ކުރީގެ ހޯމް މިނިސްޓަރ އަބްދުﷲ ކަމާލުއްދީނަށް ޕާޓީ ހެދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފިއެވެ.

އަބްދުﷲ ކަމާލުއްދީން އުފައްދަން މަސައްކަތް ކުރައްވާ ޕާޓީގެ ނަމަކީ "މޯލްޑިވްސް ސޮލިޑާރިޓީ ޕާޓީ" ނުވަތަ ގައުމީ އެއްބައިވަންތަކަމުގެ ޕާޓީއެވެ.

"ގައުމީ އެއްބައިވަންތަކަމުގެ ޕާޓީ" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް މަސައްކަތް ކުރުމުގެ ހުއްދަ މއ. އާނުވެލި، އަބްދުﷲ ކަމާލުއްދީނަށް ދިނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ކަމަށް އެކޮމިޝަނުން ބުނެއެވެ.

މީގެކުރިންވެސް، އަބްދުﷲ ކމާލުއްދީން ވަނީ ޕާޓީއެއް އުފެއްދެވުމަށް އިލެކްޝަންސައަށް ފޯމް ހުށަހަޅުއްވާފައެވެ.

ނަމަވެސް، ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެދި ހުށައަޅާ މީހެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތު ހަމަނުވާކަމަށް ބުނެ އިލެކްޝަންސް އިން ވަނީ އެ ފޯމް ބާތިލް ކޮށްފައެވެ.

ސިޔާސީ ޕާޓީއެއް އުފައްދަން ހުށަހަޅާ މީހަކީ އެހެން ޕާޓީއެއްގެ މެމްބަރެއް ކަމުގައި ވެގެން ނުވާނެކަމަށް ވާއިރު، އޭރު އެމް.އާރް.އެމް އިން ވަކިވެވަޑައިގެންފައި ވީނަމަވެސް، އެ ޕާޓީގެ ދަފްތަރުން އަބްދުﷲ ކަމާލުއްދީންގެ ނަން އުނިވެފައިނުވާތީ އެމަނިކުފާނުގެ ހުންނެވީ އެމް.އާރް.އެމްގެ މެމްބަރެއްގެ ގޮތުގައެވެ.