އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ބައި-އިލެކްޝަންގެ ވޯޓުލުން ފަސް ރަށެއްގައި ފަށައިފިއެވެ.

ވޯޓުލުމުގެ ކަންތައްތައް ކުރިއަށްދާ ގޮތާއި ގުޅޭގޮތުން ވީނިއުސްއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ، ވޯޓު ލުމުގެ ކަންކަން ކުރިއަށްދަނީ އަމާންކަމާއެކު ނަމަވެސް މާލޭގައި ވޯޓުލުމުގެ ކަންކަން އެންމެ ބޭނުންވާ ގޮތަށް އަދި ކުރިއަށްނުދާ ކަމަށެވެ.

މާލޭގައި ވޯޓުލުމަށްޓަކައި 5 ފޮށި ބަހައްޓާފަވާއިރު އޭގެ ތެރެއިން ވޯޓުލާން ފަށާފައިވަނީ އެންމެ ފޮށްޓެއްގައި ކަމަށް ހަބީބު ވިދާޅުވިއެވެ.

ލަސްނުކޮށް ވީހާވެސް ގިނަ މީހުން އައިސް ވޯޓު ލުމުގެ ހައްގު އަދާކުރައްވާ."
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ފަރާތްތަކާއި ކަރަންޓީނުގައި ނުވަތަ އެކަހެރި ކުރެވިފައިވާ ފަރާތްތައް، ވޯޓުލުމަށް ކަނޑައެޅިފައިވާ ގަޑިތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ހަބީބް ވިދާޅުވީ، ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ފަރާތްތަކާއި ކަރަންޓީނުގައި ނުވަތަ އެކަހެރި ކުރެވިފައިވާ މީހުން ވޯޓުލުމަށް ކަނޑައެޅިފައިވާ ގަޑި އަކީ 14:00 އިން 15:00 އަށް ކަމަށެވެ.

އަދި މިފަދަ މީހުން ވޯޓުލާ މަރުކަޒަށް ވޯޓުލުމަށް އަންނައިރު ހެލްތު ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން އައުމަށް ވެސް ހަބީބު އިލްތިމާސްކުރެއްވިއެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ވޯޓުލުން މާލެއާއި ހދ.ނޮޅިވަރަމް، ނ.ކެނދިކުޅުދޫ، ނ.މަގޫދޫ، އއ.ފެރިދޫ އަދި ކ.ދިއްފުށީގައި މިއަދު 08:00 އިން ފެށިގެން 15:00 ގެ ނިޔަލަށް ކުރިއަށް ދާނެއެވެ.