ރާއްޖޭގެ ފުޓުބޯޅައިގެ މައި އިދާރާގެ ފައުންޑޭޝަން އިން އިސްނަގައިގެން އުފައްދާފައިވާ ޗައިލްޑް ސޭފްގާޑް ޕޮލިސީ އިފްތިތާހުކޮށްފިއެވެ.

މި ޕޮލިސީ އިފްތިތާހުކުރުމަށް ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން، ފަޒްނާ އަހުމަދު އެވެ. އެފްއޭއެމްގެ ޗައިލްޑް ސޭފްގާޑް ޕޮލިސީ އިފްތިތާހުކޮށްދެއްވީވެސް އެކަމަނާއެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް، ޢައިޝަތު މުޙައްމަދު ދީދީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތް ކުރަމުންދާ ޖަމިއްޔާ، "އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރެން" (އާކް) އާއި ގުޅިގެން އެކުލަވާލި މި ޕޮލިސީގެ މަގްސަދަކީ، ސޯޝަލް ޑިވެލޮޕްމަންޓާއި ކުޅިވަރާއި ހުރި ގުޅުން ދެނެގަނެ، ފުޓުބޯޅައިގައި އެކި ގޮތްގޮތުން ޝާމިލުވާ ކުދިންގެ ރައްކާތެރިކަން ކަޝަވަރުކުރުމާއި ފުޓުބޯޅަ ކުޅުމައް ބޭނުންވާނެފަދަ މާހައުލެއް ގާއިމް ކޮށްދިނުން ކަމަށް އެފްއޭއެމް އިން ވަނީ ބުނެފައެވެ.

އަދި މި ޕޮލިސީ އެކުލަވާލުމަށްޓަކައި ރާއްޖޭގެ ގާނޫނު އަސާސީ އާއި، ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ ފީފާގެ މިނިމަމް ސްޓޭންޑަޑްގެ ތެރެއިން ސްޓޭކް ހޯލްޑަރުންނާއި ކުލަބުތަކުގެ އިތުރުން އެކެޑަމީތަކާއި އަދި ކުޑަކުދިންގެ ހިޔާލުވެސް ހޯދާފައިވާނެކަމަށްވެސް އެއިދާރާއިން ބުނެއެވެ.

އެފްއޭއެމް އިން ބުނީ، މިހާތަނަށް އެއިދާރާއިން މި މަގްސަދު ހާސިލްކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވީނަމަވެސް، މިއަދު އިފްތިތާހްކުރެވުނު ޕޮލިސީ ވެގެންދާނީ މިމަސައްކަތުގެ ފެށުމަށް ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އެފްއޭއެމްގެ ޗައިލްޑް ސޭފްގާޑިންގ ޕްރޮގްރާމުގެ ނަމުގައި މި ޕޮލިސީ ތަންފީޒުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.

މި ޕޮލިސީގެ ސަބަބުން އެފްއޭއެމް އިން ރާވާ ނުވަތަ އެފްއޭއެމް އިން އެންޑޯޒްކުރާ ފުޓުބޯޅައިގެ އެންމެހާ ހަރަކާތްތަކެއް ކުރިއަށް ގެންދާނީ ސީދާ އެއިދާރާގެ ބެލުމުގެ ދަށުން، ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ކަށަވަރުކޮށްދީގެންކަމަށް އެއިދާރާއިން ބުންޏެވެ.

ރާއްޖޭގެ ކުޅިވަރުގެ ތާރީހުގައިވެސް ކުޑަކުދިންނަށް ކުޅިވަރުގެ މައިދާނުގައި ރައްކާތެރިކަމާއި ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ކުރެވުނު އެންމެ ބޮޑު އަދި އެންމެ މުހިންމު މަސައްކަތް ކަމަށްވާ، ޗައިލްޑް ސޭފްގާޑް ޕޮލިސީގެ ދަށުން އެމްއޭއެމްގައި މިކަމަށް ހާއްސަ ޔުނިޓަކާއި ކޮމިޓީއެއް އުފައްދާ، ޗައިލްޑް ސޭފްގާޑިންގ އޮފިސަރެއްވެސް އައްޔަން ކުރެވިގެންދާނެ އެވެ.

