ޤައުމެއްގެ ބޮޑުވަޒީރަކަށް ވުމަކީ ޚުދު މުޚުތާރު ކަމާއެކު ނުފޫޒުގެ ބާރުދައްކާ މީހަކަށް މާ އުނދަގޫ ކަމަކަށް ނުވާނެއެވެ. އެކަމުގެ ހެކި ޤައުމުތަކުގައި ބޮޑުވަޒީރުކަން ކުރައްވަމުން ގެންދަވާ ބޭފުޅުންގެ ފަރާތްޕުޅުން ފެނުމަކީ ބުއްދި ޙައިރާންވާވަރުގެ ކަމެއްނޫނެވެ.
ދުނިޔޭގެ ލީޑަރުން އެކި ލަޤަބުތަކާއި ނަންނަމުގައި ދަނީ ފެންނަމުންނެވެ. ބޮޑުވަޒީރު، ޗާންސެލަރ މިހެންގޮސް މިބާވަތުގެ ލަޤަބުތަކުގައެވެ. ނަމަވެސް އެންމެ ފަހަގަކޮށްލެވޭ ދެ ލަޤަބަކީ ރައީސް އަދި ބޮޑުވަޒީރުގެ ލަޤަބެވެ. މި ދެލަޤަބުގެ ވެރީންކުރެ އެންމެ އިސް މަޤާމަށް ގެންނަން ފެންނަ ބައެއް ކަމަށް ކަނޑައެޅެނީ ޤައުމެއްގެ މަޞްލަޙަތާމެދު ސުވާލު އުފެދެން ފެށުމުންނެވެ. އެކަން ދިވެހި ރާއްޖެއިން ފެނިގެން ދިޔައީ 1978 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރާއި ހަމައަށް އޮތް ދިގު ތިރީސް އަހަރެއްގެ ފަހު އަހަރުތަކުގައެވެ. ނަތީޖާއެއްގެ ގޮތުން ރައްޔިތުން ގޮތެއް ކަނޑައެޅުމަށް ނެގުނު ވޯޓުގައި ރައްޔިތުން ނިންމައިފައިވަނީ އެމީހުންގެ އަތުން ދައުލަތުގެ ބާރު ނުގެއްލި ރައްޔިތުންގެ ނިންމުން އޮންނަ ރިޔާސީ ނިޒާމެއް އޮތުމަށެވެ. މިއީ ދިވެހި ރާއްޖޭގެ ވިރާސީ ރަސްކަން ޖުމްހޫރީ ވެރިކަމަކަށް ބަދަލުވެގެންދިޔަ ދެފަހަރުވެސް އޮތް ނިޒާމެވެ.
ބޮޑުވަޒީރަކީ ޤައުމެއްގައި ވަކި ފަރުދަކަށް އެންމެ ގަދަ ބާރު އޮންނަ އޮންނަ މީހާއެވެ. މާނައަކީ ޤައުމެއްގެ ހުރިހާ ބާރަކާއި ޤާނޫނު އަސާސީއަކީ ބޮޑުވަޒީރު ކުޅިޖައްސަވަން ބޭނުންފުޅުވާ އެއްޗެއްގެ ގޮތުގައި އޮތުމެވެ. ސަބަބަކީ ޤައުމުގެ ކެބިނެޓަކީ ބޮޑުވަޒީރުގެ ބާރުގެދަށުގައި އޮންނަ ތަނަކަށްވެފައި ވަޒީރުންނަކީ މަޖިލީހުގައި ތިއްބަވާ ބޮޑުވަޒީރުގެ އައުވާނުންގެ ޤާފިލާއެއް ކަމަށްވުމެވެ. އެއީ ސިޔާސަތު ކަނޑައަޅުއްވަން ތިއްބަވާ ބޭފުޅުންނަކީ ބޮޑުވަޒީރާއި އޭނާގެ ވަޒީރުންގެ ކައުންސިލަކުން ކަމުގައި އޮތުމެވެ. އަދި ފާސްކުރާ ބިލްތަކަކީވެސް މިކައުންސިލުގެ އަތްމަތީގައި އޮންނަ އެއްޗަކަށްވުމެވެ.
ނަމަވެސް ބައެއް ޤައުމުތަކުގައި ކުޑަކުޑަ ތަފާތެއް އޮވެއެވެ. އެހެން ނަމަވެސް ހުރިހާ ޤައުމެއްގައިވެސް އެއްގޮތަކަށް އޮންނަ ކަމަކީ ބޮޑުވަޒީރަކު އައްޔަންކުރަނީ ވެރިކަންކުރާ ޕާޓީން ކަމުގައިވެފައި ވެރިކަންކުރާ ޕާރޓީއަށް އެ ބާރު ލިބެނީ މަޖިލީހުގައި އެ ޕާޓީއަކުން ގޮނޑިހޯދާ އަޣުލަބިއްޔަތު ބޮޑުވުމުންނެވެ.
