އަންނަ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހުން ވެށިގެން ކޮވިޑް-19 ވެކްސިން ފުރިހަމަ ނުކުރާ ފަރާތްތަކަށް ސްކޫލްތަކަށް ނުވަދެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު އިޢުލާންގައި ބުނެފައިވަނީ، މި ފިޔަވަޅަކީ ސްކޫލްތަކުގެ ކިޔެވުން ހުއްޓުމެއްނެތި ކުރިޔަށް ގެންދިޔުމަށާއި ދަރިވަރުންގެ ރައްކާތެރިކަމަށްޓަކައި އަޅާ ފިޔަވަޅެއް ކަމަށެވެ.

އެޑިއުކެޝަން މިނިސްޓްރީން ބުނެފައިވަނީ، މިއަދު އާންމުކުރި އިޢުލާނުގައި ބަޔާންކޮށްފައިވާ 'ވެކްސިން ޖަހައިގެން ސްކޫލްތަކަށް ވަންނަން ހުއްދަ ދެވޭ ފަރާތްތަކުގެ' ތެރޭގައި ހިމެނެނީ، ދިވެހިރާއްޖޭގައި ހިންގާ ކޮވިޑް-19 ވެކްސިން ޕްރޮގްރާމްގެ ތެރެއިން ވެކްސިންޖެހޭ އުމުރުފުރައިގެ ފަރާތްތައް އެކަނި ކަމަށެވެ. ދަރިވަރުން މި ކެޓެގެރީން އިސްތިސްނާވެ ކަމަށްވެސް ބުނެފައި ވެއެވެ.

މިނިސްޓްރީން މީގެކުރިން ވަނީ ސްކޫލްތަކުގެ ޓީޗަރުނާއި، މުވަޒިފުން ވެކްސިން ފުރިހަމަ ކުރެވުމައް އެދިފައެވެ.

ރާއްޖޭގައި ކޮވިޑަށް ވެކްސިން ޖެހުމަށް ހިންގާ ޕްރޮގްރާމްގެ ތެރެއިން މިހާތަނަށް ވެކްސިންގެ ފުރަތަމަ ޑޯޒް 321،764 މީހުން ފުރިހަމަށް ކޮށްފައި ވާއިރު، 264،913 މީހުން ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައެވެ.