ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ "ދިވެހިބަހުގެ އެކެޑަމީ" ގައި ހިމެނޭ މެންބަރުންގެ ތެރެއިން 3 މެންބަރެއްގެ ދައުރު މިއަދު ހަމަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދިވެހިބަހުގެ އެކަޑެމީގެ މެންބަރުކަމަށް 3 ބޭފުޅަކު މިއަދު ޢައްޔަން ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ދިވެހިބަހުގެ އެކެޑަމީއަށް މިއަދު ޢައްޔަންކުރެއްވި 3 މެންބަރުންނަކީ ދަފްތަރު. ނަންބަރު ރސ 1901 ޑޮކްޓަރ އަޝްރަފް ޢަބްދުއްރަޙީމާއި ޅ.ކުރެންދޫ، ނޫރަންގެ ޒުލްފާ އިބްރާހީމާއި މ.ޑައިމަންޑްވެލީ މުޙައްމަދު ޝާހިދު ޙަލީމެވެ.

މި ތިންބޭފުޅުންގެ ތެރެއިން މުޙައްމަދު ޝާހިދު ޙަލީމް ކުރިންވެސް ހުންނެވީ ދިވެހި ބަހުގެ އެކެޑަމީގެ މެންބަރެއްގެ ގޮތުގައެވެ.

ބަހުގެ އެކަޑަމީގައި ތިއްބެވި މެންބަރުންގެ ތެރެއިން މިއަދު މެންބަރުކަމުގެ ދައުރު ހަމަވި 3 ބޭފުޅުންނަކީ އަޝްރަފް ޢަލީ އާއި، ރާފިޢާ ޢަބްދުލްޤާދިރު އަދި މުޙައްމަދު ޝާހިދު ޙަލީމެވެ.

ރައީސުލްޖުމްހޫރިއްޔާ ގެންނެވި މި ބަދަލާއެކު މިހާރު ދިވެހިބަހުގެ އެކެޑަމީގެ މެންބަރުންގެ ގޮތުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ؛ މއ.އުރަހަ، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުއްރަޝީދު ޙުސައިންއާއި، ދަފްތަރު ނަންބަރު 8255،3، ޢިޔާޒު ޖާދުﷲ ނަސީމް، މ.ޑައިމަންޑްވެލީ، މުޙައްމަދު ޝާހިދު ޙަލީމްއާއި، ދަފްތަރު. ނަންބަރު ރސ 1901،5، އަޝްރަފް ޢަބްދުއްރަޙިމްއާއި، ޅ.ކުރެންދޫ، ނޫރަންގެ ޒުލްފާ އިބްރާހީމްއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ޤާނޫނުގައިވާ ގޮތުގެމަތިން، ދިވެހިބަހުގެ އެކަޑަމީގެ ރައީސާއި ނައިބުރައީސް ހޮވޭނީ މެންބަރުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުން، އެކެޑަމީގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.