މީގެތެރެއިން ކުޑަކުދިން ނުރައްކަލަށް ހުށަހެޅިދާނެ ފުރުސަތު ނުދިނުމަށްޓަކައި އުސޫލުތަކެއް ކަނޑައަޅާ، ރެކްރޫޓްމަންޓް ހަރުދަނާކުރެވިގެންދާއިރު، ކޯޗުންނަށް ލައިސަންސް ދޫކުރުމުގައި އާއި ތަމްރީނުކުރުމުގައި ކުޑަކުދިން ރައްކާތެރިކުރުމުގެ ބައިތައް ހިމެނިގެންދާނެ ކަމަށްވެސް އެފްއޭއެމް އިން މައުލޫމާތު ދެއެވެ. އަދި ކްލަބް ތަކާއި އެކެޑަމީ ތަކުން މިކަމަށް އެކި ފިޔަވަޅުތައް އެޅުމަށްވެސް ލާޒިމުކުރާނެކަމަށް އެއިދާރާއިން ވަނީ ބުނެފައެވެ.

މި ޕޮލިސީގައި ފުޓުބޯޅައިގެ ތެރެއިން ކުޑަކުދިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށްޓަކައި މައިގަނޑު ފަސް އުސޫލެއް ވަނީ ކަނޑައަޅާފައެވެ.

1- ކުއްޖާގެ މަސްލަހަތަށް އިސްކަންދިނުން:-

މި ޕޮލިސީގައިވާގޮތުން އެފްއޭއެމް އާއި އެފްއޭއެމުގައި ރަޖިސްޓްރީ ވެފައިވާ ކުލަބުތަކާއި އެކެޑަމީތަކުން، ކުޑަކުދިންނާއި ގުޅޭގޮތުން ކަންކަން ނިންމުމުގައި އިސްކަންދޭނީ ކުއްޖާގެ މަސްލަހަތަށެވެ.

2- ކުޑަކުދިންގެ ހައްގުތަކަށް އިޚްތިރާމްކުރުމާއި ކުރިއެރުވުން:-

މި ޕޮލިސީގެ ސަބަބުން، ފުޓުބޯޅައިގެ ތެރެއިން ކުއްޖާއަށް ލިބޭ އަނިޔާ އާއި އިހުމާލުގެ އިތުރުން ނާޖައިޒް ފައިދާ ނެގުމާއި ފުރައްސާރަކުރުމާއި ހަނގާކުރުންފަދަ ކަންކަމުން ރައްކާތެރިކޮށްދީ، އެއްވެސް ކުއްޖަކު ބާކީ ނުވާނެ މާހައުލެއްގައި ފުޓުބޯޅަ ކުޅުމުގެ ހައްގު ކޮންމެ ކުއްޖަކަށްވެސް ލިބިގެންދާނެއެވެ. އަދި އެކުދިންނާއި ގުޅުންހުރި ކަންކަން ނިންމުމުގައި އެކުދިންގެ ހިޔާލާއި ބައިވެރިވުން ހޯދުމާއި އެކުދިން ދައްކާ ވާހަކަތައް އަޑުއެހުމަށް އިސްކަމެއް ދޭނެއެވެ.

3- ތަފާތުނުކުރުން:-

ޕޮލިސީއަށް އަމަލުކުރަން ފެށުމުން ވަކި ޖިންސެއްގެ ކުއްޖަކަށް ވީތީ ނުވަތަ ހުންނަ ނުކުޅެދުންތެރިކަމެއްގެ ސަބަބުން، ހަމުގެ ކުލައަކުން އަދި ނިސްބަތްވާ ގައުމެއް ނުވަތަ ދަރިކޮޅެއްގެ ސަބަބުން ނުވަތަ އެނޫންވެސް އެހެން ސަބަބަކާއިހުރެ ކުދިންގެ މެދުގައި ތަފާތުކުރުން ހުއްޓުވާނެއެވެ.

