ނުފޫޒުގަދަ ވިޔަފާރެރިވެރިންތަކެއްގެ ޕްލޭނެއްގެ ދަށުން ވުޖޫދުކުރެވުނު ޔޫރަޕިއަން ސުޕާ ލީގު ކުރިއަށް ގެންދިއުމުގައި ގާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށާއި، މި ލީގުގައި ބައިވެރިވާން ނިންމި ކުލަބުތަކާއި ދެކޮޅަށް ޔޫރަޕު ފުޓުބޯޅައިގެ މައި އިދާރާ ޔޫއެފާ އިން އަޅަން ނިންމި ފިޔަވަޅުތައް ނޭޅޭނެ ކަމަށް މެޑްރިޑުގެ ކޯޓަކުން ބުނެފިއެވެ.

ފުޓުބޯޅަ ދެކެ ލޯބިވާ، މި ކުޅިވަރަށް އިހްތިރާމްކުރާ ފަރާތްތަކުގެ "މޫނަށް ޖެހި ކުޅެއް"ގެ ގޮތުގައި ފުޓުބޯޅައިގެ މާހިރުން ސިފަކުރި މި ލީގަކީ ފުޓުބޯޅައިގެ "ބޮޑު" ކުލަބުތަކަކާއި އެހެން ބައެއް ކުލަބުތައް ހިމެނޭހެން ޖުމްލަ 12 ކުލަބެއް ފައުންޑިންގ މެމްބަރުންގެ ގޮތުގައި ތިބެ އުފެއްދި ލީގެކެވެ.

އޭޕްރިލް މަހުގެ 18 ވަނަ ދުވަހު ވުޖޫދުކުރެވުނު ސުޕާ ލީގުގެ ފައުންޑިންގ ކުލަބުތަކަކީ ޕްރިމިއާ ލީގުގެ މެންޗަސްޓާ ސިޓީ އާއި ޔުނައިޓެޑުގެ އިތުރުން ޗެލްސީ އާއި ލިވަޕޫލް އަދި އާސެނަލާއި ޓޮޓެންހަމްގެ އިތުރުން ލަލީގާގެ އެތްލެޓިކޯ މެޑްރިޑާއި ރެއާލް މެޑްރިޑް އަދި ބާސެލޯނާގެ އިތުރުން އިޓާލިއަން ލީގުގެ ޔުވެންޓަސް އާއި އޭސީ މިލާން އަދި އިންޓާ މިލާނެވެ.

އެހެންނަމަވެސް ލީގު އިއުލާނުކުރެވުމާއެކު ގިނަ ސަޕޯޓަރުންނާއި، މި ކުޅިވަރުގެ މާހިރުންގެ އިތުރުން ކުރީގެ އަދި މިހާރުވެެސް ފުޓުބޯޅަ ކުޅޭ ބައެއް ކުޅުންތެރިންގެ ނުރުހުން އަމާޒުވާން އަމާޒުވާން ފެށުމުން 9 ކުލަބަކުން ވަނީ ލީގުގައި ބައިވެރިނުވާން ނިންމާފައެވެ.

ލީގު ވުޖޫދުކުރެވުނުތާ 48 ގަޑީރުގެ ތެރޭގައި މީގެތެރެއިން 9 ކުލަބަކުން ވަނީ ލީގުގައި ބައިވެރިނުވާނެކަން ހާމަކޮށް ސަޕޯޓަރުންގެ ކިބައިން މައާފަށް އެދިފައެވެ. އެ 9 ކުލަބުތަކަކީ ޕްރިމިއާ ލީގަށް ނިސްބަތްވާ 6 ކުލަބު ކަމަށްވާ މެންޗަސްޓަރ ޔުނައިޓެޑް، މެންޗަސްޓަރ ސިޓީ އަދި ޗެލްސީ އާއި އާސެނަލްގެ އިތުރުން ލިވަޕޫލާއި ޓޮޓެންހަމް އަދި ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑުގެ އިތުރުން އިޓާލިއަން ލީގުގެ އޭސީ މިލާނާއި އިންޓާ މިލާނެވެ. ލީގުން ވަކިވާނުވީ ޔުވެންޓަސްގެ އިތުރުން ބާސާ އާއި ރެއާލް މެޑްރިޑެވެ.

