ގިނަ އަދަދަކަށް ތެޔޮ ބަރުކޮށްގެން ދަތުރުކުރި ބާޖެއް ށ. ނޫމަރާ ނެރުމައްޗަށް އުރުމާ ގުޅިގެން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެ ބާޖު ދަތުރުރުކުރަމުން ދިޔައީ ފަސް ފަޅުވެރިންނާއެކު ގިނަ އަދަދެއްގެ ފެޓްރޯލް އަދި ޑީސަލް ބަރުކޮށްގެން ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

"މެކުނު" ނަމަކަށްކިޔާ ފިއުލް ސަޕްލައި މޯލްޑިވްސްގެ ބާޖު ނެރަށް އަރާފައިވަނީ ށ. ނޫމަރާގެ ހުނޅަގު ފަރާތަށެވެ.

ބާޖު ނެރަށް އެރިކަމުގެ ރިޕޯޓް ލިބުނީ ހެނދުނު 6:59 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މިމަޢުުލޫމާތު ލިބުމާ ގުޅިގެން އެމްއެންޑީއެފް ނޮދަރން އޭރިޔާގެ ކޯސްޓް ގާޑް ސްކޮޑްރަންއިން ހަރަކާތްތެރިވަމުން އަންނަ ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ބާޖު ދަތުރުކުރަމުން ދިޔައީ އެއްލައްކަ ލީޓަރުގެ ޑިސަލާއި 15،000 ލީޓަރުގެ ޕެޓްރޯލް ބަރުކޮށްގެންނެވެ. ބާޖުގައި ހުރި ތެޔޮ މިހާތަނަށް މޫދަށް ލީކުވެފައި ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ތެޔޮ އުފުލާ ބޯޓުތަކުގައި މިއަހަރުތެރޭގައި ތަފާތު ހާދިސާތައް ހިނގާފައިވެއެވެ.

އެގޮތުން މިއަހަރުގެ މަރޗް މަހުގެ ތެރޭގައި 10000 ލީޓަރުގެ ޑީސަލާއެކު ތިލަފުށިން ހުޅުމާލެއަށް ދަތުރުކުރި ތެޔޮ އުފުލާ ބޯޓެއްވަނީ އަޑިއަށް ގޮސްފައެވެ.

އަދި މިއަހަރުގެ އޭޕްރީލްމަހުގެ ތެރޭގައިވެސް ބްރޯ ފިއުލް ޕްރައިވެޓް ލިމިޓެޑްގެ ތެޔޮ ބޯޓެއް އެނބޫދޫ ފިނޮޅު ކައިރީ އޮއްވާ އަލިފާން ރޯވެ ބޯޓުވަނީ އަޑިއަށް ގޮސްފައެވެ.