އިސްރާއީލުގެ އަސްކަރީ މަތިންދާ ބޯޓުތަކުން ޣައްޒާއަށް ބޮންއަޅައިފިއެވެ.

އިސްރާއީލުން ރޭގެ ފަތިހުގެ ވަގުތެއްގައި ޣައްޒާއަށް ބޮންއެޅީ، ޣައްޒާތެރެއިން އިސްރާއީލުގެ ތެރެއަށް ހުޅުހިފާޒާތުގެ ތަކެތި ހަރުކޮށްފައިވާ ފުއްޕާހަންތަކެއް ފޮނުވުމާ ގުޅިގެން އެކަމުގެ ރައްދެއްގެގޮތުން ކަމަށް ބުނެއެވެ.

ފުއްޕާހަންތައް ފޮނުވުމާ ގުޅިގެން އިސްރާއީލުގެ ދަނޑުބިންތަކުގެ ހަތަރު ސަރަހައްދެއްގައި އަލިފާން ރޯވެ އަނދާފައިވެއެވެ.

އިސްރާއީލުގެ މަތިންދާ ބޯޓުތަކުން ޣައްޒާގެ ވެރިރަށް ގާޒާ ސިޓީއަށާއި، ބައިތު ހާނޫނާއި، ޖަބާލިޔާއަށް މިސައިލުން ހަމަލާތައް ދީފައިވެއެވެ. ހަމަލާތައް ދިން ބޮންއެޅި އަމާޒުތަކުގެ ތެރޭގައި ހަމާސްއިން ރޮކެޓް ފޮނުވާ ދެތަނަކާއި ހަމާސްއިން ބޭނުންކުރާ އެހެންތަނެއް ހިމެނޭ ކަމަށް އިސްރާއީލުން ބުނެފައިވެއެވެ.

މި ހަމަލާތަކުގައި އެއްވެސް މީހަކަށް އަދި ތަނަކަށް ގެއްލުންވި ކަމެއް ސާފެއް ނުވެއެވެ. މިކަމާ ގުޅިގެން ހަމާސްއިން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

އިސްރާއީލު ސިފައިން ޣައްޒާއަށް ބޮންއެޅިއިރު، މިއަހަރުގެ މެއިމަހު އިސްރާއީލުގެ އުދުވާނީ ބާރުތަކުންވަނީ 11 ދުވަސް ވަންދެން ޣައްޒާގެ އެތަންމިނަތަނަށް ބޮންއަޅައި އެތައްބަޔަކު ޝަހީދުކޮށް އެތައް އިމާރާތެއް ސުންނާފަތި ކޮށްލާފައެވެ.

ދެފަރާތުން ވެވުނު އެއްބަސްވުމެއްގެ ދަށުން މެއިމަހުގެ 21 ވަނަ ދުވަހުން ފެށިގެން ހަމަލާތައް ހުއްޓާލާފައި އޮތްއިރު، އޭގެފަހުން އިސްރާއީލުންވަނީ ޣައްޒާއަށް ހަ ފަހަރެއްގެމަތިން ހަމަލާތައް ދީފައެވެ.

ހަމަ އެއާއެކު ޣައްޒާގެތެރެއިން އިސްރާއީލުގެ ތެރެއަށް ފުއްޕާހަންތައް ފޮނުވުމުގެ ސަބަބުން އިސްރާއީލުގެ ދަނޑުބިންތަކުގައި އަލިފާންރޯވެ ގެއްލުންތައް ލިބިފައިވެއެވެ.

މެއިމަހުގެ ތެރޭގައި އިސްރާއީލުން ޣައްޒާއަށްދިން އުދުވާނީ ހަމަލާތަކުގައި ފަލަސްތީނުގެ 279 މީހުން ޝަހީދުވިއިރު އޭގެ ތެރޭގައި 69 ކުޑަކުދިންނާއި، 40 އަންހެނުންވެސް ހިމެނެއެވެ. މި ހަމަލާތަކުގައި ޣައްޒާގެ 19 އާއިލާއެއް އެއްކޮށް ނެތިގެންދިޔައެވެ.

އިސްރާއީލުގެ އުދުވާނީ ހަމަލާތަކުގައި ޣައްޒާގެ 1،910 މީހުން ޒަޚަމްވިއެވެ.

އާންމުން ދިރިއުޅޭ އިމާރާތްތަކާއި، ގެދޮރު ސުންނާފަތި ކޮށްލުމުގެ ސަބަބުން ޣައްޒާގެ 90،000 އަށްވުރެ ގިނަމީހުން އުޅޭނެތަނެއް ނެތި މަގުމަތިވެގެންދިޔައެވެ.