ރާއްޖޭގެ ތާރީޚުގައި އެންމެ ފުރަތަމަ ގާނޫނުއަސާސީއެއް އެކުލަވާލައި އަމަލުކުރަން ފެށުނީ 1932 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ. އެއީ އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން އިސްކަންދަރު ތިނެއްގެ ރަސްކަމުގައެވެ.

ރާއްޖޭގައި މިހާރު އަމަލުކުރަމުން އަންނަ ގާނޫނުއަސާސީ ތަސްދީގުކުރެވުނީ 7 އޮގަސްޓު 2008 ގައެވެ. އައު ގާނޫނުއަސާސީ ތަސްދީގުކުރުމަށް މާލޭގައި ހުންނަ ދަރުބާރުގޭގައި ބޭއްވި ޚާއްސަ ދަރުބާރުގައި ގާނޫނުއަސާސީ ތަސްދީގުކުރެއްވީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމެވެ. ގާނޫނުއަސާސީ ތަސްދީގުކުރެވުނީ އެދުވަހުގެ ހެނދުނު 10:33 ގައެވެ.

"ފެހި ގާނޫނުއަސާސީ" ގެ ގޮތުގައި މަޝްހޫރު ވެފައިވާ އެ ގާނޫނުއަސާސީ ތަސްދީގުކޮށް އަމަލުކުރަން ފެށުމުގެކުރިން ރާއްޖޭގައި އަމަލުކުރަމުންދިޔައީ 17 އަހަރުދުވަހުގެ މަސައްކަތުން ހަދައި، 1997 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު ރައީސް މައުމޫނު ތަސްދީގު ކުރެއްވި "ނޫ ގާނޫނުއަސާސީ" އަށެވެ.

ނޫ ގާނޫނުއަސާސީގެދަށުން ރާއްޖޭގެ ކަންކަން ހިންގަމުންދާތާ 10 އަހަރު ފަހުން ރާއްޖޭގައި އައު ގާނޫނުއަސާސީއެއް އެކުލަވާލައި ތަސްދީގުކުރީ ދުނިޔޭގެ އެހެނިހެން ގައުމުތަކެކޭ އެއްފަދައިން ދިވެހިރާއްޖެއަށްވެސް ތިންބާރު ވަކިވެފައިވާ ޒަމާނީ ޑިމޮކްރަސީ ތައާރަފް ކުރުމަށާއި، ޒަމާނާ ގުޅޭގޮތަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ހިންގުމަށާއި، އެކަންކަން ހަރުދަނާކުރުމަށް ދިވެހި ރައްޔިތުން އިންތިހާއަށް ބޭނުންވެ، ކުރަމުންދިޔަ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ.

އައު ގާނޫނުއަސާސީއާއެކު ދިވެހިރާއްޖޭގެ ރައްޔިތުންނަށް ކުރިން ލިބިފައިނެތް އެތައް ހައްގުތަކެއް ކަށަވަރުކޮށްދިނެވެ. ރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނިވަންކަން، އޭގެކުރިން ދުވަހަކުވެސް ކަށަވަރުކޮށްދީފައި ނުވާ މިންވަރަށް ކަށަވަރުކޮށްދިނެވެ.

ދިވެހިންގެ ދީނަކީ އިސްލާމްދީން ކަމަށާއި، އިސްލާމްދީނާއި ޚިލާފް އެއްވެސް ގާނޫނެއް ނުހެދޭނެ ކަމަށާއި، އިސްލާމީ އުސޫލްގެމަތިންނޫނީ ވެރިކަން ހިންގައިގެން ނުވާނެކަމަށް ގާނޫނުއަސާސީގައި ސާފުބަހުން ލިޔެ ކަނޑައަޅާފައި ވެއެވެ. މީގެއިތުރުން، ޚިޔާލުފާޅުކުރުމުގެ ފުރިހަމަ މިނިވަންކަން ދިވެހިންނަށް ހޯދައިދީ، 18 އަހަރުގެ ޒުވާނުންނަށްވެސް ވޯޓްލުމުގެ ހައްގުދީ، އެއްވެސް ތަފާތު ކުރުމެއްނެތި ހުރިހާ ރައްޔިތުންނަށް އަސާސީ ހައްޤުތައް ކަށަވަރުކޮށްދިނެވެ.

301 މާއްދާއާއި 14 ބާބުގެ މައްޗަށް އެކުލެވޭ ފެހި ގާނޫނުއަސާސީގައި އެންމެ ގިނަ މާއްދާތައް ހިމެނެނީވެސް އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބާބުގައެވެ. އެބާބުގެދަށުން ރައްޔިތުންނަށް ކަށަވަރުކޮށްދޭ މުހިންމު ހައްގުތަކުގެ ތެރޭގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަމާއި، ސިޔާސީ ޕާޓީތައް ހެދުމުގެ މިނިވަންކަމާއި، ހަޅުތާލުކުރުމުގެ ހައްގާއި، އެއްވެއުޅުމުގެ މިނިވަންކަން ހިމެނެއެވެ. މި ހައްގުތައް ލިބިދިނުމުގައާއި ގާނޫނުގެ ކުރިމަތީގައި ހަމަ ކޮންމެ މީހަކާމެދުވެސް އަމަލުކުރެވޭނީ އެއްވެސް ތަފާތުކުރުމެއް ނެތި، ހަމަހަމަކަމާ އެކުގައިކަމުގެ ކަށަވަރުކަންވެސް ގާނޫނުއަސާސީން ލިބިދީފައި ވެއެވެ.

ފެހި ގާނޫނުއަސާސީއަށް އަހަރެއް ފުރޭ ކޮންމެ ދުވަހަކު މި ގާނޫނުއަސާސީގެ މޮޅުކަމުގެ ވާހަކައާއި، އޭގެން ރައްޔިތުންނަށް ކަށަވަރުކޮށްދޭ ހައްގުތަކުގެ ވާހަކަ ދައްކަންޖެހެއެވެ. ސަބަބަކީ މި ގާނޫނުއަސާސީ އެކުލަވާލުމަށް ކުރެވުނު ބުރަ މަސައްކަތެވެ. އެކަމުގެ ޝާމިލްވި މީހުން ކުރެއްވި ބުރަ މަސައްކަތާއި ދެއްކެވި ހިތްވަރެވެ.

ގާނޫނުއަސާސީ އެކުލަލާލަން ރައްޔިތުންގެ ޚާއްސަ މަޖިލިސް އެއްކުރިތާ އަހަރެއް ފާއިތުވެގެން ދިޔައިރުވެސް ގާނޫނުއަސާސީގެ އެންމެ އަކުރެއްވެސް ނޭޅޭ ވާހަކައަކީ މަޝްހޫރު ވާހަކައެކެވެ. ރައްޔިތުންގެ ޚާއްސަ މަޖިލިސް އެދުވަސްވަރު ފެނިގެންދިޔައީ ސަރުކާރަށް ނިސްބަތްވާ މެމްބަރުންނާއި، އިދިކޮޅު މެމްބަރުން އަޑުގަދަކުރުމާއި، ޒުވާބުކުރަންދާ ތަނެއްގެގޮތުގައެވެ. އެކި ގޮތްގޮތަށް ރިޔާސަތުން މަސައްކަތް ކުރެއްވުމުންވެސް އެކަމުގައި ކުރިއެރުމެއް ލިބޭގޮތެއް ނުވިއެވެ.

އެ ހަލަނބޮލިކަމުގެ ތެރޭގައި ދެން ފެނިގެންދިޔައީ، ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ އދ. އަތޮޅުގެ މެމްބަރު ގާސިމް އިބްރާހީމް، ޚާއްސަ މަޖިލީހުގެ ރިޔާސަތަށް އިސްކުރެވުނު ތަނެވެ. ހަމަ އެއާއެކު، ގާސިމްގެ ރިޔާސަތުގެ ދަށުން ރެއާއި ދުވާލު މަސައްކަތް ކޮށްގެން އެންމެ 8 މަސްދުވަހުގެ ތެރޭގައި ގާނޫނުއަސާސީ އެކުވަލާލައި ނިންމާލިތަނެވެ.

