ޓޯކިޔޯ އޮލިމްޕިކްގައި ބެލަރޫސްއިން ބައިވެރިކުރި ދުވުންތެރިޔާ ކްރިސްޓީނާ ޝިމަނޫސްކަޔާގެ ނުރުހުމުގައި އޮލިމްޕިކުން ބޭރުކޮށް ރަށަށް ފޮނުވައިލަން އުޅުނު މައްސަލައިގާ އޭގެ 4 ދުވަސް ފަހުން ބެލަރޫސްގެ ދެކޯޗުން މަޤާމުން ވަކިކޮށްފިއެވެ.

ބައިނަލްއަޤުވާމީ އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން ހުކުރުދުވަހު ބުނެފައިވަނީ ބެލަރޫސްގެ ދެ ކޯޗުން ކަމުގައިވާ އަރތަރ ޝިމަކާއި ޔޫރީ މައިސެވިޗްގެ ކޯޗިންގ ލައިސަންސް ކެންސަލްކޮށް އެދެމީހުން ކޯޗުކަމުން ވަކިކޮށްފި ކަމުގައެވެ.

އަދި މި ދެކޯޗުން ވަގުތުން އޮލިމްޕިކް އަވަށް ދޫކޮށް ދިއުމަށް އެންގި ކަމަށާއި މިހާރު ދެމީހުން އެ އަވަށުން ނެރެލައިފައިވާ ކަމުގައިވެސް ބުނެފައި ވެއެވެ.

އޮލިމްޕިކް ކޮމިޓީން ބުނީ މިކަންކުރީ ރަސްމީ ތަޙުޤީޤަކަށްފަހު އެޅި އިންތިޤާލީ ފިޔަވަޅެއްގެ ގޮތުން ކަމުގައެވެ.

އައިއޯސީން ޝިމާކާއި މައިސެވިޗް ބެލަރޫސްގެ އެތުލީޓުންނާއި އާދީއްތަދުވަހުވެސް ވާހަކަ ދައްކައިފައިވެއެވެ. ނަމަވެސް އައިއޯސީން ބުނެފައިވަނީ މި ދެމީހުންނަކީ ބެލރޫސްގެ ޝިމަނޫސްކާޔާ ގަދަކަމުން ކާރަކަށްލައިގެން އެއަރޕޯރޓަށް ގެންގޮސް އޭނާގެ ނުރުހުމުގައި ބެލަރޫސްއަށް ގެންދަން އުޅުނު ދެމީހުން ކަމުގައެވެ.

ޝިމަނޫސްކާޔާ ވަނީ ސޯޝަލް މީޑިއާގައި ބެލަރޫސްގެ ކޯޗުން ކުށްވެރިކޮށްފައެވެ. އަދި މިހާރު އެކުއްޖާ ހުރީ އިންސާނީ ޚިދުމަތުގެ ވިސާއެއްގައި ޕޮލެންޑުގައެވެ.

އައިއޯސީން ބުނީ އެކޮމިޓީގެ އަޚުލާޤީ ކޮމިޝަނުން ތަޙުޤީޤު ހިންގާއިރު ޝިމަކާއި މިސެވިޗްގެ ބަޔާން ހުށަހެޅުމަށް ފުރުޞަތު ދޭނެކަމުގައެވެ. އަދި އެމީހުން ދައްކާ ވާހަކަ އަޑުއަހާނެ ކަމުގައެވެ.

ބެލރޫސްގެ އޮލިމްޕިކް ކޮމިޓީން ބުނީ މި ދެމީހުން ވަރަށް އަވަހަށް ވެރިރަށް މިންސްކަށް އެނބުރި އަންނާނެ ކަމުގައެވެ. އަދި އެމީހުނާއި ދެކޮޅަށް އެޅި ފިޔަވަޅު އިސްތިއުނާފް ކުރުމުގެ ޙައްްޤުވެސް ލިބިގެންވާ ކަމުގައެވެ.

ބެލަރޫސްގެ ޚުދުމުޚުތާރު ރައީސް އަލެކްސާންޑަރ ލުކަޝެންކޯ ވެރިކަމުގައި 6 ވަނަ ދައުރަކަށް ހުންނެވުމަށް ނިންމެވުމާއި ގުޅިގެން އެ ޤައުމުގައި ހަމަނުޖެހުން ހިނގާތާ އަހރެއްހައި ދުވަސްވަނީ ވެފައެވެ. އަދި އޭނާ 6 ވަނަ ދައުރަކަށް ހޮވި ވަޑައިގަތީ އޭނާ ވޯޓު އޮޅުވައިލައްވައި ވަގަށް ނަންގަވައިގެން ކަމަށް ފުޅާދާއިރާއެއްގައި ކަމަށް ތުހުމަތު ކުރެވެމުން ދެއެވެ.

ކުރީގެ ސޯވިއެޓު ޔޫނިއަންގެ މި ޤައުމާއި ދެކޮޅަށްކިޔާ ފާޑުކިއުންތައް ސަރުކާރުން ދޮގުކުރެއެވެ.

ލުކަޝެންކޯއަކީ 1990 ގެ ތެރެއިން ފެށިން މިއަހަރާއި ހަމައަށް ބެލަރޫސްގެ އޮލިމްޕިކް ކޮމިޓީގެ ވެރިއާއެވެ. ނަމަވެސް އޭނާގެ ދަރިކަލުން ވިކްޓަރ ވަނީ މިއަހަރު އެ ކޮމިޓީގެ ވެރިއަކަށް އިންތިޚާބުކޮށްފައެވެ.

