ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދަށް، ކަނޑުގެ ސިފައިންގެ ހަނގުރާމަމަތީ މަނަވަރުތަކެއް ފޮނުވަން އިންޑިއާއިން ނިންމައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ އިންޑިއާ ކަނޑުގެ ސިފައިންގެ ފަރާތުން ނެރުނު ބަޔާނެއްގައެވެ.

ބަޔާނުގައި ބުނެފައިވަނީ، ހަތަރު މަނަވަރެއް ދެކުނުއިރުމަތީ އޭޝިޔާ، ދެކުނު ޗައިނާ ކަނޑު އަދި ހުޅަނގު ޕެސިފިކް ސަރަހައްދަށް ފޮނުވުމަށް ނިންމާފައިވާ ކަމަށެވެ.

މި ސަރަހައްދުތަކަށް ފޮނުވާ މަނަވަރުތަކުގެ ތެރޭގައި ގައިޑެޑް މިސައިލް ޑިސްޓްރޯޔަރއަކާއި، މިސައިލް ފްރިގޭޓެއްވެސް ހިމެނެއެވެ.

ކަނޑުގެ ސިފައިންގެ މި މަނަވަރުތަކާއި، ސިފައިން މިމަހުގެ ތެރޭގައި ފޮނުވޭނެ ކަމަށާއި، ކަނޑައެޅިފައިވާ ސަރަހައްދުތަކުގައި މި ޓާސްކްފޯސް ދެމަސްވަންދެން ތިބޭނޭ ކަމަށްވެސް ބަޔާނުގައި ބުނެފައި ވެއެވެ.

އިންޑިއާއިން ފޮނުވާ މި ޓާސްކްފޯހަކީ އެކުވެރި ގައުމުތަކާއި އިންޑިއާއާ ދެމެދު އޮންނަ ސަލާމަތީ ގުޅުންތައް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން ކަމަށް ވެއެވެ.

ޚާއްސަކޮށް ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދަށް އިންޑިއާއިން އަސްކަރީ މަނަވަރުތަކާއި ސިފައިން ފޮނުވުމަކީ، ޗައިނާއާ ދެކޮޅަށް ސަރަހައްދީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކުގައި އިންޑިއާގެ ދައުރު އިތުރަށް ފުޅާވުމުގެ ނިޝާނެއް ކަމަށް މުހައްލިލުން ވިދާޅުވެއެވެ.

ޗައިނާ ރުޅިއެރުވުމުގެ ކަންތައްތަކެއް އިންޑިއާގެ އަސްކަރިއްޔާއިން މީގެކުރިން ކޮށްފައެއް ނުވެއެވެ.

އެހެން ނަމަވެސް، އިންޑިއާ ސިފައިންނާއި ޗައިނާ ސިފައިންނާދެމެދު ދެގައުމު ވަކިކުރާ އިމުގައި މިދިޔަ އަހަރު ހިނގި ވަރުގަދަ ކުރިމަތިލުންތަކަށްފަހު އިންޑިއާގެ މޫޑަށް ބަދަލުތައް އައިސްފައިވާ ކަމަށް ގަބޫލުކުރެވިފައި ވެއެވެ.

މިދިޔަ އަހަރު ހިނގި ކުރިމަތިލުންތަކުގައި ޗައިނާ ސިފައިން ތަޅައި އަނިޔާކުރުމުގެ ސަބަބުން އިންޑިއާގެ އެތައް ސިފައިން މަރުވިއިރު، އެ ކުރިމަތިލުންތަކުގެ ފަހުން އިންޑިއާ ސަރުކާރުންވަނީ ޗައިނާއާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގައި އެމެރިކާއާ ގާތަށް ޖެހިލާފައެވެ.

އިންޑިއާގެ ކަނޑުގެ ސިފައިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ކަނޑައެޅިފައިވާ ކަނޑުގެ ސަރަހައްދުތަކަށް މަނަވަރުތައް ފޮނުވަނީ، ސުލްހަވެރި ބޭނުމެއްގައި މެރިޓައިމްގެ އިންތިޒާމުތައް އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށް އެކުވެރި ގައުމުތަކާއެކު ކުރެވޭ މަސައްކަތުގެ ދަށުން ކަމަށެވެ.

ގުދުރަތީ އެތައް މުއްސަނދިކަމެއް ލިބިގެންވާ ދެކުނު ޗައިނާ ކަނޑަކީ ބައިނަލްއަގްވާމީ ކނޑުގެ ސަރަހައްދެއް ނަމަވެސް، އެ ކަނޑުގެ ބޮޑެތި ފަޅުތަކާއި ފަރުތައް ހިއްކައިގެން ރަށްތައް ހަދައި ޗައިނާއިންވަނީ އަސްކަރީ ބޭސްތައްވެސް ހަދާފައެވެ.

އަދި ދެކުނު ޗައިނާ ކަނޑުގެ ބައެއް ޖަޒީރާ ރަށްތަކަށްވެސް ޗައިނާއިންވަނީ އަމިއްލައަށް ވެރިވެގެންފައެވެ.

އެހެން ނަމަވެސް، އެ ރަށްތަކަކީ އެހެން ގައުމުތަކުން އެ ގައުމުތަކުގެ ރަށްތަކުގެ ގޮތުގައި އެތައް އަހަރެއް ކުރީއްސުރެ ބަލަމުން އައި ރަށްތަކެކެވެ.

ދެކުނު ޗައިނާ ކަނޑުގެ ޖަޒީރާ ރަށްތަކާއި އެ ކަނޑުގެ ބައެއް ސަރަހައްދުތަކުގެ މިލްކުވެރިކަމަށް ދައުވާކުރާ ގައުމުތަކުގެ ތެރޭގައި، ޓައިވާން، ފިލިޕީންސް، ބުރޫނާއީ، މެލޭޝިޔާ، ވިއެޓްނާމްވެސް ހިމެނެއެވެ.