އޭއެފްސީ ކަޕަށް ތައްޔާރުވުމުގެ ގޮތުން މާޒިޔާއިން ސައުދީ އަރަބިއްޔާގައި ކުރަމުން އަންނަ ޓްރެއިނިންގ ކޭމްޕުގެ ތެރެއިން އެގައުމުގެ ފުރަތަމަ ޑިވިޝަނުގެ ޓީމެއް ކަމުގައިވާ އަލް ވަހްދާ އެފްސީއާ ދެކޮޅަށް ކުޅެ އެއްވަރުކޮށްފިއެވެ.

ޖިއްދާގެ ކިންގް އަބްދުﷲ ސްޕޯޓްސް ސިޓީގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު މި މެޗު ނިމުނީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ. މި މެޗަކީ މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހު ތަމްރީނު ކޭމްޕަށް ސައުދީއަށް ފުރިފަހުން، މާޒިޔާއިން ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗެވެ. އަލް ވަހްދާ އަކީ ފާއިތުވީ ސީޒަނުގައި ސައުދީގެ ފުރަތަމަ ޑިވިޝަން ލީގުގެ 15 ވަނައިގައި އޮތް ޓީމެވެ.

މީގެކުރިން މިމަހުގެ ދެވަނަ ދުވަހު ކުޅުނު ކޭމްޕުގެ ފުރަތަމަ އެކުވެރިކަމުގެ މެޗުން މާޒިޔާ ވަނީ ސައުދީގެ އަލް އިއްތިހާދުގެ 19 އަހަރުން ދަށުގެ ޓީމު އަތުން 1-2 އިން މޮޅުވެފައެވެ. މި ކޭމްޕުގެ ތެރެއިން މާޒިޔާއިން އަދި އެކުވެރިކަމުގެ އެއްމެޗު ކުޅެން ހަމަޖެހިފައިވާއިރު މިމެޗު ކުޅޭނީ މިމަހުގެ 12 ވަނަ ދުވަހުއެވެ. މި މެޗުގައި މާޒިޔާ ނުކުންނާނީ ޖިއްދާ އެފްސީ އާއި ދެކޮޅަށެވެ.

ސައުދީގައި ކޭމްޕް ކުރުމަށްފަހު މާޒިޔާ އިން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ. މިއީ އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގެ މެޗުތަކަށް ތައްޔާރުވުމަށް ރާއްޖޭގެ ފުޓުބޯޅައިގެ މައި އިދާރާ، އެފްއޭއެމް އިން މާޒިޔާއަށް ހޯދައިދިން ފުރުސަތެކެވެ.

މާޒިޔާ އިން މުބާރާތުގެ ގްރޫޕް ސްޓޭޖަށް ތައްޔާރުވަމުން އަންނައިރު ރާއްޖެއިން ވަނީ މި ގުރޫޕުގެ މެޗުތައް ހޯސްޓު ކުރުމަށް ބިޑު ކާމިޔާބު ކޮށްފައެވެ. ގްރޫޕް ސްޓޭޖުގައި މާޒިޔާއިން ކުޅޭ ފުރަތަމަ މެޗުގައި މިމަހުގެ 18 ވަނަ ދުވަހު މާޒިޔާ ނުކުންނާނީ ބަޝުންދަރާ ކިންގްސް އާއި ދެކޮޅަށެވެ. ދެވަނަ މެޗުގައި 21 ވަނަ ދުވަހު މޯހަން ބަގާން އާއި ދެކޮޅަށް ނުކުންނައިރު ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އޮގަސްޓު 24 ވަނަ ދުވަހު މާޒިޔާ ނުކުންނާނީ ޕްލޭ އޮފް މެޗުން މޮޅުވާ ޓީމަކާއި ދެކޮޅަށެވެ.

ޕްލޭ އޮފް މެޗުގައި ރާއްޖޭގެ ކްލަބް އީގަލްސް ނުކުންނާނީ މިމަހުގެ 15 ވަނަ ދުވަހު ބެންގަލޫރު އެފްސީ އާއި ދެކޮޅަށެވެ. ޕްލޭ އޮފް މެޗަށް އީގަލްސް އިން ފަރިތަކުރުންތައް ފަށާފައިވާއިރު އެކުލަބުން ވަނީ އޭއެފްސީ ކަޕަށް ޓީމު ވަރުގަދަ ކޮށްފައެވެ.

އެގޮތުން އީގަލްސްއިން ވަނީ ތަޖުރިބާކާރު ހަތް ކުޅުންތެރިއަކު ގެނެސްފައެވެ. އެއީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އާއި، ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލް ޣަނީ (އަކޫ) އާއި، އިތުބާރު ފޯވާޑް އަލީ ފާސިރު (ސެންޓޭ) އާއި، ހުނަރުވެރި މިޑްފީލްޑަރުން ކަމަށްވާ މުޙައްމަދު އާރިފް (ބަކާ) އާއި އިސްމާއީލް އީސަ (މެސީ) އާއި އަޙްމަދު ހަސަން (އައްމަޑޭ) ގެ އިތުރުން ގޯލްކީޕަރު މުޙައްމަދު ފައިސަލެވެ.

އެހެންނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ކުޅުންތެރިން އީގަލްސް އާއިއެކު ރަސްމީ އެއްބަސްވުމެއް ނަހަދާނެއެވެ. އަދި އޭއެފްސީ ކަޕަށްފަހު މި ކުޅުންތެރިން ދާއިމީ އެއްބަސްވުމުގެ ދަށުން އެހެން ކުލަބުތަކަށް ބަދަލުވާނެ ކަމަށްވެސް މައުލޫމާތު ލިބެއެވެ.