ބޮޑުވަޒީރަކު ޤައުމުގެ ވެރިކަމަށް އައުމަކީ ޑިމޮކްރަސީ ނެތިދިއުމާއި ގާތްކަމެކެވެ. ސަބަބަކީ ވެރިކަމުގެ ތިންބާރުގެ ތެރެއިން ދެބާރަކީ ބޮޑުވަޒީރާއި އޭނާގެ އައުވާނުންގެ އަތުގައި އޮންނަ އެއްޗަކަށްވުމެވެ. އަދި ޖުޑިޝަރީއަކީވެސް އަނެއް ދެބާރުން ޢައްޔަންކުރާ އެއްޗަކަށްވުމެވެ.
ރިޔާސީ ނިޒާމެއްގައި ހުންނަވާ ރައީސަކީ ރައްޔިތުންގެ ވޯޓަކުން ރައްޔިތުންގެ ބާރު ލިބިގެން އިންތިޚާބު ކުރެވޭ ވެރިއެކެވެ. އަދި އެއީ ޖުމްހޫރިއްޔަތެއްގެ އެންމެ އަސާސީ އެއްސިފައެވެ. ސަބަބަކީ ޖުމްހޫރަކީ ގިނަ މީހުންގެ ނުވަތަ މުޅި މުޖުތަމަޢުގެ އިއްތިފާޤަކަށް ވުމެކެވެ. އެމީހުންގެ މަޝަވާރާއާއި ނުލައި އެއްވެސް ކަމެއް ނުކުރުމެވެ. އެއާއި ޚިލާފަށް ސަރުކާރާއި މުޅި ޤައުމު ހިންގައި ފުށްގަނޑެއް މޮޑޭހެން ރައްޔިތުންގެ ޙައްޤުތައް މޮޑެލުމަކީ ބޮޑުވަޒީރަށް ލިބިފައިވާ ބާރެވެ.
މީގެ ހެއްކެއް ދާދިފަހުން މިވަނީ އެތައްހާސް މުސްލިމުންނެއް ޝަހީދުކޮށް ދިރިތިއްބައި އަންދައި ޤައުމުން ބޭރުކޮށް ނަސްލެއް ނައްތައިލުމަށް މަސައްކަތްކުރި މިޔަންމާއިން ފެނިފައެވެ.
މީގެ ހައެއްކަމަސްކުރީން މަދަނީ ސަރުކާރެއް އޮތްއިރުވެސް ޢަސްކަރީންގެ ބާރާއި ނުފޫޒުގައި އިންސާނުންގެ މެދުގައި ޤަތުލު ޢާންމު ހިންގުމަށްފަހު ސަރުކާރު ބެލެހެއްޓުމާއި ޙަވާލުވުމުގެ ނަމުގައި މިޔަންމާގައިވަނީ އަސްކަރީވެރިކަމެއް ފެށިއެވެ. އަދި ކުއްލިއަކަށް އާ ސަރުކާރެއް އެކުލަވައިލިކަމަށް ބުނުމަށްފަހު ޢަސްކަރީ ވެރިއަކަށް ހުންނެވި މިން އައުން ހުލައިންގ ވަނީ އަމިއްލަފުޅަށް ބޮޑުވަޒީރަކަށް ވެވަޑައިގެންފައެވެ.
މިއީ ވަރަށް ނުރައްކާތެރި ސިފައެކެވެ. ޤައުމެއްގެ މައްޗަށް ބާރާއި ނުފޫޒު ހިންގާ ބަޔަކު މިފަދަ މަޤާމެއް އަމިއްލައަށް އިއުލާންކުރުމަކީ ވެރިކަމަށް ދަހިވެތިވެފައިތިބޭ ބައެއް މީހުނަށް ދެވޭ ހިތްވަރަކަށް ވެދާނެއެވެ. ޚާއްޞަކޮށް ޤައުމެއް ހިންގުމަށްޓަކާ ސަރުކާރެއް އެކުލަވައިލެވިފައި އޮންނަ ތިން ބާރުގެ ތެރެއިން އަނެއް ދެބާރު ކަމުގައިވާ ޢަދުލު އިންޞާފުގެ ނިޒާމާއި ޤާނޫނުހަދާ މަޖިލީސް އެބައެއްގެ އަތްމަތީގައި އޮންނަ ތަނެއްގައި އެ މަޖިލީހުގެ ވެރިއަކަށް ހުންނަވާ ބޭފުޅަކު އަމިއްލަފުޅަށް ބިލެއް ފާސްކުރައްވައި ބޮޑުވަޒީރުކަމަށް އިޢުލާން ކުރައްވައިފިނަމަ ދެން އެ ޤައުމެއްގެ ޙާލަތު އޮންނާނެ ގޮތެއް އޮންނާނީ ވަޒަން ކޮށްލުމެވެ. ރައްޔިތުން ފިތި ބާރުވެ ޤައުމު އަނދަވަޅަކަށްވެއްޓުމަށް ގިނަ ދުވަސްތަކެއް ނުނަގާނެއެވެ.