4- ކުޑަކުދިން ރައްކާތެރިކުރުމުގެ މަސައްކަތުގައި ބޮޑެތި މީހުންގެ ޒިންމާ އިތުރުކުރުން:-

ފުޓުބޯޅައިގައި ހަރަކާތްތެރިވާ ކުޑަކުދިން ބެލެހެއްޓުމުގެ ޒިންމާ އޮންނަ ކޮންމެ މީހަކުވެސް އެމީހެއްގެ މަސްޢޫލިއްޔަތުގެ ތެރެއިން އެމީހަކާއި ހަވާލުވެފައިވާ ހުރިހާކުދިން ރައްކާތެރިކޮށްދޭން މި ޕޮލިސީގެ ސަބަބުން ޖެހޭނެއެވެ.

5- ކުޑަކުދިން ރައްކާތެރިކުރުމުގައި އެފްއޭއެމްގެ ދައުރު:-

ފުޓުބޯޅައިގެ ތެރެއިން ކުޑަކުދިން ރައްކާތެރިކުރުމުގައި އެފްއޭއެމްގެ ދައުރު ބޮޑުކަން ދެނެހުރެ، ފުޓުބޯޅައިގެ ތެރެއިން އެއްވެސް އަނިޔާއެއް ކުއްޖާއަށް ލިބޭކަން އެނގޭނަމަ ނުވަތަ ޝައްކު ކުރެވޭނަމަ، އެފްއޭއެމްގެ ޗައިލްޑް ސޭފްގާޑިންގ ޕޮލިސީ އާއި ރާއްޖޭގެ ކަމާބެހޭ ގާނޫނުތަކާ ގަވައިދުތަކާ އެއްގޮތަށް އެކަން ރިޕޯޓުކުރާނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައިސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންވެސް އަދި ޖެންޑަރ މިނިސްޓަރ ޢައިޝަތު މުޙައްމަދު ދީދީވެސް ވަނީ އެފްއޭއެމް އިން އިސްނަގައިން އާކް އާއި ގުޅިގެން ކުރި މަސައްކަތުން ވުޖޫދުކުރި ޗައިލްޑް ސޭފްގާޑިންގ ޕޮލިސީގެ މުހިންމު ކަން ފާހަގަކޮށް މިމަސައްކަތް ކުރިކަމަށްޓަކައި އެފްއޭއެމާއި އާކަށް ޝުކުރު އަދާކުރައްވާފައެވެ.

ޕޮލިސީ އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ:- އެފްއޭއެމް

އަދި މިއީ ކުޑަކުދިންގެ ހައްގަށް މަސައްކަތްކުރުމުގައި ފާހަގަކޮށްލަންޖެހޭ ދުވަހެއްގެ ގޮތުގައި ފަސްޓް ލޭޑީ ފަޒްނާ ވަނީ ސިފަކުރައްވާފައެވެ.

"އަޅުގަނޑު މިދުވަސް ފާހަގަކުރަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި، ކުޑަކުދިންގެ އަދުލުގެ ގާނޫނަށް އަމަލުކުރަން ފެށިފަހުން އައި އުފާވެރި ދުވަސްތަކުގެ ތެރެއިން ދުވަހެއްގެ ގޮތުގައި"
ފަސްޓް ލޭޑީ ފަޒްނާ އަހްމަދު
ޕޮލިސީ އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ:- އެފްއޭއެމް

މީގެއިތުރުން މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޖެންޑަރ މިނިސްޓަރ ޢައިޝަތު މުޙައްމަދު ދީދީ ވިދާޅުވީ މި ޕޮލިސީ އަކީ ކުޑަކުދިންގެ ރައްކާތެރިކަން ކަޝަވަރުކުރުމަށްޓަކައި އެންމެހާ މުއައްސަސާތަކުން އަދާކުރާ ދައުރު ދައްކުވައިދޭ ނަމޫނާ ފިޔަވަޅެއް ކަމަށެވެ. އަދި މި ޕޮލިސީ އެކުލަވާލާފައިވާ ފުރިހަމަކަމަށް މިނިސްޓަރ ވަނީ ތައުރީފުކުރައްވާފައެވެ

