ފާއިތުވީ 11 ވަރަކަށް އަހަރުގެ ތެރޭގައި ފުޓުބޯޅައިން ހޯދި ކާމިޔާބީގެ ސިއްރަކީ ނަމާދައް ފަރުވާތެރިވުމާއި، ރަނގަޅު އަހުލާގެއްގެ މަތީގައި ހުރުމަށް ކުރި މަސައްކަތް ކަމަށް ފުޓުބޯޅައިން ރިޓަޔަރ ކޮށްފައިވާ ފާއިތުވީ ސީޒަނުގައި ޓީސީގެ ކެޕްޓަންކަން ކުރި މުޙައްމަދު އައްޒާމް ބުނެފިއެވެ.

ވީނިއުސް އާއި ވާހަކަދައްކަމުން އައްޒާމް ބުނީ އޭނާއަށް ކެރިއަރުގައި ލިބިފައިވާ ކާމިޔާބީގެ އަސްލަކީ ނަމާދު ކަމަށެވެ. އެގޮތުން ކޮންމެކަމެއްގެ ކާމިޔާބުވެސް ގުޅިފައިވަނީ ނަމާދާއި ކަމަށާއި ފުޓުބޯޅައިގައި ކުރިއަށް ދާންވީ މަގު އަލިކޮށްދިން ކަމަކީ ފަރުޟު ފަސް ނަމާދު ކަމަށެވެ.

މީގެއިތުރުން ކޮންމެ ކަމެއްގައިވެސް ކުރިއަށް ދެވޭނީ އެމީހެއްގެ ގައިގައި ރަނގަޅު އާދަތަކާއި ޑިސިޕްލިން އެއް ހުރެގެން ކަމަށްވެސް އައްޒާމް ބުންޏެވެ.

"ނަމާދުގެ އިތުރުން އަސްލު ވަރަށް މުހިންމު ކަމެއް މީހާގެ ޑިސިޕްލިން އަކީވެސް. ހަމައެކަނި ދަނޑުތެރޭގައެއް ނޫން. ދަނޑު ބޭރުގައިވެސް އެ ޑިސިޕްލިން ހުންނަންވާނެ. ޑިސިޕްލިން ހުރެގެން ކޮންމެ މީހެއްވެސް "މީހަކަށް" ވާނީ"
އައްޒާމް

އައްޒާމް އިތުރަށް ބުނީ މިކަންކަމުގެ އިތުރުން ޓީމުގެ ކުޅުންތެރިންގެ މެދުގައި އޮންނަ ގުޅުމާއި އެކަކު އަނެކަކަށް ކުރަންޖެހޭ އިހްތިރާމަކީވެސް ފުޓުބޯޅައިގައި ކުރިއަށްދިއުމަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި އަމިއްލަ ޓީމުގެ އިތުރުން އިދިކޮޅަށް ނުކުންނަ ޓީމުތަކުގެ ކުޅުންތެރިންނާއި ކޯޗުންނަށްވެސް އެކުރަންޖެހޭ އިހުތިރާމާއި އޮންނަންޖެހޭ ގުޅުން އެއީ ކެރިއަރުގައި ކުރިއަށް ދިއުމަށް ވަރަށް މުހިންމު ކަމެއް ކަމަށްވެސް އައްޒާމް ބުންޏެވެ.

ފޮޓޯ:- ކެނދިކުޅުދޫގައި އޮތް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އައްޒާމް ނިސްބަތްވާ ކޮމެޓްސް ސްޕޯޓްސް ކުލަބް

ކާމިޔާބު ކެރިއަރަކަށްފަހު އައްޒާމް ފުޓުބޯޅަ ކުޅުން ހުއްޓާލިކަން ހާމަކޮށްފައިވަނީ ނ. ކެނދިކުޅުދޫގައި މިނިވަން ދުވަހަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ފުޓްސަލް މުބާރާތް ނިމުމުގެ ރަސްމިއްޔާތުގެ ތެރެއިންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން އައްޒާމް ބުނީ އޭނާ ފުޓުބޯޅަ ކެރިއަރު ފެށީ، ކޮމެޓްސް ސްޕޯޓްސް ކުލަބުން ކަމަށާއި އަދި ރޭ ލިބުނު ތަށްޓަކީ މިހާތަނަށް އެ ޓީމާއެކު ކުޅެގެން ލިބުނު 10 ވަނަ ތަށި ކަމަށެވެ. އަދި އެއާ އެކު ފުޓުބޯޅައިގައި ކާމިޔާބު ކުރަން ބޭނުންވި ހުރިހާކަމެއް ހާސިލްވީ ކަމަށާއި ރަށު ފެންވަރުގައްޔާއި، އަތޮޅު ފެންވަރުގައި އަދި ގައުމީ ފެންވަރުގެ އިތުރުން ބައިނަލް އަގުވާމީ މައިދާނުގައި ވެސް ދާން ބޭނުންވި އެންމެ އުހަށް ދެވިއްޖެ ކަމަށެވެ.

