މެލޭޝިޔާ ޕާލަމެންޓްގައި ހިމެނޭ އިދިކޮޅު ޕާޓީތަކަށް ނިސްބަތްވެވަޑައި ގަންނަވާ ހުރިހާ މެމްބަރުން މުޒާހަރާއަށް މަގުމައްޗަށް ނުކުމެވަޑައިގެންފިއެވެ.

އިދިކޮޅު މެމްބަރުން މަގުމައްޗަށް ނުކުމެވަޑައިގެންނެވީ، މެލޭޝިޔާގެ ރަސްގެފާނުގެ އަމުރުފުޅަށް މިއަދު ބާއްވަން ހަމަޖެއްސި ޕާލަމެންޓުގެ ޚާއްސަ ޖަލްސާ ސަރުކާރުން ފަސްކުރުމާ ގުޅިގެންނެވެ.

ޕާލަމެންޓުގެ ޚާއްސަ ޖަލްސާ ފަސްކުރީ، ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްއިން ކޮވިޑްގެ ޕޮޒިޓިވް ކޭސްތަކެއް ފެނިގެން ކަމަށް ސަރުކާރުން ބުނެފައި ވެއެވެ.

ބޮޑުވަޒީރު މުހްޔިއްދީން ޔާސީންގެ ސަރުކާރުން ނިންމުން ގަބޫލު ނުކުރާ ކަމަށްބުނެ އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ ހުރިހާ މެމްބަރުން މިއަދު މަސައްކަތް ކުރީ ޕާލަމެންޓަށް ވަނުމަށެވެ.

ނަމަވެސް، ސަރުކާރުންވަނީ ރަޔަޓް ފުލުހުން މަގުތަކަށް ނެރެ އިދިކޮޅު މެމްބަރުން ޕާލަމެންޓަށް ވަނަނުދީ ހުރަސްއަޅާފައެވެ.

ޕާލަމެންޓަށް ވަނުމަށް ހުރަސްއެޅުމުން މެމްބަރުން މިހާރުވަނީ މަރްޑެކާ މައިދާނަށް ޖަމާވެފައެވެ.

މައިދާނަށް ޖަމާވެފައިވާ މެމްބަރުންގެ ތެރޭގައި މެލޭޝިޔާގެ އިދިކޮޅު ލީޑަރު އަންވަރު އިބްރާހިމްއާއި، ކުރީގެ ބޮޑުވަޒީރު މަހާތީރު މުހަންމަދުވެސް ހިމެނިވަޑައި ގަންނަވައެވެ.

އިދިކޮޅު ލީޑަރު އަންވަރު އިބްރާހިމް ވިދާޅުވީ، ބޮޑުވަޒީރު މުހްޔިއްދީން ޔާސީންގެ ވެރިކަންކުރާ ކޯލިޝަނަށް ޕާލަމެންޓްގެ އަޣުލަބިއްޔަތު މިހާރު ނެތްކަމަށެވެ.

މިހާރު އިދިކޮޅުގައި ތިއްބެވި މެމްބަރުންގެ އިތުރުން، މުހްޔިއްދީންގެ ކޯލިޝަންގައި ހިމެނޭ ބައެއް ޕާޓީތަކުންވެސް ކޯލިޝަނުން ވަކިވާން މިހާރު ހުށަހަޅާފައިވާ ކަމަށާއި، އެހެންކަމުން، މިހާރު މަގުތަކަށް ނުކުމެވަޑައިގެންފައިވާ 107 މެމްބަރުންގެ އިތުރުން، ވެރިކަންކުރާ ކޯލިޝަނުން ވަކިވާން ހުށަހެޅި ޕާޓީތަކުގެ މެމްބަރުންނާއެކު، ޕާލަމެންޓުގައި ސަރުކާރަށް އަޣުލަބިއްޔަތު ގެއްލިފައިވާ ކަމަށް އަންވަރު ވިދާޅުވިއެވެ.

މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަހާތީރު މުހަންމަދުގެ ޕެޖުއަންގް ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރަސްގެފާނުގެ ޝާހީ ގަރާރަށް ގޮންޖަހައި، ސަރުކާރުން ޕާލަމެންޓްރީ ޑިމޮކްރަސީގެ އުސޫލުތަކާ ޚިލާފްވެއްޖެ ކަމަށެވެ.

އެކަމުގެ ފުރިހަމަ ޒިންމާ، ބޮޑުވަޒީރާއި ކެބިނެޓުން އުފުލަންޖެހޭނެ ކަމަށާއި، އެ ބޭފުޅުން ވަގުތުން އިސްތިއުފާ ދެއްވުމަށްވެސް މަހާތިރުގެ ޕާޓީން ގޮވާލާފައި ވެއެވެ.

މެލޭޝިޔާ މިހާރު ތަހައްމަލް ކުރަމުންދާ ސިއްހީ، އިގްތިސާދީ އަދި އިޖުތިމާއީ ކާރީސާތަކުމް ގައުމު ސަލާމަތް ކުރެވެންއޮތް ހަމައެކަނި ގޮތަކީ ބޮޑުވަޒީރާއި އޭނާގެ ކެބިނެޓު އިސްތިއުފާ ދީގެން ކަމަށްވެސް ބުނެފައި ވެއެވެ.

މަގުމައްޗަށް މިހާރު ނުކުމެވަޑައިގެންފައިވާ، ޕާލަމެންޓުގެ އިދިކޮޅު މެމްބަރުން ތިއްބެވީ، ބޮޑުވަޒީރާއި އޭނާގެ ކެބިނެޓުގެ އިސްތިއުފާއަށް ގޮވާލައި ލިޔެފައިވާ ބެނާއެއްވެސް ހިފައިގެންނެވެ.