ސެޕްޓެމްބަރު މަސް ނިމެންދެން ކޮވިޑް ވެކްސިންގެ ބޫސްޓަރ ޑޯޒް ނުވަތަ ތިންވަނަ ޑޯޒެއް ޖަހަން ނުފެށުމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިޔޫއެޗްއޯއިން ކުރި އިލްތިމާސްއަށް ދުނިޔޭގެ ބައެއް ގައުމުތަކުން އަޅައެއް ނުލިއެވެ.

ޑަބްލިޔޫއެޗްއޯގެ އިލްތިމާސްއަށް ބީރު ކަންފަތެއް ދިނުމަށްފަހު ވެކްސިންގެ ތިންވަނަ ޑޯޒެއް ޖެހުމާއިގެން ކުރިއަށްދާނޭކަން މިހާތަނަށް ހާމަކޮށްފައިވާ ގައުމުތަކުގެ ތެރޭގައި ޖަރުމަނުވިލާތް، ފަރަންސޭސިވިލާތް އަދި އިސްރާއީލު ހިމެނެއެވެ.

ފަރަންސޭސި ރައީސް އިމެނުއެލް މެކޯން ވިދާޅުވީ، އުމުރުން ދުވަސްވީ މީހުންނާއި ނާޒުކު ހާލަތުގައި ތިބި މީހުންނަށް ސެޕްޓެމްބަރު މަހުން ފެށިގެން ވެކްސިންގެ ތިންވަނަ ޑޯޒް ޖެހުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

ދިފާއީ ނިޒާމު ބަލިކަށި މީހުންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ނާސިމްހޯމް ތަކުގައި ތިބޭ މީހުންނަށް ވެކްސިންގެ ބޫސްޓަރ ޑޯޒް ސެޕްޓެމްބަރުމަހު ދޭން ފަށަން ރާވަމުންދާ ކަމަށް ޖަރުމަނު ސަރުކާރުގެ ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ.

އިސްރާއީލުގެ އުމުރުން ދުވަސްވީ މީހުންނަށް މިދިޔަ މަހުން ފެށިގެންގެންދަނީ ތިންވަނަ ޑޯޒް ޖަހަން ފަށާފައެވެ.

ޑަބްލިޔޫއެޗްއޯގެ އިލްތިމާސްގެ ފަހުން އެމެރިކާއިން ބުނެފައިވަނީ، ބޭނުންވެއްޖެނަމަ ބޫސްޓަރ ޑޯޒެއް ޖަހަން ތައްޔާރުވެފައިވާ ކަމަށެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިޔޫއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޯސް އަދަނޮމް މިދިޔަ ބުދަދުވަހުވަނީ، ސެޕްޓެމްބަރު މަސް ނިމެންދެން ގައުމުތަކުން ބޫސްޓަރ ޑޯޒް ޖަހަން ނުފެށުމަށް އިލްތިމާސް ކުރައްވާފައެވެ.

ޑރ. ޓެޑްރޯސް ވިދާޅުވީ، ދުނިޔޭގައި އުފައްދާ ވެކްސިން މުއްސަނދި ގައުމުތަކުން އިތުރަށް ބޭނުންކުރުމަކީ ގަބޫލު ކުރެވޭނޭ ކަމެއް ނޫންކަމަށެވެ.

ކޮވިޑަށް ކާމިޔާބު ވެކްސިނެއް އުފައްދާފައިވާ ފައިޒަރ ކުންފުނިން ބުނެފައިވަނީ، ހަށިގަނޑުން އެންޓިބޮޑީ ރެސްޕޮންސް ދަށްވުމުން ބޫސްޓަރ ޑޯޒެއް ޖަހަން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، ނަމަވެސް އެފަދަ ޑޯޒެއް ޖަހާނީ ވެކްސިން ޖަހާތާ ހަމަސްފަހުން ކަމަށްވެސް ބުނެފައިވެއެވެ.

ދުނިޔޭގައި ވެކްސިންގެ އެންމެ ޑޯޒެއްވެސް ނުޖެހޭ އެތައްމިލިއަން ބަޔަކު ތިބިއިރު، އަދި ދުނިޔޭގެ ފަގީރު ގައުމުތަކަށް އެކަށީގެންވާ މިންވަރަށް ވެކްސިން ލިބިފައި ނުވާއިރު، ޚާއްސަކޮށް ޑެލްޓާ ވޭރިއެންޓުން ރައްޔިތުން ސަލާމަތް ކުރުމަށް މުއްސަނދި ގައުމުތަކުންވަނީ، ގިނައިން ވެކްސިން ހޯދުމުގެ ޕްރޮގްރާމްތައް އެކަށައަޅާފައެވެ.

ޑަބްލިޔޫއެޗްއޯއިން ބުނެފައިވަނީ، މިއަހަރުގެ މައިމަހާ ހަމައަށް ދުނިޔޭގެ ކޮންމެ 100 މީހަކުން 50 ޑޯޒްގެ ވެކްސިން ޖަހާފައިވަނީ މުއްސަނދި ގައުމުތަކުގައި ކަމަށާއި، އެ އަދަދު މިހާރު ދެގުނަ އިތުރުވެފައިވާ ކަމަށެވެ.

މަދުން އާމްދަނީ ލިބޭ ގައުމުތަކުގެ މީހުންނަށް ވެކްސިން ޖެހިފައިވަނީ ކޮންމެ 100 މީހަކަށް 1.5 ޑޯޒްގެ ވެކްސިން ކަމަށާއި، މިގޮތަށް ދިމާވަނީ ވެކްސިން ނުލިބުމުގެ ސަބަބުން ކަމަށްވެސް ބުނެފައިވެއެވެ.