މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އާއި ޔުނައިޓެޑް ނޭޝަންސް އޮފިސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) ގުޅިގެން، އިން ޕްރިޒަން އޮފިސަރުން ތަރައްޤީކުރުމަށް ހިންގި ދެ ޕްރޮގްރާމްގެ ނިމުމުގެ ރަސްމިއްޔާތު ބާއްވާފިއެވެ.

މި ޕްރޮގްރާމްގެ ދަށުން ހިންގާފައިވަނީ “ޓްރެއިނިންގ އޮން ބޭސިކް ސައިކޯސޯޝަލް އެޑިއުކޭޝަން” ޕްރޮގްރާމާއި “ޑްރަގް އެޑިއުކޭޝަން އެވެއަރނަސް ޕްރޮގްރާމް ފޮރ ޕްރިޒަން އޮފިސަރސް” ޕްރޮގްރާމެވެ.

މާފުށީ ޖަލުގައި ރޭ ޕްރޮގްރާމްތަކުގެ ނިމުން ފާހަގަކޮށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅެވެ. ކޮމިޝަނަރގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލްއުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ އާއި އެމެސީއެސްގެ ކޮމިޝަންޑް އޮފިސަރުންގެ އިތުރުން ޔޫއެންއީޑީސީގެ ނެޝަނަލް ޕްރޮގްރާމް ކޯޑިނޭޓަރ އަލްފާޟިލާ ތޯއިބާ ސައީދު އާއި މި ދެ ޕްރޮގްރާމްގެ ފެސިލިޓޭޓަރުން ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.

މި ރަސްމިއްޔާތުގައި ޓްރޭނިންގ ޕްރޮގްރާމް ފުރިހަމަކުރި އޮފިސަރުންނަށް ސެޓްފިކެޓް ހަވާލުކޮށްފައިވެއެވެ. އެގޮތުން، ޖުލައި މަހުގެ 17 ން 24 އަށް ކުރިއަށް ގެންދިޔަ ޓްރޭނިންގ އޮން ބޭސިކް ސައިކޯސޯޝަލް އެޑިއުކޭޝަން” ޕްރޮގްރާމް 24 އޮފިސަރުން ފުރިހަމަކޮށްފައިވާއިރު، އޭގެތެރެއިން 23 އޮފިސަރުން، ޖުލައި މަހުގެ 25 އިން 29 އަށް ކުރިއަށް ގެންދިޔަ ޑްރަގް އެޑިއުކޭޝަން "އެވެއަރނަސް ޕްރޮގްރާމް ފޮރ ޕްރިޒަން އޮފިސަރސް" ފުރިހަމަކޮށްފައިވާކަމަށް މޯލްޑިވްސް ކަރެކްޝަނަކް ސާވިސްއިން ބުނެއެވެ.

މީގެއިތުރުން، ޔޫއެންއޯޑީސީއިން އެމްސީއެސް އާއި ބާއްވާ ގާތްގުޅުމަށާއި އޮފިސަރުން ޤާބިލު ބަޔަކަށް ހެދުމަށް ފަންނީ އަދި އެހެނިހެން ގޮތްގޮތުން ފޯރުކޮށްދެއްވާ އެހީތެރިކަމަށް ކޮމިޝަނަރ އަހްމަދު މުހައްމަދުފުޅު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ކޮމިޝަނަރގެ ވާހަކަފުޅުގައި ދިވެހިރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށްޓަކައި ނެޝަނަލް ލެވެލްގައި މަޝްވަރާތައް ކުރެވި، ގިނަ ކަންތައްތަކެއް ކުރެވެމުންދިޔަނަމަވެސް، އެކަށީގެންވާ ހައްލުތަކެއް އަދި ނުފެންނަކަމަށާއި، އޭގެ ސަބަބަކީ މުޖްތަމައުތެރޭގައިވެސް އަދި ޖަލުތަކުގެ ތެރޭގައިވެސް މިކަން ފެތުރިފައިވާލެއް ބޮޑުވެ، އޭގެއިން ކުރާ ނޭދެވޭ އަސަރު ބޮޑުކަމުން ކަން ފާހަގަކުރެއްވިއެވެ.

ޖަލަށް ވެއްދުން މަނާތަކެތި ޖަލަށް ވަންނަކަން ފާހަގަކުރައްވާ ކޮމިޝަނަރ ވިދާޅުވީ، މި ކަންތައްތައް ހައްލުކުރުމަށް ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭކަމަށާއި ކޮންމެވެސް ވަރަކަށް އޮފިސަރުންގެ ބައިވެރިވުން މިކަމުގައި ވާކަމީ ހިތާމަހުރިކަމެއް ކަމަށެވެ. އަދި، ކަންތައްތައް ހުއްޓުވުމަށް މުއައްސަސާގެ އޮނިގަނޑަށް ބަދަލު ގެނެވި، ޕްރޮފެޝަނަލް ސްޓޭންޑަޑެއް ޤާއިމުކުރުން ފަދަ ފިޔަވަޅުތައް އަޅާފައިވާ ކަމަށް ވެސް ކޮމިޝަނަރ ވިދާޅުވިއެވެ.