ދިގު ކެރިއަރުގައި އައްޒާމް އެންމެ ފަޚުރުވެރިވާ ކާމިޔާބީ އަކީ ޓީސީ ސްޕޯޓްސް ކުލަބާ އެކު ބަންގާޅުގައި ކުރިއަށް ދިޔަ ޝެއިޙް ކަމާލް ކަޕުގެ ޗެމްޕިއަން ކަމަށް އޭނާ ވަނީ ބުނެފައެވެ. އެ މުބާރާތުގެ ފައިނަލުގައި އޭނާ ވަނީ ގޯލެއް ޖަހައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފަ އެވެ.

އައްޒާމް ވަނީ ދެފަހަރެއްގެ މަތިން ރާއްޖޭގެ ގައުމީ ޓީމުގެ ސްކޮޑުގައިވެސް ހިމެނިފައެވެ. ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑުން އައްޒާމް އެންމެ ފުރަތަމަ ޖާގަ ހޯދާފައިވަނީ 2017 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައި އޭޝިއަން ކަޕް ކޮލިފައިންގައި ފަލަސްތީނާ ދެކޮޅަށް ކުޅެން އޮތް މެޗަށް އެކުލަވާލި ސްކޮޑުންނެވެ. އެހެންނަމަވެސް އެ މެޗުގައި އައްޒާމް ކުޅެފައެއް ނުވެއެވެ. އައްޒާމް ގައުމީ ޓީމަށް އެންމެ ފުރަތަމަ މެޗެއް ކުޅެފައިވަނީ ހަމަ އެ އަހަރުގެ އޮކްޓޯބަރު މަހު އޭޝިއަން ކަޕް ކޮލިފައިންގައި އޮމާނާ ދެކޮޅަށް ރާއްޖެއިން ކުޅުނު މެޗުގައެވެ. އެ މެޗުގައި އައްޒާމް ކުޅެން އަރާފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ.

ރިޓަޔާކޮށްފައިވާ ކުޅުންތެރިއެއްގެ ހައިސިއްޔަތުން އައްޒާމް ބުނީ ރާއްޖޭގެ ފުޓުބޯޅަ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ގިނަ ބަޔަކު ކުރަމުންދާ ކަމަށާއި، ފުޓުބޯޅައިގެ މިސްރާބު ހުރީ އުފާވެރި މަންޒިލަކާއި ދިމާލަށް ކަމަށެވެ. މިވަގުތުގެ ހާލަތުގެ ސަބަބުން މި ދަތުރުގައި ކޮންމެވެސް ކަހަލަ މަޑުޖެހުމެއް އައިސްފައިވީ ނަމަވެސް، ރާއްޖޭގެ ފުޓުބޯޅަ ދަތުރުކުރަމުންދަނީ ރަނގަޅު މަގަކުންކަމަށްވެސް 31 އަހަރުގެ އައްޒާމް ބުންޏެވެ.

ފުޓްސަލް މުބާރާތެއްގެ ތެރެއިން އައްޒާމް

ޕްރޮފެޝަނަލް ފުޓުބޯޅަ ކުޅެން ފެށުމުގެ ކުރިން ފުޓްސަލް އިން ގިނަ ބައެއްގެ ލޯތައް އަމާޒުވި އައްޒާމް ބުނީ ކުރިއަށް އޮތްތަނުގައި މުބާރާތްތަކުންވެސް އަދި ރަސްމީ މެޗުތަކުންވެސް ފުޓުބޯޅައިގެ އިތުރުން ފުޓްސަލް އިންވެސް ނުފެންނާނެ ކަމަށެވެ.

ސަބަބަކީ މިއީ އޭނާ ގަބޫލުކުރާ ގޮތުގައި ރިޓަޔަރ ކުރަން އެންމެ ރަނގަޅު ދަނޑިވަޅުކަމަށްވާތީ އާއި، ފުޓުބޯޅައިން ހާސިލް ކުރަން ބޭނުންވި ހުރިހާކަމެއް ހާސިލް ކުރެވިފައިވާތީ ކަމަށް އައްޒާމް ބުންޏެވެ.

އައްޒާމް އާއިއެކު އެއް ޓީމަކަށް ކުޅެފައިވާ ކުޅުންތެރިންނާއި އައްޒާމް ދަންނަ ގިނަ ފަރާތްތަކުން ދެކޭ ގޮތުގައި އޭނާ އަކީ ވަރަށް ޑިސިޕްލިންޑް އަދި ކޯޗުންގެ އިރުޝާދާއި އެއްގޮތަށް ކޮންމެ މަގާމަކަށްވެސް ވަރަށް ހުށިޔާރުކަމާއެކު ކުޅޭ ކުޅުންތެރިއެކެވެ. އެކަމުގެ ހެއްކަކީ ކެރިއަރުގައި ދަނޑުމަތީގައި ކީޕަރުގެ މަގާމު ނޫން އެހެން ހުރިހާ މަގާމަކަށް އޭނާ ކުޅެފައި ވުމެވެ. އަދި ކޮންމެ ޕޮޒިޝަން އަކަށް ކުޅުނު ކަމުގައިވީނަމަވެސް އައްޒާމް އަކީ އެ ޕޮޒިޝަނެއްގައި އެންމެ ފުރިހަމައަށް ކުޅޭ ކުޅުންތެރިއާއަށް ވާނޭ ބުނުމަކީ ދޮގޮކަށް ނުވާނެއެވެ.