ކުރީގެ ރައީސް ޢަބްދުﷲ ޔާމީން، މިއަދު މަރު ކޮމިޝަނަށް ހާޒިރުކުރީ ސިޔާސީ ނުފޫޒުގެ ބޭނުންކޮށްގެންކަމަށް އެމަނިކުފާނުގެ ވަކީލުންގެ ޓިމުން ތުހުމަތު ކޮށްފިއެވެ.

ރައީސް ޔާމީން މަރު ކޮމިޝަނަށް ހާޒިރުކޮށްފައިވަނީ ނޫސްވެރިޔާ ރިލްވާން ޢަބްދުﷲ ގެއްލުވައިލި މައްސަލައިގެ ތަހުގީގަށް ހުރަސްއެޅުއްވި ކަމަށް ތުހުމަތުކޮށް ސުވާލުކުރުމަށް ކަމަށް ބުނެއެވެ.

މަރު ކޮމިޝަންގައި ކުރިޔަށްގެންދިޔަ އަޑުއެހުން ނިންމާލުމަށްފަހު ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޓީމްގައި ހިމެނިވަޑައިންގަންނަވާ، ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވީ، މަރު ކޮމިޝަންގައި ކުރިޔަށް ގެންދިޔަ މުޅި ތަހުގީގަކީ ސިޔާސީ ގޮތުން ކޮމިޝަނަށް އޮތް ނުފޫޒެއްގެ ސަބަބުން ކުރިޔަށްގެންދިޔަ ތަހުގީގެއް ކަމަށެވެ.

ރައީސް ޔާމީނަށް ކުރަނީ ކޮން ތުހުމަތެއްކަން މަރު ކޮމިޝަނުން ސުވާލުކުރި ފަރާތްތަކަށްވެސް ނޭނގޭކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ.

އެގޮތުން ރިލްވާން ގެއްލުވާލި މައްސަލައިގެ ތުހުމަތަށް ރައީސް ޔާމީން އެޅީ ކޮން ހުރަހެއް ކަމެއްވެސް ނުބުނެވުނު ކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ.

"މިއަދު މި ތަހުގީގު ޓީމްގެ ބޭފުޅުން ތިއްބެވީ ވަކި ގޮތަކަށް ވަރަށް ބޮޑަށް ކަންތައްތައް ނިންމަވައިގެން، ވަރަށް ކޯފާވެގެން. ދެން އޭގެ ފަހުން ވަޑައިގެންނެވި ބޭފުޅެެއް. ކޮންމެސް ބޭފުޅެއް، އަހްމަދު ނަޝީދު ކިޔުއްވާ ބޭފުޅެއް. ވަރަށް ކޯފާވެ، ވަރަށް ހިތްހަމަ ނުޖެހިގެން ހަގީގަތުގައި މުޅި މި މައްސަލާގައި، ތިމަންނަމެން ނިންމީމަ އެއީ އެ ނިންމުމޭ، އެގޮތަށޭ މީތި ކުރިޔަށްގެންދެވޭނީ. ދެން އަޅުގަނޑު ދެންނެވިން ރައީސް ޔާމީން ދެއްވަން ބޭނުންފުޅުވާ ބަޔާނެއް މިއަދު ދެއްވާނެއޭ. އެގޮތަށް މިއަދު ނިމިގެން ދިޔައީ. އަޅުގަނޑަށް ހަމަ މިއަދު އެބޭފުޅުންގެ އަމަލުތައް ހުރިގޮތުންނާ އެބޭފުޅުން ކޯފާވެފަ ތިބި މިންވަރުން އަޅުގަނަޑަށް ސިފަކުރެވުނީ މުޅި ތަހުގީގަކީ ސިޔާސީ ގޮތުން އޮތް ނުފޫޒެއްގެ ސަބަބުން ތަހުގީގުގެ ނަމުގައި ކުރިޔަށްގެންދިޔަ އެއްޗެކޭ"
ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދު

ޑރ. ޖަމީލް ވިދާޅުވީ، 2018 ވަނަ އަހަރު މިސަރުކާރު ވެރިކަމަށް އައި ފަހުން ފެންނަނީ ތަކުރާރުކޮށް ކޮންމެވެސް މައްސަލައެއްގައި ރައީސް ޔާމީން ކޯޓަށް ގެންދަވާ މަންޒަރު ކަމަށެވެ. އަސްލު ކުށް ކުރި ފަރާތްތަކާ މެދު ތަހުގީގު ހިންގައި ދައުވާކުރެވޭ ތަން ފެނިގެން ނުދާ ކަމަށެވެ.

އަދި ވިދާޅުވީ، މިފަދަ ކަންކަމަކީ 2023 ވަނަ އަހަރު ރައީސް ޔާމީނަށް ވެރިކަން ލިބުމަކީ މިސަރުކާރު ހިންގާ ފަރާތްތަކަށް އޮތް ނުރައްކަލެއް ކަމަށް ފެންނާތީ، ތަހުގީގީ އިދާރާތަކުގެ މައްޗަށް ނުފޫޒު ފޯރުވައިގެން ސަރުކާރުގެ ބާރުގެ ދަށުން ކުރެއްވާކަމެއް ކަމަށެވެ.

ރިޔާސީ ކޮމިޝަނާ ހަވާލާދީ ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައި ވާގޮތުން، ތަހުގީގުގައި ތަކުރާރުކޮށް ފުރުސަތު ދިނުމުން ވެސްރައީސް ޔާމީން ހުންނެވީ ހެނެވެ.

ރިލްވާން ގެއްލުވާލި މައްސަލާގައި ރައީސް ޔާމީނަށް ސުވާލުކޮށްފައި ވާއިރު، މަރު ކޮމިޝަނުން މީގެކުރިން ވަނީ ރިލްވާން މައްސަލައިގައި ޔާމީންއަށް ދައުވާ ކުރެވޭނެ ހެކި ލިބިފައި ނެތްކަމަށް ބުނެފައެވެ.