އިޓަލީ ފުޓުބޯޅައިގެ ގަދަބާރު ޔުވެންޓަސް އަށް ކުޅެމުން އަންނަ ތަޖުރިބާކާރު ޑިފެންޑަރު ޖިއޯޖިއޯ ކިއަލީނީ އެ ކުލަބާއެކު ހަދާފައިވާ އެއްބަސްވުން އައުކޮށްފިއެވެ.

ޔުވެންޓަސްގެ އެއްބަސްވުން އައުކުރުމަށްފަހު އެކުލަބުގެ މީޑިއާ ޗެނަލް އަށްދިން އިންޓަވިއުއެއްގައި ވާހަކަދައްކަމުން ކިއެލިނީ ބުނީ އެއްބަސްވުމުގައި ސޮއިކުރުން މިއީ ހަމައެކަނީ ރަމްޒީ ކަމެއް ކަމަށާއި އަބަދުވެސް ހުންނަން ބޭނުންވަނީ ޔުވެންޓަސްގައި ކަމަށެވެ. އަދި އޭނާގެ ގައިގައި އެހިތްވަރު ހުރިހާ ދުވަހަކު ޔުވެންޓަސްގެ ކޮންޓްރެކްޓުގައި ހުރުމުގެ ވިސްނުން ހުރިކަމަށްވެސް ބުންޏެވެ.

2005 ވަނަ އަހަރު ފިއޮރެންޓީނާ އިން ޔުވެންޓަސް އަށް ބަދަލުވި ކިއެލީނީ ވަނީ ޔުވެންޓަސްގައި ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. މިހާތަނަށް ޔުވެންޓަސް އަށް 535 މެޗު ކުޅެދީފައިވާއިރު ކިއެލީނީ ވަނީ 9 ފަހަރަށް ލީގު ޓައިޓަލް ކާމިޔާބު ކޮށްފައެވެ. އަދި ކޮޕާ އިޓާލިއާ 5 ފަހަރަށް ކާމިޔާބު ކޮށްފައިވެއެވެ. އަދި އޭނާ ވަނީ ޑިފެންޑަރެއްގެ ގޮތުގައި ކުޅެ ޔުވެންޓަސް އަށް 36 ލަނޑު ކާމިޔާބު ކޮށްދީފައެވެ.

ފާއިތުވީ ސީޒަނުގައި އިންޖަރީގެ ސަބަބުން ގިނަ މެޗުތަކެއް އޭނާއަށް ގެއްލުނުއިރު މުޅި ސީޒަނުގައި ސެރިއާ އޭގައި އޭނާ ކުޅެފައިވަނީ އެންމެ 17 މެޗެވެ. ޔުވެންޓަސްގެ ކެޕްޓަންގެ ޒިންމާ އާއިވެސް ހަވާލުވެގެންހުރި ކިއެލީނީ އަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ ކާމިޔާބު އަދި އެންމެ މޮޅު އެއް ޑިފެންޑަރުވެސް މެއެވެ.

36 އަހަރުގެ ތަޖުރިބާކާރު ޑިފެންޑަރު ގައުމީ ޓިމަށްވެސް މިހާތަނަށް 112 މެޗު ކުޅެދީފައިވާއިރު އޭނާވަނީ މިއަހަރު ކުޅުނު 2020 ވަނަ އަހަރުގެ ޔޫރޯ މުބާރާތް އިޓަލީ އާއިއެކު ކާމިޔާބު ކޮށްފައެވެ. ކިއެލީނީ ފާހަގަކުރެވެނީ އިޓަލީއަށް ފަބިއޯ ކަނަވާރޯ ކުޅުން ހުއްޓާލިފަހުން އެޓީމުގެ އެންމެ އިތުބާރު ޑިފެންޑަރުގެ ގޮތުގައެވެ.

ޔުވެންޓަސް އާއިއެކު 16 އަހަރު ކިއެލީނީ ހޭދަކޮށްފައިވާއިރު އައު އެއްބަސްވުމުގެ ދަށުން އޭނާ އެކުލަބުގައި 2023 ވަނަ އަހަރުގެ ހޫނު މޫސުމުގެ ނިޔަލަށް މަޑުކުރާނެއެވެ. އެންމެފަހުން ކިއެލީނީ ޔުވެންޓަސް އާއިއެކު އެއްބަސްވުމެއް ހަދާފައިވަނީ 2020 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އެއް އަހަރަށެވެ.