ޓޯކިޔޯ އޮލިމްޕިކްސް 2020 ގެ ފިރިހެނުންގެ ފުޓުބޯޅަ އިވެންޓުގެ ފައިނަލަށް، ފުޓުބޯޅައިގެ ގަދަ ދެބާރު ކަމުގައިވާ ބްރެޒިލް އާއި ސްޕެއިން ދަތުރުކޮށްފިއެވެ.

ފައިނަލްގެ ޖާގައެއް ބްރެޒިލް އިން ހޯދީ ސެމީ ފައިނަލުގައި މެކްސިކޯގެ މައްޗަށް ޕެނަލްޓީ ޖަހައިގެން ކުރިހޯދައިގެންނެވެ. ޕެނަލްޓީ ޝޫޓްއައުޓުގައި ބްރެޒިލް މޮޅުވީ 1-4 އިންނެވެ.

ބްރެޒިލްގެ ޕެނަލްޓީތައް ކާމިޔާބު ކޮށްދީފައިވަނީ ކެޕްޓަން ޑެނީ އަލްވޭސް އާއި ގެބްރިއެލް މާޓިނެލީގެ އިތުރުން ބްރޫނޯ ގިމަރޭސް އަދި ރެއިނިއާއެވެ.

ޖަޕާންގެ މަޝްހޫރު ކަޝިމާ ސްޓޭޑިއަމުގައި ކުޅުނު މެޗުގައި ދެ ގައުމުގެ ފަރާތުންވެސް ގިނަ ހަމަލާތަކެއް ފެނިގެންދިޔައެވެ. އެގޮތުން މެޗު ނިމެން ގާތްވެފައި ވަނިކޮށް ބްރެޒިލުގެ ރިޗާލިސަންއަށް ލަނޑެއް ޖަހަން ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އެކަމަކު މި މެޗުގެ ފުރިހަމަ ވަގުތާއި، އިތުރު ވަގުތުގެ ދެ ހާފުގައިވެސް ދެ ގައުމުން ކުރެ ގައުމަކަށް ލަނޑެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ.

ފައިނަލްގެ ފުރަތަމަ ޖާގަ ބްރެޒިލް އިން ހޯދިއިރު އެންމެފަހުން 2016 ވަނަ އަހަރު ބްރެޒިލްގެ ރިއޯގައި ބޭއްވި އޮލިމްޕިކްސްގެ ފުޓުބޯޅަ އިވެންޓުގެ ރަން މެޑަލް ހޯދާފައިވަނީ ބްރެޒިލް އިންނެވެ. އަދި އޭގެ ކުރިން އެ ގައުމުން ވަނީ އޮލިމްޕިކްސްގެ ފުޓްބޯޅަ އިވެންޓުގައި ރިހި މެޑެއްޔަކާއި ދެ ލޯ މެޑަލް ހޯދާފައެވެ.

ސެމީ ފައިނަލް މެޗުގެ ތެރެއިން- ފޮޓޯ:- ގެޓީ އިމޭޖަސް

ސްޕެއިން އިވެންޓުގެ ފައިނަލަށް ދަތުރުކުރީ އޮލިމްޕިކްސްގެ ހޯސްޓު، ޖަޕާނުގެ މައްޗަށް 0-1 އިން ކުރިހޯދައިގެންނެވެ.

އެތައް ޑްރާމާއެއް ފެނިގެންދިޔަ ވާދަވެރި މިމެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑަކީ މެޗުގެ ފުރިހަމަވަގުތު ހަމަވިއިރު ދެޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވުމުން ކުޅުނު އިތުރުވަގުތުގެ ދެހާފުގެ ތެރޭގައި ކާމިޔާބުކުރި ލަނޑެކެވެ.

މިލަނޑު ސްޕެއިން އަށް ކާމިޔާބު ކޮށްދީ އޮލިމްޕިކްސްގެ ފައިނަލަށް އެޓީމު ގެންގޮސްދިނީ މާކޯ އެސެންސިއޯއެވެ. މިއީ މިކޭލް އޮޔާޒަބަލުގެ އެހީތެރިކަމާއެކު އެސެންސިއޯ ކާމިޔާބުކުރި ލަނޑެކެވެ.

މި ފަހަރުގެ އޮލިމްޕިކްސްއަށް ވަރުގަދަ ސްކޮޑަކާއެކު ނުކުތް ސްޕެއިން ފައިނަލަށް ދަތުރުކުރިއިރު، އެ ގައުމުން އޮލިމްޕިކްސްގެ ފުޓްބޯޅަ އިވެންޓުން އެންމެ ފަހުން ރަން މެޑަލް ހޯދާފައިވަނީ 1992 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި އޮލިމްޕިކްސްގައެވެ. އަދި ސްޕެއިނުން ވަނީ އޮލިމްޕިކްސްގެ ފުޓްބޯޅަ އިވެންޓުން މިހާތަނަށް ދެ ރިހި މެޑަލް ހޯދާފައެވެ.