މިއަހަރުގެ ދެވަނަ ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސްއަށް 496 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

ބީއެމްއެލްގެ 2021 ވަނަ އަހަރުގެ ދެވަނަ ކުއާޓަރގެ މާލީ ނަތީޖާތައް ދައްކާގޮތުން، ހިންގުމުގެފައިދާގެ ގޮތުގައި ބޭންކަށް 496 މިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ 2020 ވަނަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު، 38 އިންސައްތަ އިތުރު އަދަދެކެވެ.

މި ކުއާޓަރުގައި އެ ބޭންކަށް ޖުމްލަ އާމްދަނީގެ ގޮތުގައި 785 މިލިއަން ރުފިޔާ ލިބިފައި ވެއެވެ. ޓެކްސްއަށް ކެނޑުމުގެ ކުރިން ބީއެމްއެލްގެ ފައިދާއަކީ 409 މިލިއަން ރުފިޔާއެވެ.

މިއަހަރުގެ ދެވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ބޭންކަށް ލިބުނީ 299 މިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 181 އިންސައްތައިގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި ބީއެމްއެލައަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 106 މިލިއަން ރުފިޔާއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ދެވަނަ ކުއާޓަރުގައި އިންޓަރެސްޓްގެ ގޮތުގައި 506 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ލިބިފައެވެ. އަދި ފީ އާއި ކޮމިޝަނުގެ ގޮތުގައި 244 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ލިބިފައެވެ.

މި ކުއާޓަރުގައި ބީއެމްއެލްގެ ވިއުގަ ފުޅާކުރުމަށާއި މުޅި ރާއްޖެއަށް ބޭންކިންގ ހިދުމަތް ފޯރުކޮށްދިނުމަށް ބީއެމްއެލުން ވަނީ 5 ރަށެއްގައި ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމް ސެންޓަރު ގާއިމްކޮށްފައެވެ. މި ރަށްތަކަކީ ހދ. މަކުނުދޫ، ށ. މާއުނގޫދޫ، ށ. ކޮމަންޑޫ، ކ. ހިންމަފުށިއަދި ކ. ދިއްފުށްޓެވެ.

މި ނަތީޖާއާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު ހޯދުނު ނަތީޖާއާމެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

އަދިވެސް އެކި ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭނެކަން ފާހަގަކުރައްވާ ޓިމް ވިދާޅުވީ، މި ދަތިތަކާއެކުވެސް މިކަމުން އަރައިގަނެ ދެމެހެއްޓެނެވި ކުރިއެރުމެއް ހޯދުމަށް މަސައްކަތް ކުރުމުގެ ހިތްވަރާއި ގާބިލުކަން ބީއެމްއެލްގެ ޓީމްގައި އެބަހުރި ކަމަށެވެ.

ދެވަނަ ކުއާޓަރުގައި ބޭންކުން ހިންގި އިތުރު ކަންކަމަށް ބަލާއިރު، އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު ޕްރޮގްރާމްގެ ދަށުން ބޭންކުންވަނީ އިތުރު 5 ޕްރޮޖެކްޓް ހޮވާފައެވެ. މި ޕްރޮގްރާމް ހިންގަމުންދާތާ މިވަނީ 3 އަހަރު ވޭތުވެފައެވެ.

މިފަންޑުގެ ދަށުން މިހާތަނަށް 50 ޕްރޮޖެކްޓަކަށް ބޭންކުން ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ.