ކޮވިޑް-19 އިން ރައްކާތެރިވުމަށް މިހާރު ކުރިއަށް ގެންދާ ގައުމީ ވެކްސިނޭޝަން ކެމްޕެއިންގައި މިނިސްޓްރީ އޮފް އެޑިއުކޭޝަން އަދި ސްކޫލްތައް ބައިވެރިވުމުގެ ގޮތުން، ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ހާއްސަކޮށް، ވެކްސިން ދިނުމުގެ ޕްރޮގްރާމެއް އެމިނިސްޓްރީން މިއަދު ފަށައިފިއެވެ.
މިކެމްޕެއިންގެ ޝިއާރުގެ ގޮތުގައި ބޭނުންކުރަނީ "ދަރިވަރުންނަށް ރައްކާތެރިކަން" މި ޝިއާރެވެ.
މިކެމްޕެއިންގެ ދަށުން ކޮވިޑުން ރައްކާތެރިވުމަށް ވެކްސިންޖެހުމުގެ މުހިންމުކަމާ ގުޅޭ މަޢުލޫމާތު ޓީޗަރުންނާއި، ތަޢުލީމީ ދާއިރާގެ މުއައްޒަފުން މެދުވެރިކޮށް ދަރިވަރުންނަށް ދެވޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. މި ކެމްޕެއިން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ސުކޫލުތަކުގައްޔާއި މީސްމީޑިއާ މެދުވެރިކޮށެވެ.
ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި، ދަރިވަރުންނާއި ގުޅުންހުރި ހުރިހާ ފަރާތްތައް ކޮވިޑް-19އިން ރައްކާތެރިވުމަށް، ވެކްސިންގެ ޑޯޒްތައް ފުރިހަމަކުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
ތައުލީމީ ދާއިރާތަކުގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ މުވައްޒަފުން މިހާރު ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައެވެ.
ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން، ކުރިއަށް އޮތް ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން، ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައި ނުވާ މީހުންނަށް ސުކޫލްތަކަށް ނުވަދެވޭނެ ކަމަށްވެސް އެ މިނިސްޓްރީން ވަނީ މިހަފްތާ ބުނެފައެވެ.