ކޮވިޑް އައު ކޭސްތައް އިތުރުވާން ފެށުމުން ޗައިނާއިން އެތައް މިލިއަން ބަޔަކު ކޮވިޑަށް ޓެސްޓްކުރަން ފަށައިފިއެވެ.

ޓެސްޓުތައް ހެދުމުގެ އިތުރުން، ދަތުރުފަތުރު ކުރުމުގައި ހަރުކަށި ފިޔަވަޅުތައްވެސް ބައެއް ސިޓީތަކުން އަޅަން ފަށާފައިވެއެވެ.

ޗައިނާއިން މިއަދު އެކަނިވެސް 75 މީހަކު އަލަށް ޕޮޒިޓިވް ވެފައިވާއިރު، މީގެތެރެއިން 53 މީހުންނަކީ ޗައިނާގެ އެތެރެއިން ބަލިޖެހުނު މީހުންނެވެ.

މިމީހުން ނިސްބަތްވަނީ ޗައިނާގެ އެއަރޕޯޓަކުން ފެނުނު ކްލަސްޓަރއަކާއެވެ.

ޗައިނާގެ އިރުމަތީ ޖިއާންސޫ ޕްރޮވިންސްގެ ނަންޖިންގ އެއަރޕޯޓުން ޖުލައިމަހު ފެނުނު ޑެލްޓާ ވޭރިއެންޓުގެ ކްލަސްޓަރ ޗައިނާގެ 20 ސިޓީއަކާއި، އެތައް ޕްރޮވިންސަކަށް މިހާރު ފެތުރިފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

މިއީ، ޗައިނާއިން ކޮވިޑް ކޮންޓްރޯލްކުރި ފަހުން އެގައުމުން މިހާތަނަށް ފެނުނު އެންމެ ބޮޑު ކްލަސްޓަރ ކަމަށްވެސް ރިޕޯޓްކުރެއެވެ.

ޗައިނާ ސަރުކާރުން މިހާރުވަނީ ތިން ބުރެއްގެމަތިން ވެރިރަށް ބެއިންޖިންގެ އެތައް މިލިއަން ބަޔަކު ކޮވިޑަށް ޓެސްޓްކޮށްފައެވެ. އަދި އެތައްހާސްބަޔަކު މިހާރުތިބީ ލޮކްޑައުންކޮށްފައެވެ. މިއީ، ބެއިޖިންގައި ބަލި ފެތުރުން ހުއްޓުވުމަށް އަޅަމުންދާ ފިޔަވަޅުތަކެވެ.

ސަރުކާރުން މިހާރުދަނީ، ނަންޖިންގައި، ޝަންޖިއާންޖީއަށް މިފަހުން ދަތުރުކޮށްފައިވާ މީހުން ހޯދުމުގެ މަސައްކަތް ފަށާފައެވެ.

ނަންޖިންގ އެއަޕޯޓުން ފެނުނު ކްލަސްޓަރއާ ގުޅިގެން 1.5 މިލިއަން މީހުން މިހާރު ލޮކްޑައުންގައި ތިބިއިރު، އެ ސިޓީގެ ފަތުރުވެރިކަމުގެ ހުރިހާ މަންޒިލްތަކެއް ސަރުކާރުން މިހާރުވަނީ ބަންދުކޮށްފައެވެ.

ކޮވިޑް އައު ކޭސްތައް މިއަދު ފެނުނު ރަށްތަކުގެ ތެރޭގައި ހައިނާން އައިލެންޑާއި، ނިންގްޝިއާ، އަދި ޝެންޑޮންގް ޕްރޮވިންސް ހިމެނޭ ކަމަށް އޮފިޝަލުން ހާމަކޮށްފައިވެއެވެ. މިއީވެސް، ޗައިނާގެ ފަތުރުވެރިންގެ މެދުގައި މަގްބޫލް ސަރަހައްދުތަކެކެވެ.