އައިއޯސީން ވަނީ ލުކަޝެންކޯގެ ދެބަފައިން ޓޯކިޔޯގައި ކުރިއަށްދާ އޮލިމްޕިކް ކުޅިވަރުތައް ބަލަން ދިއުން މަނާކޮށްފައެވެ. އެއީ ރައީސްގެ ދަރިކަލުން އޮލިމްޕިކް ކޮމިޓީގެ ރައީސްކަމަށް އިންތިޚާބު ކުރުމަށްފަހު ކުޅިވަރު ކުޅުންތެރީންނަށް ބިރުދެއްކުމާއި އެމީހުންގެ މުދަލާއި ތަކެތި ސަލާމަތީ ސަބަބުތަކަށް ކަމަށްބުނެ އަތުލުމާއި އެފަދަ ކަން ކުރިކަން އައިއޯސީގެ ތަޙުޤީޤތަކުން ސާބިތުވުމުންނެވެ.

އަލެކްސާންޑަރ ލުކަޝެނކޯ އަށް 2012 ވަނަ އަހަރު ލަންޑަނުގައި އޮތް އޮލިމްޕިކް މުބާރާތަށް ދެވޭ ގޮތެއް ނުވިއެވެ. ސަބަބަކީ ޔޫރަޕުގެ އިއްތިޙާދުން އޭނާއަށް ވިސާ ދިނުމަށް ދެކޮޅުހެދުމުންނެވެ. އެއީ އެ ޤައުމުގެ އޮލިމްޕިކް ކޮމިޓީގެ އިންތިޚާބާއި ގުޅިގެން އުފެދުނު ދެބަސްވުންތަކުގައި އެތައް ބައެއްގެ ޙައްޤުތައް ނިގުޅައިގަތުމުންނެވެ.

އައިއޯސީއިން ބެލަރޫސްގެ އޮލިމްޕިކް ކޮމިޓީއާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަކީ ލުއި ފިޔަވޅުތަކެއް ނަމަވެސް ބެލަރޫސްގެ އެކްޓިވިސްޓުން ގެންދަނީ އައިއޯސީގެ ނިންމުންތައް ކުށްވެރިކުރަމުންނެވެ. ނަމަވެސް ކުޅިވަރު ކުޅުންތެރީންގެ ޙައްްުގައި ވަކާލާތުކުރާ ބައިނަލް އަޤުވާމީ ގުރޫޕުތަކުން ގޮވައިލައިފައިވަނީ ބެލަރޫސްގެ އޮލިމްިކް ކޮމިޓީއަށް ފުރިހަމައަށް އަދަބުދީ ބައިނަލްއަޤުވާމީ ކުޅިވަރުތަކުން އެކަހެރި ކުރުމަށެވެ.

ނަމަވެސް މިގޮތަށް ނިންމައިފިނަމަ ޝިމަނޫސްކާޔާއާއި ބެލަރޫސްގެ 103 މެމްބަރުންގެ ކުޅިވަރު ޓީމުން އޮލިމްޕިކް ދިދައިގެ ދަށުގައި ތަމްސީލުކުރަން ޖެހޭނީ އަމިއްލާ ޓީމެއްގެ ގޮތުގައެވެ.

ބެލަރޫސްގެ މައްސަލަ ޙައްލު ކުރުމަށް އޮލިމްޕިކް އޮފިޝަލުން ކުރައްވަނީ ކޮން ކަމެއްތޯ ދެންނެވުމުން އައިއޯޗީގެ ރައީސް ތޮމަސް ބަޚް ވިދާޅުވީ އެ ކޮމިޓީއަކީ ޤައުމެއްގެ ސިޔާސީ ނިޒާމު ބަދަލުކުރުމުގެ ޙައްްޤު ލިބިގެންވާ ތަނެއް ނޫން ކަމުގައެވެ. އަދި އެ ކޮމިޓީގެ ޒިންމާތަކަކީ ކުރެވެން އޮތް މިންވަރަކުން އެތުލީޓުން ޙިމާޔަތްކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން ކަމުގައެވެ.

ބެލަރޫސްގެ އޮލިމްޕިކް އޮފިޝަލުން ވިދާޅުވީ އައިއޯސީއައި ވާހަކަ ދައްކަމުން ގެންދާކަމުގައެވެ. އަދި ބެލަރޫސްގެ ކޯޗުންނާއި އެތުލީޓުންނާއިމެދު އޮންނަ ކޮންމެ ބާވަތެއްގެ ތަފާތުކުރުންތަކަކުން އެމީހުންގެ މަޞްލަޙަތު ދިފާއު ކުރުމަށްޓަކައި މަސައްކަތްކުރަމުން ގެންދާނެކަމުގައެވެ.

ކަން މިހެން އޮތް ނަމަވެސް ބެލަރޫސްއަކީ ޔޫރަޕުގެ ޤައުމީ އޮލިމްޕިކް ކޮމިޓީތަކުގެ ގުރޫޕުން 2019 ވަނަ އަހަރު ބާއްވާ ޔޫރަޕުގެ ކުޅިވަރު މުބާރާތް ބާއްވަން ނިންމައިފައިވާ ޤައުމެވެ. މިއީ 4000 އެތުލީޓުން މިންސްކަށް ޖަމާވެ ވާދަކުރާނެ މުބާރަތެކެވެ.