ދުބާއީއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅަށް ފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ދުބާއީއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވީ މިއަދު މެންދުރުފަހުގެ ވަގުތެއްގައި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

ދުބާއީއަށް އެމަނިކުފާނު ފުރާވަޑައިގަތީ މިމަހުގެ 27 ވަނަ ދުވަހުއެވެ. އަދި އެމަނިކުފާނު ވަނީ މިމަހުގެ 20 ވަނަ ދުވަހު ސްރީލަންކާއަށްވެސް ނުރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ.

އެ ދަތުރުފުޅުގައި ރައީސް ވަނީ ސްރީލަންކާގެ ރައީސް ގޮތާބަޔާ ރާޖަޕަކްސަގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ކުރެވޭ މަސައްކަތާއި، އެ މަސައްކަތުގައި ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

އެގޮތުން، ފެސިލިޓީތަކަށް ބުރަނުވާނެގޮތަށް އެޅި ފިޔަވަޅުތައް ފާހަގަކުރައްވައި މި ބަލިމަޑުކަމުން އަރައިގަތުމުގައި އެންމެ އިސްކަމެއް ދެއްވަނީ ވެކްސިން ފުރިހަމަކުރުމަށް ކަމުގައި ދެގައުމުގެ ވެރިން ވެސް ވަނީ ފާހަގަކުރައްވާފައެވެ.

މީގެއިތުރުން މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ވަނީ ރާއްޖެއާއި ސްރީލަންކާ އާއި ދެމެދު އޮތް ގާތް ގުޅުމުގެ މައްޗަށް އަލި އަޅުއްވާލައްވައި، ދެގައުމުގެ ގުޅުން މުސްތަގްބަލުގައިވެސް ވަރުގަދަކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގައި ވިދާޅުވެފައެވެ.