ސައުދީ އަރަބިއްޔާއިން ބޭރުން އުމްރާގެ އަޅުކަމަށް އަންނަ މީހުންނަށް މާދަމާއިން ފެށިގެން މަރްހަބާކިޔަން ތައްޔާރު ކަމަށް ސައުދީ އަރަބިއްޔާއިން އިއުލާން ކޮށްފިއެވެ.

ސައުދީ ސަރުކާރުގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއާ ހަވާލާދީ އެގައުމުގެ ރަސްމީ ނޫސް އޭޖެންސީން ބުނެފައިވަނީ، މި އޮގަސްޓްމަހުގެ 9 ވަނަ ދުވަހުން ފެށިގެން އުމްރާގެ އަޅުކަމަށް ސައުދީ އަރަބިއްޔާއިން ބޭރުން އަންނަ މީހުންނަށް ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.

އެގޮތުން، ސައުދީ އަރަބިއްޔާގެ އެތެރެއިންނާއި ބޭރުން އުމްރާގެ އަޅުކަމަށް މަހެއްގެ މައްޗަށް ދެމިލިއަން މީހުންނަށް ފުރުސަތު ދެވޭގޮތަށް މަޑުމަޑުން ޖާގަތައް އިތުރު ކުރަމުން ގެންދާނޭ ކަމަށް ބުނެފައި ވެއެވެ.

ސައުދީ އަރަބިއްޔާއިން ބޭރުން އުމްރާގެ އަޅުކަމަށް އަންނަ މީހުން، އެމީހަކު ނިސްބަތްވާ ގައުމަކުން ދޫކޮށްފައިވާ ވެކްސިން ޖެހިކަމުގެ ރަސްމީ ސެޓްފިޓް ހުށަހަޅަންޖެހެއެވެ. އަދި އެމީހަކު ޖެހި ވެކްސިނަކީ ސައުދީ އަރަބިއްޔާއިން އެޕްރޫވް ކޮށްފައިވާ ވެކްސިނަކަށް ވާންޖެހޭނެ ކަމަށްވެސް ބުނެފައި ވެއެވެ.

އުމްރާގެ އަޅުކަމަށް އަންނަ މީހުންނަށް ހުއްދަދިނުމަށް ހަމަޖައްސާފައިވަނީ އީތްމަރްނާ އަދި ތަވައްކަލްނާ އެޕްލިކޭޝަން މެދުވެރިކޮށެވެ. އެގޮތުން ހުށަހަޅާއިރު ވެކްސިން ޖެހިކަމުގެ ރަސްމީ ސެޓްފިކެޓް އެޕްލިކޭޝަންގައި އެޓޭޗްކުރަން ޖެހެއެވެ.

ވެކްސިން ޖަހާފައިވާ މީހުންނަށް އުމްރާގެ އަޅުކަމަށް އާދެވޭގޮތް ހެދުމާއި، އަދި މިހާރު އަޅާފައިވާ އެހެން ފިޔަވަޅުތަކަކީ، އުމްރާގެ އަޅުކަމަށާއި މުގައްދަސް ތަންތަނަށް ޒިޔާރަތްކުރާ މީހުންގެ ރައްކާތެރިކަމާއި ސިއްހަތު ކަށަވަރު ކުރުމަށް އަޅާ ފިޔަވަޅުތަކެއް ކަމަށް ސައުދީ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއިން ހާމަކޮށްފައި ވެއެވެ.

ޑެޕިއުޓީ މިނިސްޓަރ އޮފް ހައްޖު އެންޑް އުމްރާ ޑރ. އަބްދުލް ފައްތާހް ވިދާޅުވީ، އުމްރާވެރިން ދަތުރުކުރާ ބަސްތަކަށް މީހުން އަރުވާނީ 50 އިންސައްތައަށް ކަމަށާއި، ގައިދުރުކަން ބެހެއްޓުމާއި، ސެނިޓައިޒް ކުރުންފަދަ ކަންކަން މުޅި ދަތުރުގައި ކުރިއަށް ގެންދެވޭނޭ ކަމަށެވެ.

މީގެއިތުރުން، މިދުވަސްވަރު އުމުރުން 18 އަހަރުން ދަށުގެކުދިން މަސްޖިދުލް ޙަރަމަށް ވަނުމުގެ ފުރުސަތު ނުދިނުމަށްވެސް ވަނީ ނިންމާފައެވެ.