"އެފްއޭއެމް އިން ޗައިލްޑް ސޭފްޓީއަށް ދެއްވާފައިވާ އަހައްމިޔަތުކަން ފާހަގަކުރަން. މިގޮތުން ވަކި ހާއްސަ ކޮމިޓީއެއް އެކުލަވާލާ، މި ކޮމިޓީގައި ކަމާ ގުޅުންހުރި މުއައްސަސާތަށް ހިމަނާ، ކުދިންނާ ގުޅިގެން ކުރެވޭ އެންމެހާ މަޝްވަރާތަކަކީ، ކުދިންގެ ރައްކާތެރިކަމާ ކަރާމާތް އިސްކޮށް ކުރިއަށް ގެންދެވޭ މަޝްވަރާތަކެއްކަން ކަށަވަރުކުރުން މިއީ މި ޕޮލިސީގައި ހިމަނާފައިވާ ވަރަށް މުހިންމު ކަމެއްކަން އަޅުގަނޑު ފާހަގަކުރަން"
ޖެންޑަރ މިނިސްޓަރ ޢައިޝަތު މުޙައްމަދު ދީދީ
ޕޮލިސީ އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ:- އެފްއޭއެމް

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ މި ޕޮލިސީ އަކީ ފުޓުބޯޅައިގެ ތެރެއިން ކުދިންނަށް ލިބިދާނެ ގެއްލުމަކުން ނުވަތަ ނުރައްކަލުން އެކުދިން ސަލާމަތް ކުރުމަށްޓަކައި ބޮޑު ބާރަކަށް ވެގެންދާނެކަމަށް ވިދާޅުވެފައެވެ. އަދި މިއީ އެފްއޭއެމް ފައުންޑޭޝަން އުފެދިގެން މިވީ އަހަރެއްހާ ދުވަސްތެރޭގައި ލިބިގެންދިޔަ އުފާވެރި ދުވަހެއްގެ ގޮތުގައި ބައްސާމް ސިފަކުރެއްވިއެވެ.

"އަޅުގަނޑާއި އަޅުގަނޑުގެ މެނޭޖްމަންޓު އެފްއޭއެމަށް ހޮވިގެން އައުމަށްފަހު އެންމެ ބޮޑު އިސްކަމެއް ދިނީ ޓުވާޑްސް ފިއުޗަރގެ ދަށުން މުސްތަގްބަލަށް ޒުވާނުންތަކެއް ކުޅިވަރުގެ ތެރެއިން އުފެއްދުން. މިކަމުން އުފެދިގެން އަންނަ ކުޅުންތެރިންނަށް ރައްކާތެރި މާހައުލެއް ގާއިމްކޮށްދިނުމަކީ އަޅުގަނޑުމެން އެންމެންގެވެސް ވާޖިބެއް. މި ޕޮލިސީ އާއިއެކު މިރައްކާތެރިކަން ހޯދައިދިނުމަށްޓަކައި އަޅުގަނޑުމެންގެ ތެރޭގަ ސޭފްގާޑިންގ ޔުނިޓަކާއި ޗައިލްޑް ސޭފްގާޑިންގް އޮފިސަރެއްވެސް ހުންނާނެ"
ބައްސާމް އަދީލް ޖަލީލް

ފުޓުބޯޅަ ކުޅޭ ކުދިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެފްއޭއެމުން އިސްނަގައިގެން މިފަދަ މުހިންމު ޕޮލިސީއެއް ވުޖޫދުކުރިއިރު މިއީ އަދި މި މަސައްކަތުގެ ފެށުންކަމަށް އެއިދާރާއިން ބުނެއެވެ. އަދި މި ޕޮލިސީ ހަމައެކަނި އިފްތިތާހްކޮށްގެން ހަމަޖައްސާލައިގެން ތިބެވެން ނެތް ކަމަމަށްވެސް އެއިދާރާއިން ބުންޏެވެ.

މި ޕޮލިސީން ހާސިލުރަން ބޭނުންވާ ނަތީޖާ ހާސިލުކުރަން ބޭނުންވާނަމަ ހަމައެކަނި އެފްއޭއެމް އަށް، ހަމައެކަނި އާކް އަށް ނުވަތަ ހަމައެކަނި ސަރުކާރުގެ މުއައްސަސާތަކުން މަސައްކަތް ކޮށްގެން އެކަން ނުވާނެކަމަށް އެއިދާރާއިން ބުންޏެވެ. ފުޓުބޯޅައިގެ ތެރެއިން ކުދިންނަށް ރައްކާތެރި މާހައުލެއް ހޯދައިދެވޭނީ ހުރިހާ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަން އެއިދާރާއިން ފާހަގަކުރިއެވެ.