ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތެރަޕިސްޓުންގެ ޚިދުމަތް ގާއިމްކުރުމުގައި ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްއާ ހިއްސާކުރައްވައިފިއެވެ.

ނައިބުރައީސް ފައިސަލް ނަސީމް، މާލެ އަތޮޅު ގުރައިދޫއަށް މިއަދު ކުރެއްވި ޒިޔާރަތުގައި އެރަށު ކައުންސިލާއި މުއައްސަސާތަކުގެ އިސްވެރީންނާ ކުރެއްވި ބައްދަލުކުރެއްވުމުގައި އެރަށު ކައުންސިލަރުން ވަނީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތެރަޕިސްޓުންގެ ޚިދުމަތް ދިނުމުގައި ހުރި ކަންބޮޑުވުންތައް އެމަނިކުފާނާއި ހިއްސާކުރައްވާފައެވެ.

އަދި ރަށުގެ ސިއްހީ މަރުކަޒުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވެންހުރި މަސައްކަތްތަކާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި ކައުންސިލަރުން ވަނީ އެރަށުގެ ތަރައްޤީއަށް މިހާރު ކުރަމުންގެންދާ މަސައްކަތްތަކާއި ސަރުކާރުން އެރަށުގައި ހިންގ މަޝްރޫޢުތަކުގެ މަސައްކަތް ހިނގަމުންދާގޮތުގެ މަޢުލޫމާތު ނައިބާ ހިއްސާކުރައްވާފައެވެ.

‎މިބައްދަލުވުމުގައި ކައުންސިލަރުން ވަނީ، ރަށުގެ ބިމުގެ ދަތިކަމަށް ހައްލު ހޯދައިދިނުމަށްޓަކައި ސަރުކާރުން 15 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫއު ފަށާފައިވާތީ އެކަމަށް ޝުކުރުއަދާކޮށްފައެވެ.

މީގެއިތުރަށް ރަށުގައި ތަރައްގީއަށް ހިންގަމުންގެންދާ އިތުރު މަޝްރޫޢުތަކުގެ ތެރެއިން ގިނަ މަސައްކަތްތަކެއް ހަލުވިކަމާއެކު ހިނގަމުންދާކަން ކައުންސިލަރުން ފާހަގަކުރެއްވިއެވެ.

އަދި ކައުންސިލަރުން ވަނީ އެބޭފުޅުންގެ ބައެއް ކަންބޮޑުވުންތައްވެސް ހިއްސާ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބުރައީސް ވަނީ ކައުންސިލަރުން ފާހަގަކުރެއްވި ކަންކަން ހައްލުކުރުމުގައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރައްވައިގެން މަސައްކަތް ކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ.

ނައިބު ރައީސްގެ މިދަތުރުފުޅުގައި، ކ. އަތޮޅު ގުރައިދޫގައި ހުންނަ ޚާއްސައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޒިޔާރަތްކުރައްވައި، އެތަނުގެ ހާލަތު ބައްލަވާލައްވާ އެމަރުކަޒުގެ އިސްވެރިންނާވެސް ވަނީ ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި އެ މަރުކަޒުގެ އިސްވެރިން ވަނީ މަރުކަޒު ހިންގުމަށް ކުރިމަތިވެފައިވާ ދަތިތަކާއި ކުރިއަށް ރާވައި، ކުރަމުންގެންދާ މަސައްކަތްތަކުގެ މަޢުލޫމާތު އެމަނިކުފާނާ ހިއްސާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައި ނައިބުރައީސް ވަނީ އެމަރުކަޒުގެ މުވައްޒަފުން ކުރައްވަމުންދާ މުހިއްމު މަސައްކަތުގެ އަގުވަޒަންކުރައްވާ، އެފަރާތްތަކަށް ހިތްވަރުދެއްވާފައެވެ.

‎މި ދަތުރުފުޅުގައި ނައިބުރައީސް ގުރައިދޫ ސިއްހީ މަރުކަޒާއި އެރަށުގައި އަލަށް ހިއްކި ސަރަޙައްދު ބައްލަވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އާއިޝަތު މުހައްމަދުދީދީ އާއި، އެމްޓީސީސީގެ ސީއީއޯ، އާދަމް އާޒިމް އަދި، ހެލްތު މިނިސްޓްރީ އާއި، ސްޓެލްކޯގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.