މާލޭގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ތަހުގީގު ކުރަން ފަށައިފިއެވެ.

ޖިންސީ ގޯނާ ކޮށްފައިވަނީ އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކަށް ކަމަށް މައުލޫމާތު ލިބެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ "ވީނިއުސް" އަށް މިކަން ކަށަވަރު ކޮށްދެއްވާފައެވެ.

މިކަމާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެފަދަ މައްސަލައެއް ރޭގެ ވަގުތެއްގައި ހުށަހަޅާފައިވާ ކަމަށާއި، އެމައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ.

ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވަނީ ކުއްޖާ ދިރިއުޅޭ ގެއަށްދާ އާއިލާގެ ދެ ރަހުމަތްތެރިންނެވެ.

މިމައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ޖެންޑަރ މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ޖިންސީ ހާނިއްކައިގެ އެތައް މައްސަލައެއް މިއަހަރު އެކަނިވެސް މިނިސްޓްރީއަށް ހުށަހަޅާފައި ވެއެވެ.

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް ރިޕޯޓުކުރެވޭ މިންވަރު އިތުރު ވުމާއިއެކު، މިފަދަ މައްސަލަތަކުގައި ދަޢުވާކުރެވުނު އިންސައްތަ އިތުރު ވެފައިވާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމްވެސް ވަނީ ޖޫންމަހު ވިދާޅުވެފައެވެ.

ރާއްޖޭގައި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ އަމަލުތައް އިތުރުވުމަކީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރާ ކަމެކެވެ.