ސުޕާ ލީގުން ވަކިވާން ނިންމި ނަމަވެސް މި 9 ކުލަބަށް ޔޫއެފާ އިން ވަނީ އަދަބުތަކެއްދީ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ޔޫއެފާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފައުންޑިންގ ކުލަބުތަކުގެ ގޮތުގައި އޮވެފައި ސުޕާ ކަޕް ދޫކޮށްލުމަށް 9 ކުލަބުން ނިންމުމުން އެކަން އުފަލާއިއެކު ބަލައިގަނެ ޔޫއެފާއިން މަރުހަބާ ކިޔާކަމަށެވެ. އެހެންނަމަވެސް މި 9 ކުލަބަށް އެއް ސީޒަނަށް ޔޫއެފާއިން ލިބޭ އާމްދަނީގެ 5 އިންސައްތަ އުނިކުރަން ނިންމާފައިވާ ކަމަށާއި އަދި ކުރިއަށް އޮތްތަނުގައި މިކަން ތަކުރާރުވެއްޖެނަމަ 100 މިލިއަން ޔޫރޯ އިން މި ކުލަބުތަށް ޖޫރިމަނާ ކުރާނެ ކަމުގެ އިންޒާރު ޔޫއެފާއިން ވަނީ ދީފައެވެ.

މީގެއިތުރުން ލީގުން ވަކި ނުވާން ނިންމި ތިން ކުލަބަށްވެސް މުހުލަތެއް ދީފައިވާއިރު، މިވިސްނުމުން ބަރީޢަ ނުވާނަމަ ހަރުކަށި ފިޔަވަޅުތަކެއް މި ތިން ކުލަބަށް އަޅާނެކަމުގެ އިންޒާރުވެސް ޔޫއެފާ އިން ވަނީ ދީފައެވެ. އެގޮތުން އެ ތިން ކުލަބުން އެ ގޮތަށް އަމަލުނުކޮށްފިނަމަ، ޔޫރަޕުގެ މުބާރާތްތަކުން އެ ކުލަބުތައް ދެ އަހަރަށް ސަސްޕެންޑްކުރަން ނިންމާނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. އެހެންނަމަވެސް މި ތިން ކުލަބުގެ ވެރިންގެ ގޮތުގައި ތިބި ބޮޑު "މަހުޖަނުން" ވަނީ ޔޫއެފާ އަށް ގޮންޖަހާ، ލީގައިގެން ކުރިއަށް ދާނެކަމަށް ބުނެ ކޯޓަށް މިމައްސަލަ ވައްދާފައެވެ.

ހުކުރު ދުވަހުގެ ވަގުތެއްގައި މެޑްރިޑުގެ ކޯޓަކުން ސުޕާ ލީގުގެ ވެރިންނާއި އެއްކޮޅަށް މި މައްސަލަ ނިންމާފައިވާއިރު ބާސާ، ރެއާލް އަދި ޔުވެންޓަސްއިން ނެރުނު ބަޔާނުތަކުގައި ވަނީ ރަސްމީ އިދާރާތަކާ ގުޅިގެން ސުޕަ ލީގު ކުރިއަށް ގެންދެވޭނެ ގޮތްތަކެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައެވެ.

ކޯޓުގެ ނިންމުމާއެކު މި ތިން ކުލަބުން ވަނީ ދާދި އެއް ކަހަލަ ގޮތަކަށް އިބާރާތް ކުރެވިފައިވާ ބަޔާންތަކެއް އެކުލަބުތަކުގެ ރަސްމީ ވެބްސައިޓުތައް މެދުވެރިކޮށް ނެރެފައެވެ. އެގޮތުން މިއީ ސުޕަ ލީގު ކުރިޔަށްދިއުމަށް އެޅުނު ބޮޑު ފިޔަވަޅެއް ކަމަށާއި ލީގު ކުރިޔަށްގެންދެވޭނެ ގޮތެއް ބެލުމަށް ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރާނެ ކަމަށް ބުނެފައިވެއެވެ. އަދި ސުޕަ ލީގު ކުރިޔަށްދާނީ ހިއްސާދާރުންގެ ރުހުން ލިބިގެން ކަމަށާއި މިއީ ފުޓުބޯޅައިގެ މުސްތަގުބަލަށް އެޅޭ މުހިއްމު ފިޔަވަޅެއް ކަމަށް މި ބަޔާންތަކުގައި ބުނެފައިވެއެވެ.

