ދުނިޔޭގެ ޓެނިހުގެ މައި އިދާރާ، އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަން (އައިޓީޓީއެފް) އިން އިންތިޒާމުކޮށްގެން ބާއްވާ ބައިނަލްއަގުވާމީ ދެ މުބާރާތެއްގައި ރާއްޖޭގެ ޓީޓީ ތަރި ފާތިމަތު ދީމާ އަލީ ބައިވެރިކުރަން ނިންމައިފިއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ދީމާ ވާދަކުރަން ހަމަޖެހިފައިވަނީ ވޯލްޑް ޓޭބަލް ޓެނިސް ޔޫތު ސީރީސްގެ ދަށުން މި އަހަރު ޕޯޗުގަލާއި އޮމާނުގައި ބޭއްވުމަށް ނިންމާފައިވާ ދެ މުބާރާތެއްގައެވެ. މި ދެ މުބާރާތުގައިވެސް ދީމާ ވާދަކުރާނީ 15 އަހަރުން ދަށުގެ ބައިގައެވެ.

އެގޮތުން އަންނަ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުން ފެށިގެން 22 ވަނަ ދުވަހުގެ ނިޔަލަށް ޕޯޗުގަލުގެ ވެރިރަށް ލިޒްބަނުގައި ބާއްވާ ވޯލްޑް ޓޭބަލް ޓެނިސް ޔޫތު ސްޓާ ކޮންޓެންޑާ މުބާރާތުގައި ދީމާ ވާދަކުރާއިރު، އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހުން 16 ވަނަ ދުވަހުގެ ނިޔަލަށް އޮމާނުގެ ވެރިރަށް މަސްކެޓުގައި ބާއްވާ ވޯލްޑް ޓޭބަލް ޓެނިސް ޔޫތު ކޮންޓެންޑާ މުބާރާތުގައިވެސް ދީމާ ވާދަކުރާނެއެވެ.

ޓޭބަލް ޓެނިހުގެ ދުނިޔޭގެ ރޭންކިންގެ ކުރީގައި ހޯދާފައިވާ މަގާމު ހިފަހައްޓަން ދީމާ ބައިނަލްއަގްވާމީ ދެ މުބާރާތެއްގައި ވާދަކުރަން ހަމަޖެހިފައިވާއިރު ދުނިޔޭގެ ޓޭބަލް ޓެނިސް ރޭންކިންގެ ޖޫނިއާ ބައިގެ 15 އަހަރުން ދަށުގެ އަންހެން ކުޅުންތެރިންގެ ތެރެއިން އަށްވަނައިގައި ދިމާ ހިމެނުނެވެ. މިއީ ރާއްޖޭގެ ކުޅުންތެރިއަކަށް ދުނިޔޭގެ ރޭންކިންގެ ގަދަ 10 ގެ ތެރެއިން ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ. އެކަމަކު މިހާރު ދީމާ އޮތީ ރޭންކިންގެ 11 ވަނައިގައެވެ.

ހަގު އުމުރެއްގައި ގައުމަށް ރީތި ނަން ހޯދާދީފައިވާ ދީމާ ޓެނިހުގެ ދުނިޔޭގައި އެންމެ ފުރަތަމަ ވިދާލީ 2016 ވަނަ އަހަރު މެލޭޝިއާ ޓޭބަލް ޓެނިސް މުބާރާތެއްގެ 11 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދައިގެންނެވެ. އޭގެ ފަހުން ސްރީ ލަންކާގެ ޖޫނިއާ ނެޝަނަލް ޓޭބަލް ޓެނިސް މުބާރާތުގެ 10 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދިއެވެ.

ދީމާ ވަނީ އުމުރުން އެންމެ 11 އަހަރުގައި 2019 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް (އައިއޯއައިޖީ) އިން ތިން ރަން މެޑެއްޔާއެކު، އައިއޯއައިޖީގައި އެންމެ ކާމިޔާބު ދިވެހި އެތުލީޓަށް ދީމާ ވެގެންދިޔައެވެ. އަދި ސައުތު އޭޝިއާ ހޯޕްސް މުބާރާތުން ރަން މެޑަލް ހޯދައި، އަދި އޭޝިއާ ހޯޕްސް މުބާރާތުން ރިހި މެޑަލް ހޯދައި، ވޯލްޑް ހޯޕްސް މުބާރާތަށް ދީމާ މީގެ ކުރިން ކޮލިފައިވެފައެވެ. އަދި ގައުމީ ޓީޓީ ސިންގަލްސް ޗެމްޕިއަންކަން ޖެހިޖެހިގެން ދެ އަހަރު ހޯދައި، ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތަށި މިލްކުކުރުމުގެ ފުރުސަތު އުމުރުން 12 އަހަރުގައި ދީމާ ހޯދިއެވެ.

ދީމާ މިހާރު ދަނީ ލަންކާގައި ޓްރެއިނިންގ ހަދަމުންނެވެ. ލަންކާގައި ދީމާ އަށް ކޯޗުކަން ކޮށްދެނީ އެގައުމުގެ ކުރީގެ ގައުމީ ކެޕްޓަން ރޯހަން އެވެ. އަދި ދީމާގެ ޓްރެއިނިންގ ކުރިއަށް ގެންދަނީ ލަންކާގައި ދިވެހި އެމްބަސީ ހުންނަ ސޯސަން ވިލާގައެވެ.