ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ހައުސިން ޔުނިޓްގެ މަޝްރޫއު "ދަ ކްރީކް ވިއު" މިއަދު އިފްތިތާހް ކޮށްފިއެވެ.

މިއީ ސާސް އީ ކޮންސްޓްރަކްޝަން އަދި ގްލަޓް އިންވެސްޓްމަންޓްގެ ޖޮއިންޓް ވެންޗަރ ކުންފުނިން ކުރިޔަށްގެންދާ މަޝްރޫއުއެކެވެ.

މި މަޝްރޫޢު އަކީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ފަރާތުން އިއުލާންކުރި މަޝްރޫޢުއެކެވެ. މި ހައުސިން މަޝްރޫޢުއަށް ސާސް އީ ގްލަޓް ޖޭ.ވީ ޕްރައިވެޓް ލިމިޓެޑް އިން ބިޑް ހުށަލަޅާފައިވަނީ 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ އަށް ވަނަ ދުވަހުއެވެ.

އެއަށްފަހު، ބިޑް ކާމިޔާބުކޮށް، މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ނިމިގެންދިޔަ ޖުލައި މަހުގެ 18 ވަނަ ދުވަހުއެވެ.

މި މަޝްރޫއު އިފްތިތާހް ކުރުމަށް މިއަދު ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ސާސް އީ ކޮންސްޓްރަކްޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ ސައުދުﷲ އަހުމަދު ވިދާޅުވީ، މި މަޝްރޫއުގެ ދަށުން އިމާރާތް ކުރެވޭ އެޕާޓްމެންޓުތަކަކީ ޖާގަ ބޮޑު، ހިތްފަސޭހަ، އަދި ވަރަށް ރަނގަޅަށް ވެންޓިލޭޓް ކުރެވިފައިވާ އެޕާޓްމެންޓް ތަކަކަށް ވެގެންދާނެ ކަމަށެވެ.

އަދި، މި އެޕާޓްމަންޓް ކޮމްޕްލެކްސްގައި ޖުމްލަ 114 އެޕާޓްމަންޓް ހުންނާނެ ކަމަށާއި، އޭގެތެރޭގައި ދެ ކޮޓަރި އާއި، ތިން ކޮޓަރި އާއި، ތްރީ ޕްލަސް ވަން އަދި ހަތަރު ކޮޓަރީގެ އެޕާޓްމަންޓް ހިމެނިގެންދާނެ ކަމަށްވެސް ސައުދު ވިދާޅުވިއެވެ.

މި އެޕާޓްމަންޓް ކޮމްޕްލެކްސް އިމާރާތްކުރަން ހަމަޖެހިފައިވަނީ 15،000 އަކަފޫޓުގެ ބިމެއްގައެވެ. މި އިމާރާތުގެ އާކިޓެކްޗަރ ޕްލޭނިންގ އެކުލަވާލެވިފައިވާ ގޮތުގެ "ތްރީ ޑީ ވިއު" އެއް މިއަދުގެ ހަފްލާގައި ވަނީ ދައްކާލާފައެވެ.

އަދި، މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭތާ 36 މަސްދުވަހުގެ މުއްދަތުގެ ތެރޭގައި، މި އެޕާޓްމަންޓުތަކުގައި ދިރިއުޅެވޭވަރު ވާނެކަމަށް ސައުދު ވިދާޅުވިއެވެ.

މި އެޕާޓްމަންޓުތައް ފަރުމާ ކުރެވިފައިވަނީ ކުޑަކުދިންނާއި ރައްޓެހި، އަދި މިތަނުގައި ދިރިއުޅެން ގަސްދުކުރާ ފަރާތްތަކަށް ތަފާތު ފަސޭހަ ގޮތްތަކެއް އެކުލެވޭ ގޮތަށެވެ. އަދި މި އިމާރާތުގެ ގްރައުންޑް ފްލޯރ، ކޮމާޝިއަލް ސްޕޭސްގެ ގޮތުގައި ދޫކުރަން ހަމަޖެހިފައިވާކަމަށް ސައުދު ވިދާޅުވިއެވެ.