މާލީ ތަނަވަސްކަންކުޑަ އަދި އުފެއްދުންތެރިކަމުން ނެރެވޭ އެއްޗެއް ދުނިޔޭގެ ބާޒާރަށް އެކަށީގެންވާ ވަރަށް ނުނެރެވޭ ބައެއްގެ ޑިމޮކްރެޓިކް ވެއްޓެއްގައި މިގޮތަށް ކަންތައްތައް ދިމާވެއްޖެނަމަ ޤައުމަށް އާމްދަނީ ވަންނާނެ ގޮތް އޮންނާނީ ނުވެފައެވެ. ބޭރުން މުދާގެންނާނެ ގޮތްތަށް ހޯދަންޖެހޭނީ މަރުފަލި ޖަހައިގެންނެވެ. ސަބަބަކީ މާލީ ރައުސުމާލެއް ދިނުމަށްވެސް ބަޔަކު ގެނައުމަކީ އުނދަގޫ ކަމަކަށްވުމެވެ. ފޮރިން އިންވެސްޓުމަންޓުތަކުގެ ޝައުޤުވެރިކަން ގެއްލި ދިއުމެވެ.
މިއަދު މިޔަންމާގެ ޙާލަތުވެސް ފެންނަނީ އެފަދައިންނެވެ. ނަމަވެސް އެއީ ވަސީލަތްތަނަވަސް ޤައުމަކަށްވެފައި ރައްޔިތުންނަށް ބޭނުންވާ އެންމެ އަސާސީ ޟަރޫރަތު އެތަނުން ފުދިއިތުރުވެފައިވާ ތަނެކެވެ. އެހެންވީމާ މާބޮޑު ކަންބޮޑުވުމެއް އެމީހުންނަކަށް ނޯންނާނެއެވެ.
ކޮންމެއަކަސް އަލަށް ބޮޑުވަޒީރުކަން އިޢުލާން ކުރެއްވި މިން އައުންގ ހުލެއިންގ ވިދާޅުވީ އޭނާއާއި އޭނާގެ ސަރުކާރުން 2023 ގައި އިންތިޚާބެއް ބާއްވަވާނެ ކަމުގައެވެ. އަދި މުސްތަޤުބަލުގައި ސަރަޙައްދީ މަންދޫބެއްގެ ގޮތުގައި މިޔަންމާ ބާއްވާނެކަމަށް ވިދާޅުވެފައިވެއެވެ.
މިގޮތަށް ސަރަޙައްދީ މަންދޫބަކަށް މިޔަންމާ ހައްދަވާނެކަމަށް ވިދާޅުވިއިރު ފާއިތުވެދިޔަ 50 ވަރަކަށް އަހަރު އެޤައުމު އޮތީ މުޅި ދުޔެއާއި އެކަހެރި ޙާލަތެއްގައެވެ. ބައި ޤައުރުނު ވަންދެން ރައްޔިތުން އުފުލަމުންދިޔަ ވޭންތަކާއި ތަކުލީފުތަކަށް ޙައްލު ހޯއްދަވައިދެއްވަން ވިދާޅުވިއިރު އެތައް ޖީލެއްވަނީ ހަލާކުވެ އިޖުތިމާޢީ ފޭރާން ވީދި ހަސްނެތިފައެވެ.
ރައްޔިތުންނަށް ހުވަފެން ދެއްކުވަމަކީ ވެރިކަމަށް ދަހިވެތި އެފަދަ ސިޔާސީ ބޭފުޅުންގެ އަތްމަތީ ފޮތުގައި އޮންނަ އެއްޗެކެވެ. އެފަދަ ހުވަފެންތައް ދެއްކެވުމަށް ރައްޔިތުންގެ ވިންދާއި ކުޅެވޭފަދަ ހުރިހާ ވާހަކަތަކެއް ދައްކަވާނެއެވެ. އަދި އެފަދަ ދަޅަތަކަށް ހެއްލިގެންނުދާ ކޮންމެ މީހަކީ އެފަދަ ބޭފުޅުންގެ ނުރުހުން ބޮޑު ބަޔަކަށް ހައްދަވައި ދެކޮޅުވެރިކަމުގެ ގޮވާން އިންދަވަން ފަށްޓަވައެވެ. އެފަދަ ބޭފުޅުން ދަކަވާނީ ޤައުމުގައި ހަމަޖެހުން އޮތްކަމުގައެވެ. ނަމަވެސް ރައްޔިތަކު މިނިވަންވުމުގެ ކުރީން އޮންނަނީ ކަސްތޮޅެއްގައެވެ. ބަރީއަވެފައިވާކަން ސާބިތުކޮށް ނުދެވޭނަމަ ކޮންމެ މީހަކީ ކުށްވެރިއަކަށްވެފައެވެ.