އެވާހަކަ އޭރު އެންމެންވެސް ދެއްކިއެވެ. ބޮޑެތި ޚިޔާލު ތަފާތުވުންތައް އޮތްނަމަވެސް، ގާސިމް މެމްބަރުންގެ ޚިޔާލުތައް އެއްގޮތް ކުރެއްވި ގޮތާއި، އެކަމުގައި ގެންގުޅުއްވި ހިކުމަތުއަމަލީއެވެ. ކުރިމަތިވަމުންދިޔަ ދެކޮޅުވެރިކަމުގައި ގެންގުޅުއްވި މަޑުމައިތިރި ކަމާއި، ހަމަހަމަ ސިޔާސަތުތަކާއި އުސޫލްތަކެވެ. އިދިކޮޅު މެންބަރުނާއި އަދި ސަރުކާރަށް ތާއީދުކުރާ މެންބަރުންނާ ވެސް ބޭއްވި ހަމަހަމަ ގުޅުމެވެ. ގާސިމްގެ އެ މަސައްކަތަށް މުޅި ގައުމުގެ ތައުރީފް އޮހިގެންދިޔައެވެ.

އަސާސީ އެތައް ހައްގުތަކެއް ކަށަވަރުކޮށްދޭ، މުޅި ދުނިޔެއަށް ނަމޫނާއެއްފަދަ އައު ގާނޫނުއަސާސީއެއް ދިވެހިންނަށް ލިބިގެންދިއުމުން، އެކަމާ އެންމެން އުފާކޮށް އެ ވާހަކަ ދެއްކި ނަމަވެސް، ވޭތުވެދިޔަ 13 އަހަރު ދުވަހުގެ ތެރޭގައި، އެ ހައްގުތަކުގެމަތިން ހަނދުމަ ނެތުނު ދުވަސްތަކެއްވެސް ދިވެހިން ދެކިފައި ވެއެވެ.

ގާނޫނުއަސާސީން ލިބިދޭ އަސާސީ އެތައް ހައްގުތަކެއް އެއްފަރާތްކޮށް ގައުމު ހިންގި ދުވަސްތަކެއްވެސް ދިވެހިން ދެކެފައި ވެއެވެ. ގާނޫނުއަސާސީން ލިއްބައިދޭ ރައްޔިތުންގެ ބާރުވެރިކަން ގެއްލިގެންދިޔަ ދުވަސްތަކެއްވެސް ފެނިފައި ވެއެވެ. ހައްގުތައް ނިގުޅައިގެން ދުވަސްތަކެއްވެސް ފެނިގެން ގޮސްފައި ވެއެވެ. ބާރުތައް އޮންނަ ފަރާތްތަކުން މޮޑޭ "ފުށްގަނޑަކަށް" ގާނޫނުއަސާސީ ހަދާމަންޒަރުވެސް ފެނިގެން ގޮސްފައި ވެއެވެ.

ވުމާއެކު، ކަށަވަރުވާ އެއްކަމަކީ، ކިތަންމެ މޮޅު ގާނޫނުއަސާސީއެއް ލިޔެފައި އޮތަސް، ވެރިކަން ހިންގާ ބާރުތަކުން އެ ގާނޫނުއަސާސީގައި ހިމެނޭ ކަންކަން ފުރިހަމައަށް ތަންފީޒު ނުކުރާނަމަ އެ ބުނާ ފޮނިމީރުކަމެއް ރައްޔިތުންނަސް ނުލިބޭނެކަމެވެ. ހުރިހާކަމެއްވެސް ގޮސް ގުޅެނީ ވެރިންގެ އިޚްލާސްތެރިކަމާއެވެ.