ސަރުކާރުގެ އިދާރާތަކުގައި މަސައްކަތްކުރާ ހުރިހައި މުވައްޒަފުން ކޮވިޑް-19އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ޑޯޒުތައް ފުރިހަމަކުރުމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިލްތިމާސްކުރައްވައިފިއެވެ.

ރައީސް ވަނީ، މިހައިތަނަށް ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަކޮށްފައިނުވާ މުވައްޒަފުން 2021 އޮގަސްޓް 15 ވަނަ ދުވަހުގެ ނިޔަލަށް ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށް، އެޑޯޒް ފުރިހަމަކުރި ތާރީޚަށް ބަލައި، ދެވަނަ ޑޯޒްވެސް ފުރިހަމަކުރުމަށް އެދިވަޑައިގެންފައެވެ.

އަދި ވަގުތީގޮތުން ކުރިމަތިވެފައިވާ ހާލަތެއްގެ ސަބަބުން ވަކި މުއްދަތަކަށް ވެކްސިންޖެހުން ރައްކާތެރި ނޫންކަމަށް ދިވެހިރާއްޖޭގައި ރަޖިސްޓަރީވެފައިވާ މެޑިކަލް ޑޮކްޓަރަކު ލަފާ ދޭ މުވައްޒަފުންވެސް، ލަފާދީފައިވާ މުއްދަތު ހަމަވުމުން ވެކްސިން ފުރިހަމަކުރުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން ރައީސް ވަނީ ސަރުކާރުގެ އިދާރާތަކުގެ ވެރިން، އެއިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުން، ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިން ފުރިހަމަކުރުމަށް ބާރުއަޅުއްވައި، ވެކްސިން ފުރިހަމަކުރޭތޯ ބައްލަވައިދެއްވުމަށްވެސް އެދިވަޑައިގެންފައެވެ.

ރައީސް މިފަދައިން އެދިވަޑައިގެންފައިވާއިރު، ސަރުކާރުގެ އޮފީސްތަކާއި ދައުލަތުގެ މުއައްސަސާތަކުގައި ސަރުކާރުގެ ކުންފުނިތަކުގެ ހުރިހާ މުވައްޒަފުން ވެކްސިން ފުރިހަމަކުރުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރުވެސް ވަނީ މީގެކުރިން އެދިވަޑައިގެންފައެވެ.

ރާއްޖޭގައި ދިރިއުޅޭ ކޮވިޑް ވެކްސިން ޖެހޭ އެންމެނަށް ވެކްސިން ޖެހުމުގެ ބޮޑު ޕްރޮގްރާމެއް މިހާރު ވަނީ ފަށާފައެވެ.

ސަރުކާރުގެ އެންމެ ފުރަތަމަ އަމާޒަކީ، ރާއްޖޭގައި އުޅޭ އެންމެންގެ ތެރެއިން، ވެކްސިންޖަހާ އުމުރުގެ 90 އިންސައްތަ މީހުންނަށް، މިފެށޭ އޮގަސްޓު މަހުގެ ނިޔަލަށް، ވެކްސިން ޖަހައި ނިންމުމެވެ.