޝަނުން ފެށި މި ހަރަކާތަކީ އެ ކޯލިޝަނުގެ އިސް ލީޑަރު އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ފުރިހަމަ އިރުޝާދާއެކު ފެށި ހަރަކާތެއް ކަމަށް އެ ކޯލިޝަން ހިންގެވުމާ ވަގުތީގޮތުން ހަވާލުވެވަޑައިގެން ހުންނެވި ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވިއެވެ.

ރޭގެ ހަފްލާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް އިތުރަށް ވިދާޅުވީ، އެއީ ވަކި ޕާޓީއަކުން އެކަނި ކުރިއަށް ގެންދާނެ ކެމްޕޭނެއް ނޫން ކަމަށާއި، އެކެމްޕެއިނަކީ ގައުމީ ކެމްޕެއިނެއް ކަމަށެވެ.

އަދި، އެ ކޯލިޝަނަށް އެންމެ މުހިންމީ ގައުމުގެ މިނިވަންކަމުގައި ފާހަގަ ކުރައްވާ، އަބްދުއްރަހީމް ވިދާޅުވީ މި ކެމްޕޭނުގައި ކޮންމެ ރައްޔިތަކަށް ވެސް ބައިވެރިވެވޭނެ ކަމަށެވެ.

އަދި ރައީސް ޔާމީނުގެ އިޒުނައާއެކު ރާއްޖޭގެ ސިޔާސީ މަސްރަހުގައި މަސައްކަތްކުރައްވާ ހުރިހާ ސިޔާސީ ލީޑަރުންނަށް މި މަސައްކަތުގައި ބައިވެރިވެވަޑައިގަތުމަށް އަބްދުއްރަހީމް ދައުވަތު ދެއްވިއެވެ.

އެގޮތުން، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށާއި އުމަރު ނަސީރު އާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އާއި ޖުމްހޫރި ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އިތުރުން، އެމްޑީޕީގެ ލީޑަރު ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށްވެސް މި ކެމްޕޭނުގައި ބައިވެރިވެވަޑައިގަތުމަށް އަބްދުއްރަހީމް ވަނީ ދައުވަތު އަރުއްވާފައެވެ.

މީގެއިތުރުން، އެއްވެސް ދާއިރާއެއް އިސްތިސްނާ ވުމެއްނެތި ކޮންމެ ދާއިރާއަކުން ބެއްޔަސް ރާއްޖެ މިއަދު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށާއި، ރޭ ފެށިގެންދިޔަ ކެމްޕެއިނަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވިސްނުންފުޅާއި އިރުޝާދާ އެއްގޮތްވާ ގޮތުގެ މަތިން ފެއްޓި ގައުމީ ކެމްޕެއިނެއް ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތައް އުފައްދައިގެން ވެރިކަމަށް އާދެވޭނީ ގައުމުގައި މިނިވަންކަން އޮވެގެން ކަމަށާއި އެހެންކަމުން މި ހުރިހާ ލީޑަރުންވެސް މިއީ ގައުމީ މަސައްކަތެއް ކަމުގައި ދެކެގެން ކެމްޕޭނުގައި ބައިވެރިވުމަކީ އެދޭ ކަމެއް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.