ކޮވިޑް-19ގެ ބަލިމަޑުކަން ކުރިމަތިވުމުގެކުރިން ދިވެހިން އުޅެމުން ދިޔަ ދިރިއުޅުމަށް ރުޖޫއަވާން ބޭނުންވާ ނަމަ ހުރިހާ އެންމެންވެސް ވެކްސިން ފުރިހަމަ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އިލްތިމާސް ކުރައްވައިފިއެވެ.

ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކުރިން ގައުމު އޮތް ހާލަތަށް ރުޖޫޢަވުމަށް އޮތް ހަމައެކަނި މަގަކީ ވެކްސިން ފުރިހަމަ ކުރުން ކަމަށާއި ވެކްސިން ފުރިހަމަ ކުރުމުން އިގްތިސޯދާއި އާއިލާ އާއި ރަހުމަތްތެރިންނަށްވެސް ކުރީގެ ހާލަތަށް ރުޖޫއުވެވިދާނެ ކަމަށެވެ.

ރައީސް މިހެން ވިދާޅުވެފައިވާއިރު ރާއްޖޭގައި ވެކްސިން ޖެހުމުގެ ގައުމީ ކެމްޕެއިނެއް މިއަހަރުގެ ފެބްރުއަރީ މަހު ވަނީ ފަށާފައެވެ.

މި ކެމްޕެއިން ފެށީ ހަމަސް ދުވަހުގެ ތެރޭގައި ވެކްސިން ޖެހޭ އާބާދީގެ އެންމެނަށް ވެކްސިން ޖަހައި ނިންމުމަށެވެ. އެހެންނަމަވެސް ވެކްސިން ލިބުމުގައި ދިމާވި ދަތިތަކާހުރެ މި ކެމްޕެއިން ކުރިއަށް ގެންދިއުމުގައި ވަނީ ދަތިތަކަކާއި ކުރިމަތިވެފައެވެ. އެހެންނަމަވެސް މިހާރު ރާއްޖޭގައި ވެކްސިން ޖެހޭ އާބާދީއަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރެވޭ ވަރަށް، ވެކްސިން ލިބިފައިވާކަމަށް ރައީސް ވަނީ އިއުލާންކުރައްވާފައެވެ.

މީގެ އިތުރަށް ކޮވިޑު ބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ތެރެއިން 80 އިންސައްތަ މީހުންނަކީ ވެކްސިން ނުޖަހާ ތިބި މީހުންކަމަށް އެޗްއީއޯސީގެ ތަރުޖަމާނު، ޑރ. ނަޒްލާ ރަފީގް ވަނީ އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައެވެ.

އެހެން ކަމުން ކޮވިޑު ބަލީގައި ބޮޑުވަރުވެ ނުދިޔުމަށްޓަކައި ވެކްސިން ފުރިހަމަކުރުމަށް ޑރ. ނަޒްލާވެސް ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.