ކޯޓުން ނެރުނު އަމުރުގައިވާގޮތުން ޔޫއެފާ އިން ސުޕާ ލީގުގައި ބައިވެރިވާން ނިންމި ކުލަބުތަކާއި ދެކޮޅަށް އަޅާފައިވާ އަދި އަޅަން ނިންމާފައިވާ ފިޔަވަޅުތަކަކީ އެއްވެސް ހަމައެއް ނެތް ފިޔަވަޅުތަކެއް ކަމަށާއި އެކަން އެގޮތަށް ނުކުރެވޭނެކަމަށް ބުނެފައިވެއެވެ. އަދި ކޯޓުގެ އަމުރާއި ހިލާފަށް ޔޫއެފާ އިން އަމަލުކުރާނަމަ، ޔޫއެފާ ޖޫރިމަނާ ކުރުމުގެ އިތުރުން ޖިނާއީ ކުށެއް އެ އިދާރާއިން ކުރިކަމަށް ކޯޓުން ބެލުމުގެ ފުރުސަތު އެބައޮތް ކަމުގެ އިންޒާރުވެސް ވަނީ ދީފައެވެ.

މެޑްރިޑުގެ ކޯޓުން މިހެން ނިންމި ނަމަވެސް މި މައްސަލަ ޔޫރަޕިއަން ކޯޓް އޮފް ޖަސްޓިސް އިން މި މައްސަލަ އެސެސް ކުރާނެއެވެ.

ސުޕާ ލީގުގައި މިހާރު ދެމިއޮތް ތިން ކުލަބުން ނެރެފައިވާ ބަޔާނުގައިވާ ގޮތުން މި ލީގުގެ ސަބަބުން ޔޫއެފާއިން ޔޫރަޕުގެ ފުޓުބޯޅަ "ހިޞާރު" ކޮށްގެން އުޅޭ އުޅުން ނިމުމަކަށް ގެނެސް ފުޓުބޯޅަ އަށް ބޮޑެތި ކުރިއެރުން ތަކެއް ގެނެސްދީ، ހުރިހާ ކުލަބުތަކަށްވެސް މާލީ މިނިވަންކަމާއި ކާމިޔާބީތައް ހޯދުމުގެ މަގު ތަނަވަސްވާނެއެވެ.

މި މައްސަލައާއި ގުޅިގެން ޔޫއެފާއިން އަދި ވަކިއެއްޗެއް ބުނިކަމަށް ރިޕޯޓްކޮށްފައެއް ނުވެއެވެ.

އެމެރިކާގެ އިންވެސްޓްމަންޓް ބޭންކެއް ކަމުގައިވާ ޖޭޕީ މޯގަން އިން ފަންޑުކުރާ މި ލީގުގައި ބައިވެރިވާ ކުލަބުތަކަށް، ލީގު ފެށުމަށް އެހީތެރިވުމުގެ ގޮތުން ކޮންމެ ކުލަބަކަށް 305 ބިލިއަން ޔޫރޯ ލިބޭނެކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ފުޓުބޯޅައިގެ އަސްލާއި ހިލާފު މި ލީގު ކާމިޔާބުކުރާ ޓީމަކަށް 400 މިލިއަން ޔޫރޯ ހުށަހަޅާފައިވާކަމަށްވެސް ރިޕޯޓްތަކުން ބުނެއެވެ. ޗެމްޕިއަންސް ލީގު ކާމިޔާބުކުރާ ޓީމަކަށް ހުށަހަޅާފައިވާ ފައިސާގެ އިނާމަށްވުރެ ހަތަރުގުނަ އިތުރު ފައިސާގެ އިނާމެއް ހުށަހަޅާ މިލީގު ޗެއާމަނަކީ ސްޕެނިޝް ލަލީގާގެ ރެއާލް މެޑްރިޑުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒެވެ.