ޓޯކިޔޯ 2020 އޮލިމްޕިކްސްގައި ދުވުމުގެ ރޭހުގައި ބައިވެރިވި ބެލަރޫސްގެ އަންހެން ކުއްޖަކު ސިޔާސީ ޙިމާޔަތް ހޯދުމަށް ޓޯކިޔޯގައި ހުންނަ ޕޮލެންޑުގެ އެމްބަސީއަށް ވަދެއްޖެއެވެ.

ޢުމުރުން 24 އަހަރުގެ މި ދުވުންތެރިޔާ ކްރިސްޓީނާ ޝިމަނޫސްކާޔާ ޕޮލެންޑުން ޙިމާޔްތަ ހޯދަން އުޅޭކަން އެކުއްޖާއާ ގުޅުންހުރި ބެލަރޫސްގެ މަދަނީ މުޖުތަމަޢަކުން ވަނީ ބުނެފައެވެ.

ޓޯކިޔޯގައި ހުންނަ ޕޮލެންޑުގެ އެމްބަސީއަށް މިކުއްޖާ ދިޔައީ އޭނާގެ ނުރުހުމުގައި އެއަރޕޯރޓަށް ގެންގޮސް ރަށަށް ފޮނުވައިލަން އުޅުމުން ކަމަށް ރޮއިޓާރސްއިން ވަނީ ބުނެފައެވެ. އެކުއްޖާ މަތިންދާ ބޯޓަށް އަރަން ދެކޮޅުހަދައި އެއަށްފަހު އެއަރޕޯރޓުން ނިކުމެގެން ޕޮލެންޑުގެ އެމްބަސީއަށް ދިޔައީއެވެ.

ޓޯކިޔޯގައި ހުންނަ ޕޮލެންޑުގެ އެމްބަސީއަށް މިދުވުންތެރިޔާ ދިޔަކަމަށްވަނީ ރިހިކުލައިގެ ބަހެއްގައެވެ. މިބަހަކީ ރަސްމީ އެއްވެސް ނިޝާނެއް ނެތް ބަހެކެވެ. އެކުއްޖާ އޮލިމްޕިކްސްގައި ބައިވެރިވުމަށް ގެންދިޔަ ދަބަސްތަކާއެކު ބަހުން ފައިބައިގެން އެމްބަސީތެރެއަށް ވަނުމުގެ ކުރީން އެމްބަސީގެ ދެ އޮފިޝަލުން އެކުއްޖާއާ ބައްދަލުކުރިއެވެ.

ބައިނަލްއަޤުވަމީ އޮލިމްޕިކް ކޮމިޓީގެ ތަރުޖަމާނު އާދީއްތަ ދުވަހު ނޫސްވެރީންނާއި ބައްދަލު ކުރައްވައި ވިދާޅުވީ ވަރަށް ގިނަ މަދަނީ ޖަމާޢަތްތަކުން އެކުއްޖާއާއި ވާހަކަ ދައްކަމުން ގެންދާ ކަމަށެވެ. އޭގެތެރޭގައި އދ. ގެ ހައިކޮމިޝަނަރ ފޯރ ރެފިއުޖީސް މާރކް އެޑަމްސްވެސް ހިމެނިވަޑައިގަންނަވާ ކަމުގައެވެ.

ޕޮލެންޑާއި ޗެކް ރިޕަބްލިކާއި ދެމެދު ހޫނުވެގެންދިޔަ ޑިޕްލޮމެޓިކް ޒުވާބެއްގެ ތެރެއިން ދެ ޤައުމުންވެސް ވަނީ އެ ދުވުންތެރިޔާއަށް އެހީތެރިކަން ފޯރުކޮށްދޭނެކަން ޢާންމުކޮށް އިޢުލާން ކޮށްފައެވެ.

އެޑަމްސް ވިދާޅުވީ އެ ދުވުންތެރިޔާ ރައްކާތެރިކަމާއިއެކު ހެޔޮ ޙާލުގައި ހުރިކަން އޭނާގެ ފަރާތުން ޔަޤީން ކޮށްދީފައިވާ ކަމުގައެވެ. އަދި މިއަދު އެކުއްޖާއާއި އަދި އެއްފަހަރު ވާހަކަ ދައްކަވާނެ ކަމަށެވެ. އެކުއްޖަގެ ވާހަކަ އަޑުއަހަންޖެހޭ ކަމަށާއި އެކުއްޖާ ބޭނުންވެގެން އުޅޭކަމެއް ބަލާ އެކުއްޖާގެ އެ ނިންމުމަށް އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

މިކުއްޖަ އޮލިމްޕިކް ސްޓޭޑިއަމްގައި ދުވުމަށް ހަމަޖެހިފައިއޮތީ 200 މީޓަރުގެ ހީޓުގައި ހޯމަދުވަހުއެވެ. ނަމަވެސް އެކުއްޖާގެ ކުޅިވަރާއި ކަސްރަތު އޮލިމްޕިކްސްގައި ހުއްޓުމަކަށް އައީ އެކުއްޖާގެ ނުރުހުމުގައި އެއަރޕޯޓަށް ގެންގޮސް ތުރުކީ އެއަރލައިންގެ ފްލައިޓެއްގައި ރަށަށް ފޮނުވައިލުމަށް އެއަރޕޯރޓަށް ގެންދިއުމުންނެވެ.

މި ޚބަރު އެންމެ ފުރަތަމަ ރިޕޯރޓުކުރި ރޮއިޓާރސްއިން އެކުއްޖާއާއި ޙަވާލާދީ ބުނެފައިވަނީ ބެލަރޫސްގެ އިސް ކޯޗު އާދީއްތަދުވަހު އެތުލީޓުންގެ ވިލެޖުގައި އެކުއްޖާ ހުންނަ ކޮޓަރިއަށް އައިސް އެކުއްޖާ ރަށަށްދާންޖެހޭ ކަމަށް ބުނި ކަމުގައެވެ.

ރޮއިޓާރސްއިން ބުނެފައިވަނީ އެކުއްޖާ ރޮއިޓާރސްއާއި ވާހަކަ ދެއްކީ ޓެލެގްރާމުން ކަމުގައެވެ.

އެކުއްޖާ ލިޔުނު މެސެޖުގައި ބުނެފައިވަނީ އިސް ކޯޗު އޭނާ ހުންނަ ތަނަށް އައިސް އޮލިމްޕިކުން އޭނާ ވަކިކުރުމަށް ވަރަށް މަތީން އަމުރެއް ލިބިފައިވާ ކަމުގައެވެ. އަދި ހަވީރު 5 ޖަހާ އެހާކަންހާއިރު އޭނާގެ ކޮޓަރިއަށް އެމީހުން އައިސް ދަބަސްތަކަށް އޭނާގެ ހުރިހާ ތަކެއްޗަކާއި ސާމާނު އަޅަން އެންގިކަމަށާ އެކަން ނިމުމުން ދެން ގެންދިޔައީ އެއަރޕޯރޓަށް ކަމުގައެވެ.

ނަމަވެސް އެ ދުވުންތެރިޔާ ފްލައިޓަށް އަރަން ދެކޮޅުހަދައި ރޮއިޓާރސްއަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ ބެލަރޫސްއަށް ނުދާނެ ކަމުގައެވެ.

ބެލަރޫސްގެ އޮލިމްޕިކް ކޮމިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޝިމަނޫސްކާޔާއި ގުޅޭގޮތުން ޑޮކްޓަރުން ދީފައިވާ އިރުޝާދަކާއި ގުޅިގެން އޮލިމްޕިކް ކުޅިވަރުތަކުން އެކުއްޖާ ވަކިކުރުމަށް ބެލަރޫސްގެ ކޯޗުން ނިންމައިފި ކަމުގައެވެ. ޑޮކްޓަރުން ދީފައިވާ އިރުޝާދަކީ އެކުއްޖާގެ ކިބައިގާވާ ނަފްސާނީ އަދި ޖަޒުބާތީ ޙާލަތެއްގެ ސަބަބުން ކުޅިވަރުތަކުގައި ބައިވެރިކުރުމަށް ނުފެންނަ ކަމުގައެވެ.

ބެލަރޫސްގެ އެތުލެޓިކް ކޯޗު ޔޫރީ މޮއިސެވިޗް ޤައުމީ ޓީވީގައި ވާހަކަ ދައްކަމުން ބުނެފައިވަނީ އެކުއްޖާގެ ކިބައިން ކޮންމެވެސް މައްސަަލައެއް ހުރިކަމަށް އޭނާއަށް ފެންނަ ކަމުގައެވެ. އަދި އެކަމަކީ އެކުއްޖާގެ ކިބައިގައި އަމިއްލައަށް އެކަހެރިވެގެން އުޅުން ހުރުން ނުވަތަ އެއްވެސް މީހަކާއި ވާހަކަ ދައްކަން ބޭނުން ނުވަނީ ކަމުގައެވެ.

މިއަދު ބައިނަލްއަޤުވާމީ އޮލިމްޕިކް ކޮމިޓީން ޝިމަނޫސްކާޔާއާއި ވާހަކަދައްކަމުން ގެންދާނެއެވެ. އަދި އޮލިމްޕިކް ހިންގާ ބޯރދުންވަނީ ބެލަރޫސްގެ އޮލިމްޕިކް ކޮމިޓީއާއިގުޅޭ ފުރިހަމަ ރިޕޯރޓެއް ދިނުމަށް އަންގައިފައި ކަމަށް އެޑަމްސް ވިދާޅުވިއެވެ.

މިމައްސަލައިގައި އޮލިމްޕިކް ކޮމިޓީން އޮލިމްޕިކް ވިލެޖުގައި ތިބިހައި އެތުލީޓުންނާއިމެދު ކަށަވަރު ކަމެއް ދިނުމަށް ކުރާނީ ކޮންކަމެއްތޯ ޖާނަލިސްޓުން ކުރަމުން ގެންދިޔަ ގިނަ ސުވާލުތަކާއި ގުޅިގެން އައިއޯސީގެ ތަރުޖަމާނު ވިދާޅުވީ އެ ކޮމިޓީން އަދިވެސް ގެންދަނީ އަޞްލުގައި ކަންހިނގައިދިޔަ ގޮތާއި ގުޅޭގޮތުން މަޢުލޫމާތު އެއްކުރަމުން ކަމުގައެވެ.

މިދުވުންތެރިޔާއަށް މައްސަލަ ކުރިމަތިވި ހިސާބުން ފެށިގެން އެ ކުއްޖާއާއި ވާހަކަ ދައްކަމުންދިޔަ ބެލަރޫސްގެ ޢާންމު ފަރާތްތަކުން ބުނެފައިވަނީ އެކިއެކި އޮފިޝަލުންނާއިއެކު ވަރަށް ގިނައިރު ވާހަކަ ދެއްކުމަށްފަހު އެކުއްޖާ ހުށަހެޅީ ޖަޕާނުން ޙިމާޔަތް ހޯދުމަށް ކަމުގައެވެ.

ޖަޕާނު ސަރުކާރުން ބުނެފައިވަނީ ޓޯކިޔޯ 2020 އިންތިޒާމުކުރި ފަރާތާއި އައިއޯސީން އެކުއްޖާ ބޭނުންވާ ގޮތެއް ނުވަތަ މަޤުޞަދު ސާފުކުރަންދެން އެ ދުވުންތެރިޔާ ހުރީ ޙިމާޔަތާއި ރައްކާތެރިކަމުގައި ކަމުގައެވެ.

ޖަޕާނުގެ ކެބުނެޓްގެ ޗީފް ސެކްރެޓަރީ ކަޓްސުނޮބޯ ކާޓޯ ވިދާޅުވީ ޖަޕާނުން ގެންދަނީ ކަމާގުޅުންހުރި ފަރާތްތަކާއި ވާހަކަ ދައްކަމުން ކަމުގައެވެ. އަދި ކަމާއި ގުޅޭގޮތުން އެކަސީގެންވާ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމުގައެވެ.

ޕޮލެންޑުގެ ޚާރިޖީ ވުޒާރާގެ އޮފިޝަލް މާރކިން ޕްރްޒިޑަކްސް ޓުވިޓަރގައި ލިޔުއްވައިފައިވަނީ ޝިމްނޫސްކާޔާއަށް އިންސާނީއެހީގެ ވިސާއެއް ދީފައިވާ ކަމުގައެވެ. އަދި ޕޮލެންޑުގައި އޭނާ ކުޅިވަރުގެ ރޮނގުން ކުރިއަށްދާން ބޭނުންވާނަމަ އެފުރުޞަތު މި ދުވުންތެރިޔާއަށް އެބައޮތް ކަމުގައެވެ. އެހެން ނަމަވެސް ޕޮލެންޑުގެ އޮލިމްޕިކް ކޮމިޓީން މިކަމައިމެދު އަދި ވަކިއެއްޗެއް ބުނެފައެއް ނުވެއެވެ.

ޗެކް ރިޕަބްލިކްގެ ޚާރިޖީ ވަޒީރު ޔަޢުޤޫބު ކުލްހާނިކް ވިދާޅުވީ އޭނާ ދެކިވަޑައިގަންނަވާ ގޮތުގައި އެ ޙާލަތު ގެނެސްފައިވަނީ ބެލަރޫސްގެ ޙީލަތްތެރި ރޭވުމުގެ ތެރެއިން ކަމުގައެވެ. އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ބައިނަލްއަޤުވަމީ ޙިމާޔަތް ހޯދުމަށް އެ ދުވުންތެރިޔާ އެދޭނަމަ ޗެކް ރިޕަބްލިކަށް އެކުއްޖާ އައުމަށް ވިސާ ދީފައިވާ ކަމުގައެވެ. އަދި ޓޯކިޔޯގައި ހުންނަ ޗެކް އެމްބަސީން އެހީވުމަށް ތައްޔާރަށް ތިބި ކަމުގައެވެ.

ޝިމަނޫސްކާޔާ ފްލައިޓަށް އަޅަން ދެކޮޅުހެދިކަން ރޮއިޓާރސްއިން ފުރަތަމަ ރިޕޯރޓުކުރުމާއި ގުޅިގެން ބެލަރޫސްގެ މަޞްލަޙަތު ގެއްލިފައިވާކަމާއި ރައްޔިތުންނާއި ސަރުކާރާއި ދެމެދުގައި އޮންނަންޖެހޭ ނަޒާހަތްތެރިކަން ގެއްލިފައިވާކަން ފާހަގަ ކުރެވިފައިވެއެވެ. އެގޮތުން ކުރިން ސޯވިއެޓުގެ ޤައުމެއްގެ ގޮތުގައި އޮތް ބެލރޫސްގެ ވެރިކަމުގައި ރައީސް އަލެކްޒާންޑަރ ލުކަޝެންކޯ ޤައުމު ހިންގެވުމުގައި ގަދަބާރު ދައްކަވަމުން ގެންދަވާކަމަށް މީޑިއާތަކުން ބުނެފައިވެއެވެ.

މިއަދު އައިއޯސީގެ ތަރުޖަމާނު ވިދާޅުވީ އެ ކޮމިޓީން ބެލަރޫސްގެ އޮލިމްޕިކް ކޮމިޓީއާއި ދެކޮޅަށް ވަރަށް ގިނަ ފިޔަވަޅުތަކެއް އަޅައިފައިވާ ކަމުގައެވެ. އެ ފިޔަވަޅުތައް އަޅައިފައިވަނީ އޮލިމްޕިކް ގޭމްސްއަށް ތައްޔާރުވަމުން ދިޔައިރު މުޅި ޤައުމުގައި ހިނގަމުންދިޔަ ހަޅުތާލުތަކުގެ ސަބަބުން ކަމުގައެވެ.

މީގެ އިތުރުން މިއަހަރުގެ މާރޗްމަހު ރައީސް ލުޝެންކޯގެ ފިރިހެން ދަިކަލުން އެ ޤައުމުގެ އޮލިމްޕިކް ކޮމިޓީގެ ވެރިއަކަށް އިންތިޚާބުކުރުމުން އައިއޯސީން ވަނީ އެކަން ބަލައިވެސް ނުގެންފައެވެ. އަދި ޑިސެމްބަރުމަހު އައިއޯސީން ބައްޕައާއި ދަރިފުޅު އޮލިމްޕިކް ކުޅިވަރުތަށް ބަލަން ދިއުން މަނާވެސް ކޮށްފައެވެ.